ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (އެމްއެލްއީ) މެދުވެރިކޮށް ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓް ކާގޯ ކާމިޔާބުކަމާއެކު ފޮނުވާލައިފިއެވެ.

އެމްއޭސީއެލް އިން މިއަދު ބުނި ގޮތުގައި ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް ގެނައި މި މުދާތައް، ވެލާނާ އެއާޕޯޓުން ވައިގެ މަގުން ފޮނުވާލީ ފްރާންސްގެ ލީލް އަށެވެ.

މިއީ އެއާޕޯޓުގެ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ހިދުމަތް ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ފުޅާވެގެންދިޔަ މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި މި މަސައްކަތުން ދައްކުވައިދެނީ އޭޝިއާއާއި ޔޫރަޕާ ދެމެދު މުދާ ބަދަލުކުރުމުގައި ރާއްޖޭގެ މައި އެއާޕޯޓުން އަދާކުރާ މުހިންމު ދައުރު ކަމަށެވެ.

މީގެ ކުރިން އެ އެއާޕޯޓު މެދުވެރިކޮށް މިފަދަ ހިދުމަތްތައް ގިނައިން ހޯދަނީ ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާއިންނެވެ. ނަމަވެސް ކެމްބޯޑިއާގެ މުދާ ކާމިޔާބުކަމާ އެކު ހޭންޑްލް ކުރެވުމަކީ އާ މާކެޓްތަކަށް ރާއްޖޭގެ ކާގޯ ހިދުމަތް ފޯރަމުންދާކަމުގެ ހެއްކެެއް ކަމަށްވެސް ބުންޏެވެ.

ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓަކީ ހަމައެކަނި ވައިގެ މަގުން މުދާ ފޮނުވުމަށްވުރެ އަގުހެޔޮ އަދި ކަނޑުމަގުން އެކަނި ފޮނުވުމަށްވުރެ އަވަސް ގޮތެކެވެ. އެހެންކަމުން މިއީ އަވަހަށް ފޮނުވަންޖެހޭ މުދަލަށް އޮތް އެންމެ ރަނގަޅު ހައްލެވެ.

މި ކާމިޔާބީއާއެކު، އޭޝިއާއާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެކި ބާޒާރުތަކާ ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވެލާނާ އެއާޕޯޓުގެ ނަން ވަނީ އިތުރަށް ވަރުގަދަވެފައެވެ.