ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ސަބްސިޑަރީ އިންވެސްޓަމަންޓް ޕްލޭންގެ ވިސްނުން ދޫކޮށްލަން ވިސްނާފައިވާކަން ފީފާއިން އިއުލާނުކުރެއްވުމާއެކު އެކަމަށް އޭޝިއާގެ ފުޓުބޯޅަ އިދާރާ، އޭއެފްސީން މަރުހަބާ ކިޔައިފިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހަޅާފައިވާ އެފްއެފްއީގެ ޕްލޭނަކީ، ފީފާގެ މުބާރާތްތަކަށް އިވެންޓްމަންޓް ހޯދައި، މުބާރާތްތަކުގެ ހިއްސާ ވިއްކުމުގެ ޕްލޭނެކެވެ. އެ ޕްލޭނުގެ ދަށުން ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު އިވެންޓް، ވޯލްޑް ކަޕްގެ ހިއްސާ ވިއްކުމުގެ ފުރުސަތުވެސް އެބައޮތެވެ.
އެ ޕްލޭނަށް އޭޝިއާ، ޔޫރަޕްގެ އިތުރުންވެސް ކޮންކަކަފްއިން ނޫނެކޭ ބުނުމާއެކު، ފާސް ނުވާނެކަން ޔަގީންވެ، އިންފަންޓީނޯ ވަނީ ޕްލޭން އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަން ހާމަކޮށްފައެވެ.
ހަބަރުތައް ބުނީ އޭއެފްސީން އެ ޕްލޭނާ ދެކޮޅު ހެދުން އެއީ ބައެއް ފަރާތްތަކަށް ހައިރާންކަން ލިބުނު ކަމެއް ކަމަށެވެ. އޭއެފްސީގެ ރައީސް ޝެއިހް ސަލްމާން ބިން އެބްރާހީމް އަލް ހަލީފާ ވިދާޅުވީ ފީފާއިން ޕްލޭން އަނބުރާ ގެންދިއުމަށް މަރުހަބާ ކިޔާ ކަމަށެވެ.
އޭއެފްސީން އެކަމާ ގުޅިގެން ފީފާއަށް ފޮނުވާފައިވާ ހާއްސަ ސިޓީގައި ބުނެފައި ވަނީ މުޅި ފުޓުބޯޅައަށް އަސަރުކުރާ ކަންކަމުގައި އަބަދުވެސް ފީފާއިން މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި އަބަދުވެސް މެމްބަރު ގައުމުތަކުގެ ލަފާ ހޯދައި، އިހުތިރާމާއެކު މަޝްވަރާ ކުރުމުގެ ޖާގަ ހުޅުވިފައި އޮންނަން ޖެހޭނެ ކަމަށްވެސް ސިޓީގައިވެއެވެ.
އޭއެފްސީގެ ރައީސް ޝެއިހް ސަލްމާން ބުނެފައި ވަނީ ފީފާއިން މިފަހަރު ޕްލޭން ހުށަހެޅި ގޮތް ކަމުނުދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ގޮތެއް ނޫން ކަމަށެވެ.
އޭއެފްސީ
އޭއެފްސީ
އޭއެފްސީ
ކޮމެންޓް