އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލައްވާފައިވާ 'ބޯޑް އޮފް ޕީސް' އިން، ހަމާސް ހަތިޔާރުބެހެއްޓުމަށާއި އިސްރާއީލު ސިފައިން ގައްޒާއިން ފޭބުމަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ޓްރަމްޕް އިއުލާންކުރައްވައިފިއެވެ.

ރޭ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރުތް ސޯޝަލް' ގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، މިއީ ގައްޒާގައި ދާއިމީ ސުލްހައެއް ގާއިމުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މި އެއްބަސްވުމުގެ ދަށުން ހަމާސްގެ ހަތިޔާރުތައް ނައްތާލުމުގެ ކަންކަން ކުރިއަށްދާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށް ޓްރަމަޕް ވިދާޅުވިއެވެ. އަދި އެ މަރުހަލާތައް ނިމުމުން އިސްރާއީލު ސިފައިން ގައްޒާއިން ފައިބާނެ ކަމަށާއި، އޭގެ ފަހުން ގައްޒާގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) އާއި އަލަށް އެކުލަވާލާ ފަލަސްތީނުގެ ފުލުހުންގެ ފައުޖަކުން ގުޅިގެން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން، މި އެއްބަސްވުމަކީ ޓްރަމްޕް ހުށަހަޅުއްވާފައިވާ 20 ނުކުތާގެ ސުލްހައިގެ ޕްލޭން ތަންފީޒުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި މެދުވެރިންގެ ދައުރު އަދާކުރި މިސްރާއި، ގަތަރު އަދި ތުރުކީއަށް ޓްރަމްޕް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ޓްރަމްޕް މިފަދައިން އިއުލާންކުރެއްވި ނަމަވެސް، މި އެއްބަސްވުން ގަބޫލުކުރި ކަމަށް ހަމާސް އިން އަދި އިސްރާއީލުން ވެސް މިހާތަނަށް ރަސްމީކޮށް ބުނެފައެއް ނުވެއެވެ.

މި އެއްބަސްވުމުގެ ވާހަކަ އިއުލާންކޮށްފައި މިވަނީ، އެމެރިކާ މެދުވެރިވެގެން ގައްޒާގައި ގާއިމުކުރި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށް ނުވަ މަސް ފުރިފައި ވަނިކޮށެވެ.

އެމެރިކާގެ ރަސްމީ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދެވަނަ މަރުހަލާ ތަންފީޒުކުރުމާ ގުޅޭގޮތުން ދެ ފަރާތުގެ ދެމެދުގައި ކުރިއަށްދިޔަ މަޝްވަރާތައް އޮތީ އެއްބަސްވުމަކަށް ނާދެވި ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން، ހަމާސް ހަތިޔާރު ބެހެއްޓުމާއި ގައްޒާ އަލުން އާރާސްތުކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާމެދު ދެ ފަރާތުގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފައެވެ.