ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯއިން މިއަދު އާންމުކުރި އެ ކުންފުނީގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން ދެވަނަ ކުއާޓަރުގެ ތެރޭގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި ޖުމްލަ 6.98 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މީގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 27 ޕަސަންޓުގެ އިތުރުވުމެކެވެ.
އާމްދަނީ މިހާ ބޮޑަށް އުފުލުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރާއި އެސްޓީއޯ ގުޅިގެން ފޯރުކޮށްދޭ ތެލުގެ އަގުތައް ނިސްބަތުން މަތިނުކޮށް ހިފެހެއްޓުމުގެ ސަބަބުން، ތެލުގެ ވިޔަފާރިން ލިބުނު މާޖިން ކުޑަވެ، އެ ދާއިރާގެ ޖުމްލަ ފައިދާ ވަނީ ދަށްވެފައިކަމަށް އެެސްޓީއޯއިން ބުންޏެވެ.
ނަމަވެސް ކުންފުނިން ކުރާ އެހެނިހެން ވިޔަފާރިތަކުން ލިބުނު ފައިދާ އިތުރުވުމުގެ ސަބަބުން، ތެލުގެ ވިޔަފާރިން ވީ ގެއްލުން ކުޑަކޮށް، ޖުމްލަ ފައިދާގެ ގޮތުގައި 757 މިލިއަން ރުފިޔާ ވަނީ ލިބިފައިކަމަށް އެސްޓީއޯއިން ބުންޏެވެ. މީގެ އިތުރުން، އިދާރީ ހިންގުމާއި ފައިނޭންސް ކުރުމަށް ކުރެވޭ ހަރަދުތައް ހަރުދަނާކޮށް މެނޭޖްކުރުމަށް އެސްޓީއޯއިން ކުރި މަސައްކަތާއެކު، ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 335 މިލިއަން ރުފިޔާ ވަނީ ރިކޯޑުކުރެވިފައިކަމަށް އެސްޓީއޯއިން ބުންޏެވެ.
ދައުލަތަށް ދައްކަންޖެހޭ ޓެކްސް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވަނީ ދުނިޔޭގެ ބާޒާރަށް އައި ބޮޑެތި ބަދަލުތަކުގެ ތެރޭގައިވެސް ކުންފުނީގެ ހިންގުން ހަރުދަނާ މިންގަނޑެއްގައި ހިފެހެއްޓުމުގެ ސަބަބުންކަމަށް އެސްޓީއޯއިން ބުންޏެވެ.
މުހައްމަދު އިޝާން
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
ކޮމެންޓް