ހޮރުމުޒް ކަނޑުއޮޅީގައި ވިޔަފާރި ބޯޓުފަހަރަށް ދީފައިވާ ހަމަލާތަކުގެ ގެއްލުމުގެ ބަދަލު ދިނުމަށް، އެމެރިކާގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ބޭނުންކުރަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރައްވައިފިއެވެ.

މިކަން އިއުލާންކުރައްވާފައިވަނީ، މިޝިގަންއަށް ކުރައްވާ ދަތުރުފުޅެއްގައި "އެއާ ފޯސް ވަން" މަތިންދާބޯޓުގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުންނެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނުން ދިން ގެއްލުމުގެ ބަދަލު ދޭނީ އެ ގައުމުގެ ފައިސާއިންނެވެ. މިއީ އެމެރިކާގެ ރައްޔިތުންގެ އަތުން ހަރަދުކުރުމުގެ ބަދަލުގައި އީރާން ޖަވާބުދާރީކުރުވުމަށް އޮތް އެންމެ އިންސާފުވެރި ގޮތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

“އެމީހުން ދިން ގެއްލުމަށް ފައިސާ ދައްކަން އަހަރެމެން ބޭނުންކުރާނީ އީރާނުގެ ފައިސާ. އެހެން ގޮތަކަށް ބުނާނަމަ، ގެއްލުމުގެ ބަދަލު ދޭން ބޭނުންކުރާނީ އަހަރެމެންގެ ކޮންޓްރޯލްގެ ދަށުގައި ހުރި އީރާނުގެ ފައިސާ،” ޓްރަމްޕް ވިދާޅުވިއެވެ.

މި ނިންމުމާ ގުޅިގެން، ލިބިފައިވާ ގެއްލުމުގެ ސީދާ މިންވަރާއި، ބަދަލު ދިނުމަށް ބޭނުންކުރާނެ ފައިސާގެ ޖުމްލަ އަދަދުގެ އިތުރުން މިކަން ތަންފީޒުކުރާނެ ތާވަލެއް އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން މިހާރު އެކުލަވާލަމުންދާ ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދާ މި މަސައްކަތުގައި، ބޯޓުފަހަރަށް ލިބުނު ގެއްލުމާއި މުދަލަށް ލިބުނު ގެއްލުން ވަޒަންކުރަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މިކަމާ ގުޅިގެން އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، އެހެން ގައުމެއްގެ މުދާ ހިފަހައްޓައިގެން ބަދަލު ދިނުމަށް ބޭނުންކުރުމަކީ ނުރައްކާތެރި އަމަލެކެވެ. އަދި މިއީ ބައިނަލްއަގުވާމީ މާލީ ނިޒާމަށް އޮތް ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ އަދަދު 100 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.