(20 ޖުލައިގެ އަދަދާ ގުޅޭ)

"އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތްކުރައްވައި އަމުރުކުރެއްވީމެވެ. އަދި ތިބާއަށް އެއާމެދު ޢިލްމެއް ލިބިފައިނުވާ އެއްޗެއް، ތިމަންރަސްކަލާނގެއާ ޝަރީކު ކުރުމަށް އެދެމީހުން ގަދައަޅައިފިނަމަ، ފަހެ، އެދެމީހުންނަށް ތިބާ ކިޔަމަންނުވާހުށިކަމެވެ. ތިޔަބައިމީހުން އެނބުރި ދިޔުންއޮތީ، ތިމަންރަސްކަލާނގެ ޙަޟުރަތަށެވެ." (الــعـنـكــبــــوت: 8)

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم މި މާތް އާޔަތް ވިދާޅުވެދެއްވުމުން سـعــد ގެފާނު އެނބުރި ގެޔަށްވަޑައިގެން މައިކަނބަލުންނަށް ވިދާޅުވެދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. "މަންމަޔަށް ހާސްފުރާނަފުޅު ލިބިވަޑައިގެންފައި ފަރީއްނުކުޅުއްވައި އިންނެވުމުގެ ސަބަބުން ފުރާނަފުޅަކަށްފަހު ފުރާނަފުޅެއް ނުކުންނަމުންގޮސް މަންމަ އަވަހާރަވިކަމުގައިވިޔަސް އަޅުގަނޑު ކާފަރެއް ނުވާނަމެވެ." سـعــد ގެފާނު އެހެން ވިދާޅުވުމުން އެކަލޭގެފާނުގެ މައިކަމަނާ ފަރީއްކުޅުއްވައި އުޅުއްވާން ފައްޓަވައިފިއެވެ.

6. عــبــد اللّــــه بـــن مسعــــود رضـــــى اللّــــه عــنـــــه: ޞަޙާބީންގެ ތެރެއިން ދަރަޖަމަތިވެރި ބޭކަލެކެވެ. ޙަރަމްފުޅުގެ ތެރޭގައި ހަރުއަޑުފުޅުން އެންމެފުރަތަމަ ކީރިތި قــــــرآن ކިޔަވައިވިދާޅުވި ބޭކަލަކީ އެކަލޭގެފާނެވެ. عــبــد اللّــــه بـــن مسعــــود رضـــــى اللّــــه عــنـــــه އިސްލާމްވެވަޑައިގެންނެވުމަށްފަހު އެއްދުވަހަކު ޙަރަމްފުޅުގެ ތެރޭގައި ބާރު އަޑުފުޅުން الـــرّحـمــــن ސޫރަތް ކިޔަވައި ވިދާޅުވިއެވެ. ކިޔަވައި ވިދާޅުވާން ފައްޓަވާއިރަށް قـــــريـش ން އެކިފަރާތްފަރާތުން އައިސް ސިންގާތަކެއް ފަދައިން އެކަލޭގެފާނުގެ ގައިކޮޅަށް އަރައިގެންފިއެވެ. މޫނުފުޅުގައި ވަރުގަދަ ތަފާތައް ޖަހާންފަށައިފިއެވެ. އެދުވަހު އެކަލޭގެފާނު ޙަރަމްފުޅުން ނުކުމެވަޑައިގެންނެވިއިރު މުޅި މޫނުފުޅުހުރީ ޒަޚަމްވެ ލޭފޮދު އޮހޮރިއޮހޮރިއެވެ.

عــبــد اللّــــه بـــن مسعــــود رضـــــى اللّــــه عــنـــــه އަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ވަރަށް އަރިސް ޞަޙާބީއެކެވެ. ޞަޙާބީން އެކަލޭގެފާނަށް ވިދާޅުވަނީ رســـول اللّــــه صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ސިއްރުވެރިޔާއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެކަލޭގެފާނާމެދު ޙަދީސު ކުރައްވައިފައިވެއެވެ. "އަހުރެންގެ އުންމަތާމެދު إبـــن أمّ عــبـد ރުހޭހައި ކަމަކަށް ރުހިވަޑައިގަންނަވާހުށީމެވެ. އޭނާ ނުރުހޭ ހުރިހައި ކަމަކާ ރުހިވަޑައިނުގަންނަވާހުށީމެވެ."

7. އިސްލާމްވެވަޑައިގަންނަވާން އިސްނަންގަވައި ކުރިޔަށް ނުކުމެވަޑައިގެންނެވި ބޭކަލުންގެ ތެރޭގައި ޖުމަހުވަންހައިގެ مـظــعـــــون ގެ ތިން ބޭފުޅުންކަމުގައިވާ عــثـمــان އާއި عــبــد اللّــــه އާއި قــدامــــة ހިމެނިވަޑައިގަންނަވައެވެ. عــثـمــان رضـــــى اللّــــه عــنـــــه ހަބަޝާއަށް ހިޖްރަޔަށް ވަޑައިގެންފައި މައްކާއަށް އެނބުރިވަޑައިގެން ހުންނެވީ قـــــريـش ންގެ ރައީސް ولــيــد بـــن المــغــــيـــرة ގެ ޙިމާޔަތުގައެވެ. އެހެންކަމުން އެކަލޭގެފާނަކަށް قـــــريـش ންގެ ގޯނާއެއް ނުފޯރައެވެ. ނަމަވެސް އެދުވަސްވަރު މިތުރު ޞަޙާބީންނަށް ލިބިވަޑައިގަންނަވަމުންދިޔަ ބޮޑެތި އަނިޔާތައް ތަކުރާރުކޮށް ފެނިވަޑައިގެންނެވުމުން މުޝްރިކެއްގެ ޙިމާޔަތުގައި އަމާންކަމުގައި ހުންނަވާކަށެއް އެކަލޭގެފާނުގެ ހިތްޕުޅަކަށް ފަސޭހަފުޅެއް ނުވިއެވެ. އެކަލޭގެފާނު ولــيــد ގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. "އޭ عـبــد الشّـمـــس އެވެ. ތިބާގެ ޒިންމާ ފުރިހަމަޔަށް އަދާކުރައްވައިފީމުއެވެ. އަޅުގަނޑަށް ތިބާ ފެނުނީ ވަފާތެރި އޯގާވެރި މީހަކު ކަމުގައެވެ. ނަމަވެސް އަޅުގަނޑުގެ އަޚުންނާއި މިތުރުންނަށް ލިބެމުންދާ ބޮޑެތި އަނިޔާތައް ފެނުމުން މީހެއްގެ ނިވާފަތްގަނޑަށްވަދެ ފިލައިހުންނާކަށެއް އަޅުގަނޑުގެ ޒަމީރެއް ނުރުހެއެވެ. އެހެންކަމުން ތިބާގެ ޙިމާޔަތުގެ ޒިންމާ އަނބުރައި ގެންދަވާށެވެ." ولــيــد އެކަލޭގެފާނަށް ވިސްނައިދިނެވެ. "އަހަރެންގެ އަޚާގެ ދަރިފުޅާއެވެ! އަހަރެންގެ ޤައުމުގެ އެއްވެސް ފަރުދަކަށް ތިބާޔަށް އިހާނެތިކަމެއް ނުކުރެވޭނެއެވެ." عــثـمــان ވިދާޅުވިއެވެ. "އަޅުގަނޑު ހުންނާންބޭނުމީ ހަމައެކަނި މާތް اللّــــه ގެ ޙިމާޔަތުގައެވެ. އެހެން އެއްވެސްފަރާތެއްގެ ރައްކައުތެރިކަމެއް ބޭނުމެއް ނޫނެވެ." ولــيــد އަށް މަޖްބޫރުވެގެން އޭނާގެ ޙިމާޔަތް އަނބުރައި ގެންގޮސްފިއެވެ. قـــــريـش ންގެ މަޖިލީހުގައި އެކަން އިޢުލާންކޮށްފިއެވެ. عــثـمــان رضـــــى اللّــــه عــنـــــه ވެސް އެކަން ތަޞްދީޤު ކުރެއްވިއެވެ.

އޭގެފަހުން އެއްދުވަހަކު ޢަރަބީންގެ މަޝްހޫރު ޝާޢިރު لــبــيــد بـــن ربــيــعــــة ގެ އަރިހުގައި قـــــريـش ންގެ މަޖިލީހަކަށް ވަޑައިގެންނެވިއެވެ. އޭރު لــبــيــد ހުންނެވީ ކާބަފައިންގެ ދީންމަތީގައެވެ. لــبــيــد އިސްލާމްވެވަޑައިގަތީ ހިޖްރައިން ނުވަވަނަ އަހަރު މަދީނާއަށް ވަޑައިގެންނެވެ. لــبــيــد އެ މަޖިލީހަށް ވަޑައިގެންނެވުމާއެކު ޅެންވެރިކަމުގެ ވާހަކަ ފެށިއްޖެއެވެ. لــبــيــد އޭނާގެ ޅެމެއް ވިދާޅުވަމުންގޮސް "إلاّ كُــلِّ شـيــئ مـــا خــلـــى اللّــــه بــاطــل" (މާތް اللّــــه ފިޔަވައި އެހެން ކޮންމެ އެއްޗަކީ ބާޠިލް އެއްޗެކެވެ.) މިކާފިޔާ ވިދާޅުވުމާއެކު عــثـمــان رضـــــى اللّــــه عــنـــــه ބޭއިޚްތިޔާރުގައި لــبــيــد އަށް ސާބަސްދެއްވިއެވެ. "ތިޔަ ވިދާޅުވީ ވަރަށްބޮޑު ތެދެކެވެ." މިހެން ވިދާޅުވިއެވެ. ނަމަވެސް لــبــيــد އެބައިތުގެ ދެވަނަ ކާފިޔާ "وَكُــلِّ نــعــيـــم لا مـحـــالــة زائـــل" (ކޮންމެ ނިޢުމަތަކީވެސް ހަމަ ޔަޤީނުން ފިލައިދަނިވި އެއްޗެކެވެ.) ވިދާޅުވުމާއެކު عــثـمــان رضـــــى اللّــــه عــنـــــه ވިދާޅުވިއެވެ. "ތިޔަހެއްދެވީ އިތުރުފުޅެކެވެ."

އެ މަޖްލިސްގައި ތިބި މީހުން عــثـمــان رضـــــى اللّــــه عــنـــــه އާ ދިމާއަށް ރުޅިވެރިކަމާއެކު ލޯއަޅައިގެންފައި لــبــيــد ގެ އަރިހުން އޭނާގެ ބައިތު ދެވަނަފަހަރަށް ތަކުރާރު ކުރައްވާންއެދި ދެންނެވިއެވެ. لــبــيــد އެބައިތު ދެވަނަ ފަހަރަށް ވިދާޅުވުމުންވެސް عــثـمــان އެބައިތުގެ ފުރަތަމަ ކާފިޔާއަށް ތާއީދުކުރައްވައި ދެވަނަ ކާފިޔާ ދޮގުކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ސުވަރުގޭގެ ނިޢުމަތްތަކަކީ ޔަޤީނުންވެސް ފިލައިދާނެ އެއްޗެއް ނޫނެވެ."

އެވަގުތު لــبــيــد ކޯފާވެގެން އެތާނގައިތިބި މީހުނާ ދިމާއަށް ވިދާޅުވިއެވެ. "އޭ قـــــريـش ވަންހައިގެ މީހުންނޭވެ! މާތްކަލާނގެ ގަންދެމެވެ. ތިޔަބައިމީހުންގެ މަޖްލިސްތައް އިހަކު މިކަހަލައެއް ނޫނެވެ." لــبــيــد ގެ މި ޖުމުލައިން މުޝްރިކުންގެ ޖަމާޢަތުގައި ވަރަށްބޮޑަށް ނުރުހުންތެރިކަން އުފެދުނެވެ. އެތާނގައި އިން ނުލަފާ މީހެއް "އެއީ މިބައިމީހުން އައުދީނެއް ހެދިފަހުންނޭ" ބުނެފައި ފުންމައިގެންގޮސް عــثـمــان رضـــــى اللّــــه عــنـــــه ގެ އަރިހަށް ޖެހިފައި އެކަލޭގެފާނުގެ ލޯފުޅުމަތީގައި ތަފާލެއް ޖަހައިފިއެވެ. އޭނާ ޖެހިލެއް ބާރުކަމުން ލޯފުޅަށް ލޭފޮދު އަރައިފިއެވެ. އެތަން ފެނިވަޑައިގަތުމުން لــبــيــد ވިދާޅުވިއެވެ. "އަހަރެން ބުނިގޮތް ފުރިހަމަވީ އަދި މިހާރުއެވެ."

