މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން، އެ ކުންފުނީގެ މާލީ މުއާމަލާތްތަކުގައި ބޮޑެތި ގޯސްތަކެއް ހުރިކަމާއި ކުންފުންޏަށް 43.3 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަން ހާމަވެއްޖެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މި މަހުގެ 20 ވަނަ ދުވަހު އާންމުކުރި ސްޕޯޓްސް ކޯޕަރޭޝަންގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި އެ ކުންފުނި އުފެދުނީއްސުރެ އާމްދަނީ ހޯދުމުގައި ވަނީ މުޅިން ނުކުޅެދިފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، 2024 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ ޖުމްލަ ގެއްލުން 43.3 މިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓުގައި ވަނީ ފާހަހަކޮށްފައެވެ. އަދި ކުންފުނީގެ އިކުއިޓީގެ ގޮތުގައި ހުރީ އެންމެ 783,606 ރުފިޔާއެވެ.

ކުންފުނީގެ ހިންގުމުގެ ހަރަދުތައް އެއްކޮށް ދައުލަތުގެ ބަޖެޓުން ހަމަޖައްސަމުން ދިޔައިރު، ހަރަދުތައް ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާކަން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި ކުންފުނީގެ އާމްދަނީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭ އިރު މުވައްޒަފުންގެ މުސާރަ އާއި އިދާރީ ހިންގުމަށް އެތައް މިލިއަން ރުފިޔާއެއް ކޮންމެ އަހަރަކު ހޭދަކޮށްފައިވުމަކީ ދައުލަތުގެ މާލިއްޔަތަށް އުފުލަން ޖެހުނު އިންތިހާއަށް ބޮޑު ބުރައެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އޮޑިޓަށް ބޭނުންވާ ބައެއް މުހިންމު ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވުމުގެ ސަބަބުން މާލީ ބަޔާންތަކުގައި ހިމެނޭ ބައެއް އަދަދުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އޮޑިޓަރުންނަށް ހުރަސްތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ކުންފުނީގެ އެސެޓް ރަޖިސްޓްރީ ފުރިހަމައަށް ބަލަހައްޓާފައި ނުވުމާއި މާލީ ހިސާބުތައް ތައްޔާރު ކުރުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.

އޮޑިޓުގައިވާ ގޮތުން ސްޕޯޓްސް ކޯޕަރޭޝަނުން ވަނީ ބައެއް ހިދުމަތްތައް ހޯދުމުގައި އެއްބަސްވުންތަކެއް އެކުލަވާލުމެއް ނެތި ފައިސާ ދޫކޮށްފައިވާ ކަމާއި މަސައްކަތް ނުނިމެނީސް ބިލުތަކަށް ފައިސާ ދައްކައިފައެވެ.

ކުންފުނީގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ބަލާއިރު، ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ބޯޑުން ކަނޑައަޅާފައިވާ ކޯޕަރޭޓް ގަވަނަންސް ކޯޑާ އެއްގޮތަށް ކުންފުނި ހިންގަމުން ގޮސްފައި ނުވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، އެތެރޭގެ އޮޑިޓް ނިޒާމެއް ގާއިމުކޮށްފައި ނެތުމާއި މާލީ ކަންކަން ނިންމުމުގައި ބޯޑުގެ ބައިވެރިވުން ކުޑަވުމަކީ ކުންފުނީގެ މާލީ ހާލަތު ދަށަށް ދިއުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަންކަން ބަޔާންކޮށްފައިވެއެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ މައްސަލަތައް ހައްލުކުރަން ގިނަ ލަފާތަކެއް ދީފައެވެ. އެންމެ ފުރަތަމަ ކަމަކަށް، ކުންފުނީގެ މާލީ ރެކޯޑުތައް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރުމަށާއި ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އަންގާފައިވެއެވެ.

އޮޑިޓުގައިވަނީ ކުންފުނިން ކުރާ ހަރަދުތައް ކުޑަކުރުމަށާއި އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދުމަށް ދިގު މުއްދަތުގެ ޕްލޭނެއް އެކުލަވާލުމަށް އިރުޝާދު ދީފައެވެ. ނަމަވެސް، ކުންފުނި ހިންގަމުންދާ ގޮތަށް ބަލާއިރު ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ނުލިބޭނަމަ، ދައުލަތަށް ލިބެމުންދާ މާލީ ގެއްލުން ކުޑަކުރުމަށްޓަކައި ކުންފުނީގެ މުސްތަގުބަލާ މެދު ސަރުކާރުން ގޮތެއް ނިންމުމަށްވެސް ރިޕޯޓުގައި ލަފާދީފައިވެއެވެ. އެ ލަފާގެ މަތިން ސަރުކާރުން މިހާރު ވަނީ ސްޕޯޓްސް ކޯޕަރޭޝަން އުވާލައިފައެވެ.

ސްޕޯޓްސް ކޯޕަރޭޝަނަކީ ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން 15 މާރިޗު 2016 ގައި އުފެއްދި ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.