ދިވެހި ރާއްޖޭގެ ކުޅިވަރު ގާނޫނު 30/2015 ވުޖޫދުވެގެން މިއަދާ ހަމައަށް އައީ ތަފާތު ތަޖުރިބާތަކުގެ ތެރެއިންނެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެކުލަވާލެވިގެން އައި ކުޅިވަރު ގާނޫނާއެކު ކުޅިވަރަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައެވެ. ނިޒާމީ ބޮޑެތި ބަދަލުތަކެވެ. އެ ބަދަލުތަކުގެ ތެރެއިންވެސް، ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހިފައިވާ ކަމަށް އެސޯސިއޭޝަންތަކާއި ކުޅިވަރު އާއިލާއިންވެސް އައީ ގަބޫލުކުރަމުންނެވެ. އެއީ ސިޔާސަތުތައް ހަރުދަނާކޮށް، ބަދަލުވަމުން އަންނަ ކުޅިވަރު ގުޅިލާމެހުމަށްޓަކައެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދު ރާފިއު (ރާއްޕެ) މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން، އެންމެ ފުރަތަމަހެން ފެއްޓެވި އެއް މަސައްކަތަކީ ކުޅިވަރުގެ ދުރުރާސްތާ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތެވެ. އެ މަސައްކަތަކީ ރާފިއު ފުރަތަމަ "ވަން ސްޕޯޓްސް"އަށް ދެއްވި އިންޓިިވިއުގައިވެސް ފާހަގަކުރެއްވި ކަމެކެވެ.

އެ ދުވަހު ރާފިއު ފާހަގަކުރެއްވީ ސިސްޓަމް ބަދަލުކުރަން ޖެހޭ ކަމަށާއި، ލާމެހިފައިވާ ނިޒާމަކަށް ކުޅިވަރު ފައްތަން ޖެހޭ ކަމަށެވެ. ހާއްސަކޮށް، އެންމެ ޅަ ދުވަހުން، މަދަރުސީ ދައުރުން ގޮސް، ޒުވާން އުމުރުފުރާ ފަހަނައަޅައި، ޝަރަފުވެރިކަމާއެކު ގައުމު ތަމްސީލުކޮށް ރިޓަޔާވުމާއި ހަމައަށް ހާއްސަ ޕްލޭނެއް އެތުލީޓުންނަށް އޮންނަން ޖެހޭނެ ކަމަށް ރާފިއު ފާހަގަކުރެއްވިއެވެ. އެ މަސައްކަތަކީ ގުޅިލާމެހުމުގެ މަސައްކަތެވެ. ހަގީގަތުގައި އާ ގާނޫނީ އިސްލާހުތަކަށް ސަރުކާރުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއް ކަމަކީވެސް އެއީ ކަމަށް ބެލެވިދާނެއެވެ.

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު ހުށަހަޅުއްވާފައިވާ ދިވެހި ރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. މަޖިލިސް ރިސެސްއަށް ދިޔުމުގެ ކުރިން އެ ބިލު ފާސްކުރަން ކޮމިޓީން މަސައްކަތް ފަށާފައިވާ އިރު، އެ ބިލަކީ ކުޅިވަރުގެ އާ ނިޒާމަކަށް ބާރުދޭނެ ބިލެއް ކަމަށް ބެލެވިދާނެއެވެ. ހާއްސަކޮށް ރާއްޖޭގެ ކުޅިވަރުގައި އުސޫލެއް ނެތި ހިނގަމުންދާ ބައެއް ކަންކަން ހަމައަކަށް އެޅުވުމަށް ބިލުގައި ސަމާލުކަން ދީފައިވެއެވެ.

ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ކުޅިވަރު ފަންޑަކީ ރާއްޖޭގެ ކުޅިވަރުގެ ދުރު ރާސްތާ ޕްލޭން ތަންފީޒުކުރުމަށް އެންމެ މުހިންމު ކަންތައް ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވެފައިވާ އިރު، ކުޅިވަރު ގާނޫނަށް ގެންނަ އެންމެ ބޮޑު އެއް އިސްލާހަކީ ކުޅިވަރު ފަންޑަށް ހާއްސަ މާއްދާތަކެއް އިތުރު ކުރުމެވެ.

އެގޮތުން ގާނޫނު އިސްލާހުކުރާތާ 60 ދުވަހުގެ ތެރޭގައި ކުޅިވަރު ފަންޑެއް އެކުލަވައިލާން ޖެހޭނެ ކަމަށް ގާނޫނުން ލާޒިމުކުރަން ބިލުގައި ހިމަނާފައިވާ އިރު، އެ ފަންޑުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފަސޭހަކަމާއެކު ދިވެހިރާއްޖޭގެ ކުޅިވަރަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި ރާއްޖޭގެ ކުޅިވަރަށް ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް އެކުލަވައިލުމާއެކު، ކުޅިވަރުގެ ގާބިލުކަން އިތުރުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް އިންވެސްޓުކޮށް، މަޝްރޫއުތައް ހިންގާ އަމިއްލަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ގާނޫނު ހުއްދުކުރާ ގޮތަކަށް ކުޅިވަރުގެ ފައިސާ ހަރަދުކުރުމެވެ.

ބިލުގައި އިތުރަށް ހިމަނާފައިވާ ކަންކަމަށް ބަލާ އިރު، އެ ފަންޑަށް ފައިސާ ވަންނާނެ ގޮތްތައްވެސް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާއާއި މުބާރާތްތަކާއި ހަރަކާތްތަކުން ލިބޭ ފައިސާގެ އިތުރުން ވަސީލަތްތަކުން ހޯދޭ ފައިސާވެސް ހިމެނެއެވެ. އަދި ސްޕޮންސާޝިޕް ފައިސާއާއި ބޭރުން ލިބޭ ހިލޭ އެހީ، އިންވެސްޓަރުންގެ ފައިސާވެސް ފަންޑަށް ވަންނާނެ ކަމަށް ބިލުގައި ހިމެނެއެވެ.

އެއާއެކު ރާއްޖޭގެ ކުޅިވަރު އޮނިގަނޑު ލާމެހިފައިވާ ނިޒާމަކުން ކުރިއެރުވުމުގެ މަގުސަދުގައި، ކުޅިވަރުގެ އޮނިގަނޑު ހަރުދަނާކުރުމަށް ރާއްޖޭގެ ގައުމީ ކުޅިވަރު އޮނިގަނޑުގެ ނަމުގައި މާއްދާއެއް ކުޅިވަރު ގާނޫނަށް އިތުރުކުރުމަށް ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނާފައިވެއެވެ. އެ މާއްދާއާ ގުޅިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވެފައިވަނީ ސްކޫލް ސްޕޯޓްސް އޮތޯރިޓީއާއި ރީޖަނަލް ސްޕޯޓްސް އޮތޯރިޓީތައްވެސް އުފައްދަން ގަސްދުކުރައްވާ ކަމަށާއި، ސްކޫލް ކުދީންގެ ކުޅިވަރު ހަރަކާތްތައް އަހަރެއްގެ ތެރޭގައި ވަރަށް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. އެ މުބާރާތްތައް ރަނގަޅަށް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ސްކޫލު ކަލަންޑަރަށް ފުށު ނާރާ ގޮތަށް ބާއްވަން ޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާފިއު ވިދާޅުވީ ރީޖަނަލް މުބާރާތްތަކުން ހުނަރު ހޯދުމަށްފަހު ހައި ޕާފޯމަންސް ސެންޓަރު އެހީވާނެ ކަމަށާއި، ދެން އެ ހިސާބުން މެޑަލް ކެޕޭބަލް އެތުލީޓުން ހޯދައި، އެ ކުދީންނަށް ކުޅިވަރު ފަންޑުން ހަރަދު ކުރެވޭނެ ކަމަށެވެ.

