އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ކަނޑުމަތީގެ ހިސާރު ފޫއަޅުވާލައި، ތެޔޯ ޓޭންކަރެއް ކަމަށްވާ 'އެމްޓީ ނޯރާ' ދަތުރުކޮށްފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ނަމަވެސް އެކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ދޮގުކޮށްފިއެވެ.

ސެންޓްކޮމްއިން ބުނި ގޮތުގައި، އެމެރިކާއިން "ސްޓީލް ވޯލް" ގެ ނަމުގައި ކުރިއަށްގެންދާ ހިސާރުގެ ދަށުން، އީރާނުގެ ބަނދަރުތަކާއި އައްސޭރިފަށުގެ ސަރަހައްދުތައް ބެލެހެއްޓުމަށް އެމެރިކާގެ މަނަވަރުތަކާއި މަތިންދާބޯޓުތަކުގެ އިތުރުން އެތައް ހާސް ސިފައިންނެއް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެމްޓީ ނޯރާއިން އެމެރިކާގެ ހިސާރު ފޫއަޅުވައިލެވިިފައި ނުވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ޖުލައިމަހުގެ 14 ވަނަ ދުވަހު އަލުން ފެށި މި ހިސާރުގެ ދަށުން ވިޔަފާރިކުރާ 20 ބޯޓެއްގެ މިސްރާބު މިހާތަނަށް ބަދަލުކުރުވައި، ދެ ބޯޓެއް ހުއްޓުވައި، އަދި އިތުރު ދެ ބޯޓަކަށް އެމެރިކާ ސިފައިން އަރައި ފާސްކޮށްފައިވާ ކަމަށް ސެންޓްކޮމްއިން ހާމަކޮށްފައިވެއެވެ.

ހިސާރުގެ އަމަލުތައް ފުރިހަމައަށް ތަންފީޒުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް އެ އިދާރާއިން ވަނީ ތަކުރާރުކޮށްފައެވެ.