އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ފޮނުވައިލި ބެލިސްޓިކް މިސައިލްތަކެއް ވައްޓައިލާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން މިއަދު ބުނެފިއެވެ.

ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އައިއާރްޖީސީން ފޮނުވައިލި ހުރިހާ މިސައިލެއް ވަނީ ކާމިޔާބުކަމާއެކު ހުއްޓުވައިފައެވެ.

ކުއްލި ހަމަލާއެއްގެ ގޮތުގައި ދިން މި ހަމަލާގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް ނުވަތަ އެހެން ފަރާތަކަށް ވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. މި ހަމަލާ ދީފައިވަނީ އެމެރިކާ ގަޑިން ހަވީރު 5:45 ހާއިރު ކަމަށް ވެސް ސެންޓްކޮމް އިން ބުނެފައިވެއެވެ.

މިއީ އެމެރިކާއިން ދެމުންދިޔަ ވައިގެ ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑައިލާފައި އޮތުމަށްފަހު، އީރާނުން އެމެރިކާގެ ފައުޖުތަކަށް އަމާޒުކޮށް ދިން ފުރަތަމަ ސީދާ ހަމަލާ ކަމަށް ސެންޓްކޮމް އިން ފާހަގަކުރިއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ އުރުދުންގެ އިރުއުތުރުގައި އޮންނަ މުވައްފަގް ސަލްޓީ އެއާ ބޭސްއަށް ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މިއީ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކާއި ސިފައިން ގާއިމުވެ ތިބޭ މަރުކަޒެކެވެ.

މި ހަމަލާއާ ގުޅިގެން، މިސައިލްތައް ފޮނުވައިލާ މަންޒަރާއި އެ މިސައިލްތައް ވައްޓައިލާ މަންޒަރު ކަމަށް ބުނާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ނަމަވެސް، އެއީ ސައްހަ ވީޑިއޯތަކެއްކަން މިހާތަނަށް ކަށަވަރުކުރެވިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސެންޓްކޮމް އިން ބުނީ އެމެރިކާގެ ފައުޖުތަކުން ތިބީ ސަމާލުވެ، ކޮންމެފަދަ ހާލަތަކަށް ވެސް ތައްޔާރުވެގެން ކަމަށެވެ.