މިއީ ގުޅިގެން، ލާމެހިގެންދާ ނިޒާމަކަށް ގެނެވޭ ހެޔޮ ބަދަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިދާނެއެވެ. އޭގެ އިތުރުން ޕެރަ އޮލިމްޕިކްސްއަށް ގާނޫނީ ބާރުވެރިކަން ދީ، އާބިޓްރޭޝަނަށް ގެންނަން ޖެހޭ ބަދަލުތަކެއްވެސް އިސްލާހުގައި ހިމަނާފައިވެއެވެ. އެގޮތުން ސްޕޯޓްސް ކައުންސިލްގެ މެންޑޭޓުން އެބައި އުނިކޮށް، ގާނޫނުގެ އެންމެ ފަހު ބާބަށް އާބިޓްރޭޝަނާ ގުޅޭ މާއްދާއެއް އިތުރުކުރަން ބިލުގައި ހިމަނާފައިވެއެވެ.

އޭގެ އިތުރުން ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހާލަތެއްގައި، ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދާނެ ފަރަތަކީ މިނިސްޓްރީ ކަމަށް ކުރިން ބުނި ނަމަވެސް، އެ މާއްދާ މިހާރު ވަނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން އެކަން ކުރާ ގޮތަށް އިސްލާހުކުރަން ހުށަހަޅައިފައެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އާއި މޯލްޑިވްސް ސްޕޯޓްސް ޗެނަލް އުވާލަން ކުޅިވަރާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ އިރު، އެއީ މީގެ ކުރިންވެސް މަޖިލީހަށް ހުށަހެޅިފައިވާ ހުށަހެޅުމެކެވެ. އޭރު އެކަން އެގޮތަށް އިސްލާހު ނުވެ އޮތް ނަމަވެސް، މިހާރު އޮތް އިސްލާހާއެކު އެކަންވެސް ފުރިހަމަ ވެގެންދާނެއެވެ. ހާއްސަކޮށް މިހާރު ސަރުކާރުގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތުމާއެކު އެއީ ޔަގީނުންވެސް ފާސްވެގެންދާނެ އިސްލާހުތަކެއް ކަމަށް ބެލެވިދާނެއެވެ.

ސްޕޯޓްސް ކޯޕަރޭޝަނަކީ ކުޅިވަރުގެ އިންފްރާސްޓްރަކްޗާއަށް ހާއްސަކޮށް އުފެއްދި ސަރުކާރުގެ ކުންފުންޏެއް ނަމަވެސް، އެ ކުންފުންޏަށް މާ ބޮޑު ބާރެއް ނެތެވެ. ހާއްސަކޮށް ޔޫތު މިނިސްޓަރަކަށް މީގެ ކުރިން ހުންނެވި އަހުމަދު މަހްލޫފުވެސް ތާއީދުކުރެއްވީ އެ ކުންފުނި އުވާލެއްވުމަށެވެ. އެއީ ރައީސް ޔާމީންގެ ޒައާމަތުގައި އުފެއްދެވި ކުންފުންޏެކެވެ. އެހެން ނަމަވެސް، އެއީ ރަނގަޅު ކުރަން ޖެހޭތަނެއްކަން މީގެ ކުރިންވެސް ފާހަގަކުރި ކުޅިވަރުގެ ބަޔަކު ތިއްބެވެ. އެގޮތުން މިހާރަށްވުރެ އަވަސް ސްޕީޑުގައި ކުޅިވަރަށް ބޭނުންވާ ފެސިލިޓީ ގާއިމުކުރުމަށް ސްޕޯޓްސް ކޯޕަރޭޝަން މުހިއްމު ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. އެއީ ރާއްޖޭގެ ކުންފުނިތަކާ ހަވާލުކޮށް، ހުއްޓިފައި ހުރި ސްޕޯޓްސް ޕްރޮޖެކްޓްތައް އިތުރުވުމާ އެކުގައެވެ.

