ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަކީ ކުޅިވަރު އަދި ފިޓްނަސްއާ ބެހޭ ވުޒާރާގެ މަސައްކަތްތަކަށް ބުރުއަރާނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އާއި މޯލްޑިވްސް ސްޕޯޓްސް ޗެނަލް އުވާލަން ކުޅިވަރާ ބެހޭ ގާނޫނަށް، މިދިޔަ މާޗު މަހު އިސްލާހު ހުށަހަޅާފައިވާ އިރު، ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި ބިލުގައި ސްޕޯޓްސް ކޯޕަރޭޝަން އާއި ސްޕޯޓްސް ޗެނަލްއާބެހޭ ހުރިހާކަމެއް ހިމަނާފައިވާ، ކުޅިވަރާބެހޭ ގާނޫނުގެ ހަތަރުވަނަ ބާރު އުވާލަން ވަނީ ހުށަހަޅުއްވައިފައެވެ.

އެ ބާބަކީ، އެތަންތަން އުފެއްދުމާއި ހިންގުމާއި އެތަންތަނުގެ މަސްއޫލިއްޔަތުތަކާއި މަގުސަދުތައް ހިމަނާފައިވާ ބާބެވެ. އެހެންކަމުން ކުޅިވަރާބެހޭ ގާނޫނުގެ 23 ވަނަ މާއްދާއިން ފެށިގެން 31 ވަނަ މާއްދާ އާ ހަމައަށް އުވާލަން ބިލުގައި ހުށަހަޅާފައިވެއެވެ.

ކުޅިވަރާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މަޖިލީހަށް ހުށަހަޅާފައި އޮތް ނަމަވެސް، އަދި ފާސްކޮށްފައެއް ނުވެއެވެ. އެކަން އަވަސް ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ރާފިއު "ވަން ސްޕޯޓްސް" އަށް އެކްސްކްލޫސިވްކޮށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ފާހަގަކުރެއްވީ ސްޕޯޓްސް ކޯޕަރޭޝަން އުވާލެއްވުމަކީ މަސައްކަތްތަކަށް އަސަރުކުރާ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީން ހިންގަމުންދާ މަސައްކަތަށް ބުރޫ އަރާނެ ކަމެއް ނޫން ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަކީ. އެހެންވީމަ މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތަށް ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަކީ މައްސަލައެއް ނޫން ކަމަށް އަޅުގަނޑު ދެކެނީ،" މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.

ސްޕޯޓްސް ކޯޕަރޭޝަނަކީ ކުޅިވަރުގެ އިންފްރާސްޓްރަކްޗާއަށް ހާއްސަކޮށް އުފެއްދި ސަރުކާރުގެ ކުންފުންޏެއް ނަމަވެސް، އެ ކުންފުންޏަށް މާ ބޮޑު ބާރެއް ނެތެވެ. ހާއްސަކޮށް ޔޫތު މިނިސްޓަރަކަށް މީގެ ކުރިން ހުންނެވި އަހުމަދު މަހްލޫފުވެސް ތާއިދުކުރެއްވީ އެ ކުންފުނި އުވާލެއްވުމަށެވެ. އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި އުފެއްދެވި ކުންފުންޏެކެވެ.

މިނިސްޓަރު "ވަން ސްޕޯޓްސް"އަށް ދެއްވި އިންޓަވިއުގައި މަހްލޫފްގެ ވަޒީރުކަމުގައި ފެއްޓެވި އަރުތަ ޕްރޮގްރާމްގެ ވާހަކައަށްވެސް އަލިއަޅުއްވާ ލެއްވިއެވެ. މިނިސްޓަރު ވިދާޅުވީ އަރުތަ ޕްރޮގްރާމްގެ ޝަކުވާތައް އެބަހުރި ކަމަށާއި އެކަމަށް ހައްލު ހޯއްދަވާނެ ކަމަށެވެ.

"ބައެއް އެސޯސިއޭޝަންތަކުގެ ޝަކުވާތަކެއް އެބަހުރި އަރުތަ ޕްރޮގްރާމްގެ ބައެއް ކަންކަމުގައި. ބައެއް ފަހަރު ފައިސާ ޖަމާވުމުގައިވެސް މައްސަލަތަކެއް އުޅޭކަމަށް ފާހަގަކޮށްފައި އެބަހުރި. ވެދާނެ އެއްބަސްވުމުގައި ހުރި ކަންކަން ރަނގަޅަށް ސާފު ނުވަނީ ކަމަށްވެސް، ނޫނީ މިސްއަންޑަސްޓޭންޑިން އެއް އުޅެނީ ކަމަށްވެސް. ނޫނީ އެސޯސިއޭޝަންތަކަށް އެހާ ބޮޑަށް ނޭނގި ކަންކަން ކުރެވިފައި ހުރި ކަމަށްވެސް ވެދާނެ. މައްސަލަ ދިމާވާ ކުދިންނާ ޑީލްކޮށް، މައްސަލަތައް ބަލައި، ކަންކަން ރަނގަޅު ކުރުމަށް މިހާރުވެސް ފަށައިގެން މިއުޅެނީ،" ރާފިއު ވިދާޅުވިއެވެ.

އަރުތަ ޕްރޮގްރާމަކީ ސަރުކާރުގެ ހަރަދުގައި އެތުލީޓުންނަށް ތަމްރީނު ފުރުސަތުތަކާއި މުބާރާތްތަކުގެ ފުރުސަތުތައް ފަހިކޮށްދޭ ހާއްސަ ސްކޯލާޝިޕް ޕްލޭނެކެވެ. އެ ޕްރޮގްރާމަށް ވަކި ހާއްސަ މިންގަނޑުތަކެއް، އުސޫލުތަކެއް ނެތުން އެއީ މީގެ ކުރިން އެތުލީޓުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ހާއްސަކޮށް ބައެއް ކުޅިވަރުތަކަށް އަރުތަ ޕްރޮގްރާމް ނުލިބޭ ކަމަށް ޝަކުވާ އުފުލާފައި އޮތް އޮތުން ފާހަގަވެއެވެ. މިނިސްޓަރު ވަނީ އެކަންކަން ބައްލަވަމުންދާ ކަމަށް ވިދާޅުވެފައެވެ.