ޖަޕާނުގެ ކުމަމޯޓޯ ޕްރިފެކްޗަރަށް އައި 7.1 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން މަދުވެގެން 13 މީހުން މަރުވެފައިވާ ކަމަށް، އެ ގައުމުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ މިއަދު ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު އައި މި ބިންހެލުމާ ގުޅިގެން ކަޝީމާ ސިޓީގައި ހުންނަ 'އެއޮން މޯލް ކުމަމޯޓޯ' ގައި އެއްޗެއް ގޮވައި އެ އިމާރާތުގެ ބޮޑު ބައެއް ވަނީ ވެއްޓިފައެވެ.

ޖަޕާނުގެ ފަޔަރ އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީން ބުނި ގޮތުގައި، ރޭގަނޑު ކުރިއަށްގެންދިޔަ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި އެ މޯލްގެ ތެރެއިން 8 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. އޭގެ ތެރެއިންވެސް ދެ މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެ އިމާރާތުގެ ދަށުގައި އަދިވެސް ގިނަ ބަޔަކު ތާށިވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް، އެއީ ކިތައް މީހުން ކަމެއް ރަސްމީ ފަރާތްތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ބޮޑުވަޒީރު ޓަކައިޗީ ވިދާޅުވި ގޮތުގައި، އިމާރާތްތަކުގެ ދަށުން މީހުން އެހީއަށް އެދި ގޮވަމުންދާތީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގަވައިފައެވެ.

މި ބިންހެލުމުގެ ސަބަބުން ކުމަމޯޓޯ ސަރަހައްދުގެ އެތައް ހާސް ގެއަކުން ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑި، މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޖަޕާނު ސަރުކާރުން ބުނެއެވެ. މީގެ އިތުރުން، ނިޕޯން ޕޭޕަރ އިންޑަސްޓްރީޒްގެ ކާރުހާނާއެއްގެ ބައެއް ވެއްޓުމުގެ ސަބަބުން ވެސް ބަޔަކު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އަސާސީ ހިދުމަތްތައް އަލުން އިއާދަކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށެވެ.