ދައުލަތަށް ޓެކުހާއި ކުއްޔާއި އަދި ފީތަކުގެ ގޮތުގައި ލިބެންޖެހި، ނުލިބި ހުރި ފައިސާގެ ޖުމުލަ އަދަދު މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު 14.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއީ މިދިޔަ އަހަރުގެ ނިޔަލަށް މި އަދަދު ހުރި މިންވަރު ކަމުގައިވާ 13.8 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓެކްސްގެ ގޮތުގައި ނުލިބި ހުރި ފައިސާއެވެ. މި އަދަދު 7.8 ބިލިއަން ރުފިޔާގައި ހުރުމަށްފަހު، މިހާރު ވަނީ 8.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ވަކިވަކި ޓެކުސްތަކަށް ބަލާއިރު، ޖީއެސްޓީ (ޖީޖީއެސްޓީ) ގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ އަދި ޓޫރިޒަމް ދާއިރާގެ ޓެކުހުގެ (ޓީޖީއެސްޓީ) ގޮތުގައި 1.6 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. މީގެ އިތުރުން އިންކަމް ޓެކުހުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އަދަދުތައްވެސް މި މުއްދަތުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ 5.7 ބިލިއަން ރުފިޔާއިން ހަ ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުލިބި ހުރި ފައިސާގެ ޖުމުލަ އަދަދު 3.5 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އޭގެ ތެރެއިން 3.3 ބިލިއަން ރުފިޔާއަކީ ސީދާ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު މަތިވަމުން ދިޔަ ނަމަވެސް، މީރާއިން އަންނަނީ އެ ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެކި ގޮތްގޮތުން ދެ ބިލިއަން ރުފިޔާ އަނބުރާ ހޯދާފައިވެއެވެ. މި ފައިސާ ހޯދުމަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ނޯޓިސް ފޮނުވުމާއި، ބޭންކު އެކައުންޓުތައް ފްރީޒް ކުރުން ފަދަ ގާނޫނީ ފިޔަވަޅުތައް މީރާއިން އަންނަނީ އަޅަމުންނެވެ.