ރެޑް ސީން ދަތުރުކުރަމުންދިޔަ ސައުދީ އަރަބިއްޔާގެ އުޅަނދަކަށް އަމާޒުކޮށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެ ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ރާއްޖޭން ދެކޭ ކަމަށެވެ. އަދި މިއީ ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ރެޑް ސީ އާއި ބާބުލް މަންދަބު ސަރަހައްދުގެ ހަމަޖެހުން ނަގާލައި، ދުނިޔޭގެ އިގްތިސާދަށާއި ހަކަތައިގެ ރައްކާތެރިކަމަށާއި ސަރަހައްދީ ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ނުރައްކާތެރި އަމަލެއްކަންވެސް ފާހަގަކުރާ ކަމަށެވެ.

އެ ބަޔާނުގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރު ނަންބަރު 2216 އާއި 2722 ހިމެނޭހެން، ކަމާގުޅޭ ގަރާރުތަކާއި އދ. ގެ ކަނޑުތަކާބެހޭ މުއާހަދާ (ޔޫއެންސީއެލްއޯއެސް) ފަދަ ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ.

ރާއްޖެއިން އަބަދުވެސް އޮންނާނީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ އަހުވަންތަ ރައްޔިތުންނާ އެކުގައިކަން ތަކުރާރުކޮށް، އެ ގައުމުގެ އިސްތިގުލާލާއި ސަލާމަތާއި ސަރަހައްދީ ނަޒާހަތްތެރިކަން ހިމާޔަތްކުރުމަށް އަޅާ ހުރިހާ ފިޔަވަޅުތަކަށް ރާއްޖެއިން ތާއީދުކުރާކަންވެސް އެ ބަޔާނުގައިވަނީ ހާމަކޮށްފައެވެ.