އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހޫތީ ޖަމާއަތުން ބާބުލްމަންދަބް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރުން ފީއެއް ނެގުމަށް މަޝްވަރާކުރަމުންދާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފިއެވެ.

ރޮއިޓާސްއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފީ ނެގުމަށްޓަކައި ހާއްސަ އިދާރާއެއް ގާއިމުކުރުމުގެ މަސައްކަތް އީރާނުގެ މުޝީރުންގެ އެހީތެރިކަމާއެކު ހޫތީން އަންނަނީ ކުރަމުންނެވެ. ނަމަވެސް، މި ހުށަހެޅުން އަދި ރަސްމީކޮށް ތަންފީޒުކުރަން ފަށާފައިނުވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. މި އިންތިޒާމުގެ ދަށުން ޗައިނާއާ ގުޅުންހުރި ބޯޓުފަހަރު ފީ ދެއްކުމުން އިސްތިސްނާވާނެ ކަމަށްވެސް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

ޔަމަނުގެ ސަރުކާރުގެ އިންފޮމޭޝަން މިނިސްޓަރު މުއައްމަރު އަލްއަރްޔާނީ ވިދާޅުވި ގޮތުގައި، މިއީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށާއި ހަކަތައިގެ ބާޒާރަށް އޮތް ބޮޑު ނުރައްކަލެކެވެ. އަދި މިއީ ހޫތީންގެ އަސްކަރީ ހަރަކާތްތަކަށް ދާއިމީ ގޮތެއްގައި ފައިސާ ހޯދުމަށް ރާވާފައިވާ ކަމެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން، ޔަމަނުގެ ފޮރިން މިނިސްޓަރު އަފްރާހް އަލްޒައުބާ ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަތް ކަނޑުގެ މައްޗަށް ބާރުފޯރުވުމަށް ހޫތީން މަސައްކަތްކުރާނެ ކަމަށާއި، އެކަން ކާމިޔާބުވެއްޖެނަމަ ބޯޓުފަހަރުން ފީ ނަގާނެ ކަމަށެވެ.

ބާބުލްމަންދަބް ކަނޑުއޮޅިއަކީ ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ބޮޑު ބައެއް ހިއްސާކުރާ ސަރަހައްދަކަށް ވާއިރު، ފީއެއް ނަގަން ފަށައިފިނަމަ މުދާ އުފުލުމުގެ އަގު ބޮޑުވެ، އިންޝުއަރެންސް ޕްރީމިއަމްތައް އުފުލިގެންދާނެ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އަދި މީގެ ސަބަބުން ބައެއް ބޯޓުފަހަރު އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް ވަށައިގެން ދަތުރުކުރަން މަޖުބޫރުވެ، ޔޫރަޕާއި އޭޝިއާއަށް މުދާ ފޯރުކޮށްދިނުމުގައި ލަސްތަކެއް ކުރިމަތިވާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މި ތުހުމަތުތަކާ ގުޅޭގޮތުން ހޫތީން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.