އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، އެމެރިކާގެ ސިފައިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ފޮކްސް ނިއުސްގެ ސީނިއަރ ވައިޓް ހައުސް ކޮރެސްޕޮންޑެންޓް ޖެކީ ހައިންރިކްއަށް ދެއްވި އިންޓަވިއުއެއްގައެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާ މޮޅުވަމުންދާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

“މިކަން ދަނީ ވަރަށް ރަނގަޅަށް. އަހަރެމެންނަށް ކުރެވޭނެހާ ވެސް ކަމަކީ މޮޅުވަމުން ދިއުން. އޭރުން އާހިރުގައި ކޮންމެވެސް ކަމެއް ވާނެ،” ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމެރިކާގެ ފައުޖުތަކުން އީރާނަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

“އަހަރެމެން މިދަނީ އެމީހުންނަށް ވަރުގަދައަށް ހަމަލާދީ، އެމީހުންގެ ބާރު ކަނޑުވާލަމުން. އަދި އަހަރެމެން މިދަނީ މޮޅުވަމުން. ނަތީޖާއެއްގެ ގޮތުން އެމީހުންނަށް އެނބުރި ދިއުން ނޫން ގޮތެއް ނޯންނާނެ،” ޓްރަމްޕް ވިދާޅުވި ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ކޭމްޕް ޑޭވިޑްގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ އީރާނުގެ އަސްކަރީ ގާބިލުކަން ވަރަށް ބޮޑަށް ދަށްކޮށްލެވިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން އީރާނުގެ ކަނޑުގެ ސިފައިންގެ އަތުގައި އޮތް 159 އުޅަނދާއި 200 މަތިންދާބޯޓު މިހާރު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އީރާނާއެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު ކުޑަވަމުންދާ ކަމަށާއި، އޭގެ ސަބަބަކީ އީރާނުން ދޮގުހެދުން ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

މި އިންޓަވިއު ދެއްވާފައިވަނީ، އީރާނުން ދިން ހަމަލާތަކަކަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާކަން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި މިއީ މެދުއިރުމަތީގައި ތިބޭ އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް އީރާނުން ދޭން އުޅުނު ހަމަލާތަކަކަށް ދިން ރައްދެކެވެ.