މީގެ ކުރީ ސަރުކާރުން ސްޕޯޓްސް ކޯޕަރޭޝަނަށް ސަރުކާރުން ހަވާލު ކުރީ އެންމެ މަސައްކަތެކެވެ. އެއީ 60 ރަށަށް އައުޓް ޑޯ ޖިމް ސާމާނު ގެނައުމަށެވެ. ކަނޑައެޅިފައިވާ މުއްދަތުގައި އެ ސާމާނު ރާއްޖެ ނުގަނެވުމުން، އެ ހިސާބުން އެސްއޯއީއެއްގެ ގޮތުގައި އުފެއްދި ކޯޕަރޭޝަނަށް ދެން އިތުރު މަސައްކަތެއް ނުކުރެވެއެވެ.

"ހަގީގަތުގައި އެއީ އުވާލަންވީތަނެއް ނޫން. އެއީ ރާއްޖޭގެ ކުޅިވަރަށް ނަފާ ހޯދަން، ކުޅިވަރު ފަންޑަށް ނަފާ ހޯދޭނެ ކުންފުންޏެއް. އަލަށް ފަށާ ކުންފުންޏަކަށް ފައިދާއެއް ނުވި ނަމަވެސް، އެމްޓީސީސީ ފަދަ ކުންފުނިތައް އެ ދަނީ ހިނގަމުން. ސަރުކާރު ކުންފުންޏެއް މެދުވެރިވެ އެކަން ކުރާނަމަ ބޮޑެތި ޕްރޮޖެކްޓްތަކަށް ސަރުކާރުން ކުރާ ހޭދަ ކުޑަވެގެންދާނެ. އެ ކުންފުނިން ކަންކަން ކުރުމަށް ވިސްނި ނަމަ އަދި މިހާރު ކުޅިވަރުގައި އޮތް ކޮރަޕްޝަން ބޮޑުތަނުން މަދުވާނެ،" ކުރިން ސްޕޯޓްސް ކޯޕަރޭޝަންގައި މަސައްކަތް ކުރެއްވި އިސް ބޭފުޅަކު "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

އެހިޔާލުތައް ދެކަފިނަމަވެސް، މިހާރުގެ މިނިސްޓަރުގެ ނަޒަރުގައި އެ ކުންފުންޏާއި ކުޅިވަރު ޗެނަލް ހިމެނޭ ކުޅިވަރު ގާނޫނުގެ ހަތަރު ބާބަކީ މިނިސްޓްރީގެ މަސައްކަތަށް މުހިއްމު ބާބެއް ނޫނެވެ. އަދި އެ ކުންފުނި އުވާލުމަކީވެސް މައްސަލައެއް ނޫނެވެ.

ދެހާސް ފަނަރަވަނަ އަހަރު ވުޖޫދުވި ކުޅިވަރު ގާނޫނަށް އިސްލާހުތައް ގެނައުމުގެ މަސައްކަތަކީ އޭގެފަހުން އައި ހުރިހާ މަޖިލީހަކަށްވެސް ކުރަން ޖެހިފައި އޮތް މަސައްކަތަކެއް ނަމަވެސް، އެކަން ދިޔައީ އަތުން ކައްސާލައިގެންނެވެ. އެމްޑީޕީ ސަރުކާރު އައުމުގެ ކުރިން އެއީ ރިޔާސީ ވައުދެއް ނަމަވެސް، އެވާހަކަތައް ދެކެވެން ފެށީ ދައުރުގެ ފަހުކޮޅުގައެވެ.

އެހެންނަމަވެސް އޭރު މަޖިލީހުގެ ބައިބައިވުން ބޮޑުވެ، ހަގީގީ މަސައްކަތެއް އެކަމަށް އޮތީ ނުކުރެވިފައެވެ. އެއިރުން ފެށިގެންވެސް ދިޔައީ އިސްލާހުތަކަށް މަސައްކަތް ކުރަމުންނެވެ. އަދި މިފަހަރު އޭޖީ އޮފީހާ ހަމައަށް ދިޔަ ބިލުގެ ޑްރާފްޓަކީވެސް އެއިރުން ފެށިގެން ތައްޔާރުކުރަމުން އައި ކަރުދާހެކެވެ. އެއަށް ބަދަލެއް ނައިސް ކުރިއަށް ގެންދިޔުން އެއީ އެކަމުގައި ކުރެވުނު މުހިއްމު މަސައްކަތެކެވެ.

"އެންމެ ފުރަތަމަ 2016 ވަނަ އަހަރު އިސްލާހުކުރަން މަސައްކަތް ކުރި. އެއިރު އޯވާހޯލް ކުރާނެ ވަގުތެއް ނުލިބުނު. އެއިރު އިސްލާހުކުރީ ސްޕޯޓްސް ކައުންސިލްގެ ކޮމްޕޮޝިޝަނާއި އެކަހަލަ ކަންތައްތަކެއް. އެހިސާބުން ސްޕޯޓްސް ކައުންސިލުން މަސައްކަތް ފަށާފަ އޮތީ. އެހެން އޮވެފަ ފަހުން އައި ސަރުކާރުން މުޅި ސްޓްރަކްޗާ ބަދަލުކުރަން މަސައްކަތް ފެށި. ދެން އެކަމުގައި ދެފަހަރަކު އެސޯސިއޭޝަންތަކުގެ ބަސް ހޯދުމަށް ސްޕޯޓްސް ކައުންސިލުން އެސޯސިއޭޝަންތަކަށްވެސް ފޮނުވި. އަދި ހަނދާންވާގޮތުން ދެފަހަރަކު ނޫނީ އެއްފަހަރު އެކަމުގައި އެސޯސިއޭޝަންތަކާ ބައްދަލުވެސް ކުރި،" އެސޯސިއޭޝަނެއްގެ މަތީ މަގާމެއްގައި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކުޅިވަރުގެ ބޭފުޅަކު "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

ކުޅިވަރު ގާނޫނު އިސްލާކުރުމަށް ޑްރާފްޓް އޭޖީ އޮފީހަށް ހުށަހެޅުމުގެ ކުރިން ފައިނަލްކޮށްފައި އެސޯސިއޭޝަންތަކާ ހިއްސާނު ކުރާ ކަމަށް ބުނެ ބައެއް އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، މިނިސްޓަރު ރާފިއު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިިދިޔަ ހަފުތާގެ ތެރޭގައި ވިދާޅުވީ "އެސޯސިއޭޝަންތަކުގެ ބަސް، އެ އެސޯސިއޭޝަންތަކުގެ ބެލެނިވެރި ފަރާތްތައް ކަމަށްވާ އޮލިމްޕިކް ކޮމިޓީއާއި، ކުޅިވަރާ ބެހޭ ގައުމީ މަޖިލިސް އަދި ސްޕޯޓްސް ކައުންސިލުން،" ހޯދާފައިވާނެ ކަމަށެވެ.

