އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އަނެއްކާވެސް ދެއްވައިފިއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ބުދަ ދުވަހު އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

“އެމީހުންނަށް ވަރުގަދަ ހަމަލާތަކެއް ދޭނަން. އަދި އެމީހުން ބަލިކޮށްލާނަން،” ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާއާއި ސައޫދީ އަރަބިއްޔާ ގުޅިގެން އިރާގުގައި ހުރި ހަނގުރާމަވެރިންގެ މަރުކަޒުތަކަކަށް ހަމަލާދީފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، ވިދިވިދިގެން ދެ ދުވަހު ސައޫދީ އަރަބިއްޔާގެ ތެޔޮ އުފައްދާ ކާރުހާނާތަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް އެ ގައުމުން ބުނެފައިވާއިރު، މި ހަމަލާތަކުގެ ފަހަތުގައި ވަނީ އީރާނަށް ތާއީދުކުރާ އިރާގުގެ ޖަމާއަތްތަކެއް ކަމަށް ސައޫދީން ތުހުމަތުކުރެއެވެ.

މީގެ އިތުރުން އިސްރާއީލުން ބުނި ގޮތުގައި، ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ވަނީ ރޭގަނޑުގެ ވަގުތެއްގައި ލުބުނާނުގެ އެތެރޭގައި އޮތް އިސްރާއީލުގެ އުޅަނދަކަށް ޑްރޯން ހަމަލާއެއް ދީފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ސިފަކުރި ގޮތުގައި މިއީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފުވުމެކެވެ.

އަނެއްކޮޅުން، އުރުދުންގެ އަސްކަރިއްޔާއިން ބުނެފައިވަނީ އީރާނުން ފޮނުވާލި ފަސް މިސައިލެއް ވައްޓާލާފައިވާ ކަމަށެވެ. ނަމަވެސް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނީ އެ ހަމަލާތައް އަމާޒުކުރީ އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ކަމަށެވެ. މީގެ އިތުރުން، އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިރާގާއި އީރާން ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އެމެރިކާއިން ވަނީ ހަމަލާތަކެއް ދީފައެވެ.

މި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މިކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފަސް އިންސައްތަ އުފުލިފައެވެ.