ولــيــد بـــن المــغــــيـــرة އެތާނގައި އިނދެފައި عــثـمــان رضـــــى اللّــــه عــنـــــه އާ މުޚާޠަބުކޮށް ބުންޏެވެ. "އޭ އަހަރެންގެ އަޚާގެ ދަރިފުޅާއެވެ." ތިބާ އަހަރެންގެ ޙިމާޔަތުގެ ދަށުގައި ހުރިނަމަކަ ތިބާގެ އެއްލޯ ގެއްލޭކަށެއް ނުޖެހުނީހެވެ."

عــثـمــان رضـــــى اللّــــه عــنـــــه ވިދާޅުވިއެވެ. "އެންމެ ޢިއްޒަތްތެރި އަދި އެންމެ އަމާންކަންބޮޑު ރައްކައުތެރިކަމަކީ އަރަހުށި މާތް اللّــــه ގެ ރައްކައުތެރިކަމެވެ. އަހަރެންގެ ސަލާމަތުންހުރި ލޯވެސް އެދެނީ އެލޮލުގެ އެކުވެރިޔާގެ ވޭނާއި ކެކުޅުމުގައި ބައިވެރިވާށެވެ."

8. أمّ شـــريــك رضــــى اللّــــه عــنـــهـــا އިސްލާމްވެވަޑައިގެންނެވުމުން އެކަމަނާގެ ތިމާގެފުޅު މީހުން އެކަމަނާއަށް ވަރަށްބޮޑަށް އަނިޔާކުރިއެވެ. މައްކާގެ ދިލަހޫނުގައި އަތްވަށްނެރެ އަވީގައި ބައިންދައެވެ. ފެން ފަރީއްކޮޅެއް ނާރުވައެވެ. ފަރީއްކޮޅަކަށް އަރުވަނީ ހިކި ރޮށްޓާއި މާމުޔެވެ. ކަރުފުޅު ހިއްކުން އިތުރުކުރާން ވެގެންނެވެ. އެ ޙާލުކޮޅުގައި ތިންދުވަސްވީއިރު އެކަމަނާގެ ޙިއްސުފުޅުތައްވެސް ވަނީ ބަލިވެފައެވެ. އެކަމަނާގެ ތިމާގެފުޅު މީހުން އެކަމަނާ އެޙާލުކޮޅުގައި އިންނަވަނިކޮށް އެދެމުންދިޔައީ އިސްލާމްދީން ދޫކޮށްލައްވާށެވެ. އެބައިމީހުން ދަންނަވާ އެއްޗެއް އެކަމަނާއަކަށް ފަހުމުވެވަޑައެއް ނުގެންނެވިއެވެ. އެމީހުންނަށް އެކަން ވިސްނިގެން އުޑާ ދިމާޔަށް އިޝާރާތްކޮށްފައި ދެންނެވިއެވެ. އުޑުގެ ކަލާނގެ ދޫކޮށްލާށެވެ. އެހިނދު އެމީހުން އެދޭ ކަންތައް އެކަމަނާއަށް ވިސްނިވަޑައިގެން ވިދާޅުވިއެވެ. "މާތް اللّــــه ގަންދެމެވެ. އަހަރެން ދެމި އިންނާނީ އަހަރެންގެ ޢަޤީދާގެ މަތީގައެވެ."

9. خــالــد بـــن سعـيـد بـــن الــعـــاص رضـــــى اللّــــه عــنـــــه އަކީ އިސްލާމްދީނަށް އިސްވެވަޑައިގެން ކުރިޔަށް ނުކުމެވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފާނުގެ ބައްޕަ سعـيـد بـــن الــعـــاص އަކީ قـــــريـش ވަންހައިގެ ޤަދަރުހުރި ބޮޑުންކުރެ އެކެކެވެ. އޭނާގެ ދަރިކަލުން خــالــد އިސްލާމްވެވަޑައިގެންނެވިކަން އެނގިވަޑައިގަތުމުން ބަލައިފޮނުވައިގެން ގެންނަވައި އޭނާގެ އަތްޕުޅުގައިއޮތް ހަންމުށްޓެއް ކުދިކުދިވާންދެން ތަޅުއްވައި خــالــد ޒަޚަމްކޮށްލެއްވިއެވެ. އޭނާ خــالــد رضـــــى اللّــــه عــنـــــه އަށް ހައިހޫނުފުޅުކަމުގެ އަދަބުވެސް ދެއްވިއެވެ.

(ނުނިމޭ)