އެސޯސިއޭޝަންތަކުގެ ނަޒަރުގައިވެސް އެވާހަކަ ރަނގަޅެވެ. އެސޯސިއޭޝަންތަކުގެ ފަރާތުން ވާހަކަ ދެއްކެވި ފަރާތުން ފާހަގަކުރީ އެކަމުގައި އައީ އެންމެ ކަންބޮޑުވުމެއް ކަމަށާއި، އެއީ މަޖިލީހަށް ހުށަހެޅީ ކުރީން ވާހަކަދެއްކި އިސްލާހުތައްތޯ، ނޫނީ އެހެން އެއްޗެއްތޯއެވެ. ބިލު ފެނުމުން އެކަމުގެ ޖަވާބު ލިބިފައިވާ ކަމަށާއި، އޭޖީން ފަރުމާކޮށްފައިވާ ޑްރާފްޓަކީ ކުރިންވެސް މަޝްވަރާ ކުރި ޑްރާފްްޓް ކަމަށް އެސޯސިއޭޝަނުން ވާހަކަ ދެއްކި ބޭފުޅާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން އޮލިމްޕިކް ކޮމިޓީއާއި ސްޕޯޓްސް ކައުންސިލާ ޑްރާފްޓް ހިއްސާކޮށް، ހިޔާލު ހޯދާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެސޯސިއޭޝަންތަކުގެ ހިންގުން ބޮއްސުންލައިގެންދާތަން ފެންނަމުންދާ މިހާލަތުގެ އިތުރުން، އަތޮޅުތެރޭގެ ކުޅިވަރަށް އަހަންމިއްޔަތުކަން ދޭން ޖެހިފައި އޮތް މި ހާލަތަށް ގާނޫނަށް ގެންނަ އިސްލާހުތައް އެހީވާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް އަތޮޅު ތެރެއިން ހުނަރު ހޯދަން ދޭ ސަމާލުކަން ބޮޑުވެފައި އޮތުމުން އެއީ ލިބޭނެ ހިތްހަމަޖެހުމެކެވެ. އެސޯސިއޭޝަންތަކަށްވެސް އެއީ މުހިއްމު ވާން ޖެހޭނެ މަސައްކަތެކެވެ.

ކުޅިވަރުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައިވާ ބިލު ދިރާސާ ކުރުމަށް އެކަށީގެންވާ ވަގުތު، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ނުލިބޭތީ މެންބަރުން ވަނީ ޝަކުވާ އުފުލައިފައެވެ. މިހާރު އޮތް ކުޅިވަރު ގާނޫނަށް 72 އިސްލާހެއް އެ ބިލްގައި ހުށަހަޅާފައިވެއެވެ. އެއީ ބޮޑެތި ބަދަލުތަކެއް ކުޅިވަރުގެ ނިޒާމަށް ގެންނަ ގޮތަކަށެވެ.

ބިލު ދިރާސާކުރަން ބޭއްވި އިޖުތިމާއީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައިވެސް ކޮމިޓީގެ މުގައްރިރު މާފަންނު މެދުދާއިރާގެ މެންބަރު، ޕީއެންސީގެ އަސްމާ ރަޝީދު ވިދާޅުވީ މަޖިލީހުގެ ދައުރު މިމަހު 11 ވަނަ ދުވަހު ނިމޭތީ، ބިލަކީ ވަރަށް އަވަހަށް ނިންމަން އޮތް ވަރަށް މުހިންމު ބިލެއް ކަމަށެވެ. އަސްމާ ފާހަގަކުރައްވާފައި ވަނީ ވަގުތު ކުޑަވުމަކީ ކަންބޮޑުވުމެއް ކަމަށާއި، އެކަށީގެންވާ ހިޔާލާއި މަޝްވަރާ ނުހޯދި ގެނެވޭ އިސްލާހުތަކުން "ސަލާމަތް ނުވެވިގެން" އުޅެން ޖެހޭ ފަހުރު އަންނަ ކަމަށެވެ.

އެ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވީ ބިލު ދިރާސާ ކުރައްވަން ސްޓޭކް ހޯލްޑަރުންނާ ބައްދަލުކުރައްވަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، އެކަމަށް އެކަށީގެންވާ ވަގުތު ނެތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ބިލުގެ ދިރާސާ އަންނަ ހަފުތާގެ ހޯމަ ނޫނީ އަންގާރަ ދުވަހަށް ނިންމަން ވިސްނާފައިވާ އިރު، ކޮމިޓީގެ ނައިބު މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޕީއެންސީގެ މުހައްމަދު މުސްތަފާ އިބްރާހިމް ވަނީ އެސޯސިއޭޝަންތަކާ ބައްދަލުކުރައްވަންވެސް ހުށަހަޅުއްވާފައެވެ. އެހެން ނަމަވެސް، އެކަމަށް ވަގުތު ނެތި، ބިލު ދިރާސާ ކުރަން ޖެހޭނެ ހާލަތަކަށް މިހާރު އޮތީ ގޮސްފައެވެ. އެއާއެކު ކޮމިޓީގެ މެންބަރުން ވަނީ "އަވަސް އަރުވާލައިގެން،" ބިލު ނިންމާލަން ގޮވާލައިފައެވެ. އެއީ ކަންބޮޑުވުންތައް ގިނަ ކަމުންނެވެ.

ކުޅިވަރުގެ ދުރުރާސްތާ ޕްލޭނުގެ ތެރެއިން، އެންމެ ބޮޑު އެއް އަމާޒަކީ 2040 ވަނަ އަހަރު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޮލިމްޕިކްސް އިން ރާއްޖެއަށް ޕޯޑިއަމް ފިނިޝްއެއް ހޯދައި، މެޑަލް ހާސިލުކުރުން ކަމަށް ސްޕޯޓްސް މިނިސްޓަރު ރާފިއު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. "ޕްލޭގްރައުންޑް ޓު ޕޯޑިއަމް"ގައި ވާހަކަ ދައްކަވަމުން އެހެން ވިދާޅުވި އިރު، ރާފިއުގެ ޕްލޭނަށް މިހާރު ކުޅިވަރު ގާނޫނުގެ އިސްލާހުތަކުން ބާރު ދޭނެކަން ޔަގީނެވެ.

ދެން އޮތް ސުވާލަކީ އެ އިސްލާހުތަކުގެ ތެރެއިން ކުޅިވަރު ވަސީލަތްތައް ހަމަހަމަކޮށް، ރީޖަނަލް ސްކައުޓިން ނިޒާމުތައް ގާއިމުކޮށް، ހައިޕާފޮމަންސް ސެންޓަރުތަކުގެ މަސައްކަތް ކޮށް، ކުޅިވަރު ފަންޑުން އެހީދީ، މެޑަލް ހޯދޭނެ އެތުލީޓުންނަށް ކުރިމަގެއް ފަހިކޮށްދެވޭނެތޯ ކުރެވޭ ސުވާލެކެވެ.

މިނިސްޓަރުގެ ނަޒަރުގައި ސްކޫލް ދައުރުން ފެށިގެން ހުނަރުވެރި ކުދިން ހޯދައި، ރަނގަޅު ތަމްރީނުތައް ދީ އެ ކުދިީން ކުރިއެރުވުމަކީ ދުރު ރާސްތާ ޕްލޭނުގެ ބައެކެވެ. އަދި އެހެންމެ އެކަމަށްޓަކައި ކުޅިވަރު ފަންޑު ވުޖޫދުވެ، ސްކޫލް ސިސްޓަމް ހަރުދަނާވުން މުހިއްމު ކަމަށްވެސް މިނިސްޓަރު ދެކެވަޑައިގަންނަވައެވެ.

ގާނޫނުގެ ތެރެއަށް އިތުރުވި ބައެއް މާއްދާތަކާއެކު ގުޅިލާމެހިފައިވާ ނިޒާމަކަށް ކުޅިވަރު ފައްޓަން ޖަގާ އެބައޮތެވެ. އެކަމަށް ބޭނުންވާ ފައިސާއާއި ހަރުދަނާ އިންވެސްޓްމެންޓްތައް މުހިއްމުވާ އިރު، އަމަލުން ހަގީގަތް ކުލަކުރުން އަވަސް ކުރަން ޖެހެއެވެ. ނޫންނަމަ ދެމެހެއްޓެނިވި، ލާމެހިފައިވާ ނިޒާމަށް އަދިވެސް އޮތީ ޗެލެންޖްތަކެވެ.