ރާއްޖޭގެ ބޭންކް އެކައުންޓްތަކުން އިންޑިއާގެ ބޭންކް އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވޭނެ އިންތިޒާމު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
މި ހިދުމަތް ފަށާފައިވަނީ ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލުމާ ގުޅިގެންނެވެ.
އެމްއެމްއޭގައި މިއަދު ބޭއްވި ހަފުލާއެއްގައި މި ހިދުމަތް އިފްތިތާހުކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ގުޅިގެންނެވެ. މިއާއެކު، އެ ދެ ބޭންކުގެ ކަސްޓަމަރުންނަށް އެ ބޭންކުތަކުގެ މޮބައިލް އެޕް މެދުވެރިކޮށް، އިންޑިއާގައި ޔޫޕީއައި ބޭނުންކުރާ ފަރާތްތަކަށް ވަގުތުން ފައިސާ ފޮނުވޭނެއެވެ.
މި މުއާމަލާތްތަކުގައި ފައިސާ ފޮނުވާ ފަރާތުގެ އެކައުންޓުން ދިވެހި ރުފިޔާ ނުވަތަ ޑޮލަރު އުނިވާއިރު، އިންޑިއާގައި ހުންނަ ފަރާތަށް އެ ފައިސާ ލިބޭނީ އިންޑިއާ ރުޕީސް އިންނެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، މި ހިދުމަތް ފަށާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހަމައެކަނި އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ (ޕީ2ޕީ) މުއާމަލާތްތައް ހިމެނޭއިރު، ދެވަނަ ފިޔަވަހީގައި ކިއުއާރް ކޯޑް ބޭނުންކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ ނިޒާމު ޓެސްޓުކުރުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ތަނުގައި ފެށޭނެ ކަމަށެވެ.
ބޭރު ފައިސާގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، މި ހިދުމަތް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށް މަހަކު ފޮނުވޭނީ ގިނަވެގެން 24,000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) އެވެ. ފައިސާ ފޮނުވުމުގެ ކުރިން، ފައިސާ ލިބޭ ފަރާތުގެ އެކައުންޓްގެ ސައްހަކަން ޔޫޕީއައި މެދުވެރިކޮށް ކަށަވަރުކޮށް، އެ ވަގުތުގެ އެކްސްޗޭންޖް ރޭޓާއި ބޭންކް ފީތައްވެސް ބަލާލެވޭނެއެވެ.
މި ހިދުމަތަކީ 24 ޖުލައި 2025 ގައި އެމްއެމްއޭ އާއި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޑިޖިޓަލް ޕޭމަންޓް ނިޒާމު ކަމަށްވާ ޔޫޕީއައި މެދުވެރިކޮށް މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި އެކަނިވެސް 3.56 ޓްރިލިއަން އެމެރިކާ ޑޮލަރުގެ މުއާމަލާތް ހިންގާފައިވެއެވެ. މި ނިޒާމަކީ ގޫގުލް ޕޭ އާއި ޕޭޓީއެމް ފަދަ މަޝްހޫރު އެޕްލިކޭޝަންތަކުގައިވެސް ބޭނުންކުރާ ނިޒާމެކެވެ.
މުހައްމަދު އިޝާން
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް