މިއަދު ތަސްދީގުކުރި ކުޅިވަރު ގާނޫނަށް ގެނައި އިސްލާހާއާއެކު ސްޕޯޓްސް ކޯޕަރޭޝަން އުވިގެން ދިޔަ ނަމަވެސް، ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަމާލުކަން ކުޑަ ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުޅިވަރު ގާނޫނަށް ގެނައި އިސްލާހާއެކު ކުޅިވަރުގެ ސްޓްރަކްޗާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން އެއް ބަދަލަކީ ސްޕޯޓްސް ކޯޕަރޭޝަނާއި ކުޅިވަރު ޗެނަލްވެސް އުވިގެން ދިޔުމެވެ.

ސްޕޯޓްސް ކޯޕަރޭޝަނަކީ ކުޅިވަރުގެ އިންފްރާސްޓްރަކްޗާއަށް ހާއްސަކޮށް އުފެއްދި ސަރުކާރުގެ ކުންފުންޏެއް ނަމަވެސް، އެ ކުންފުންޏަށް މާ ބޮޑު ބާރެއް ނެތެވެ. ހާއްސަކޮށް ޔޫތު މިނިސްޓަރަކަށް މީގެ ކުރިން ހުންނެވި އަހުމަދު މަހްލޫފުވެސް ތާއިދުކުރެއްވީ އެ ކުންފުނި އުވާލެއްވުމަށެވެ. އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި އުފެއްދެވި ކުންފުންޏެކެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވެ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުވެސް ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަން އުވާލައިގެން އެ ވުޒާރާގެ މަސައްކަތަށް ބުރު ނާރާނެ ކަމަށެވެ.

ކުޅިވަރު ގާނޫނަށް ގެނައި އިސްލާހު މިއަދު ތަސްދީގު ކުރައްވާ، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަން އުވިގެން ދިޔަ ނަމަވެސް، ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ހުރަހެއް ނެތް ކަމަށެވެ.

"ގާނޫނު ތަންފީޒުކުރުމާއެކު ކުންފުނި އުވިގެންދާނެ. ދެން އެހިސާބުން އެ ކުންފުނީގެ މުއައްޒަފުންނަށް އަޅުގަނޑުމެން އިތުރު ގޮތެއް ހޯދައިދޭނަން. ދެން ސްޕޯޓްސް އިންފްރާ ސްޓްރަކްޗާ ގާއިމުކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު މަސައްކަތެއް. މިއަހަރު އަދި ކުރިއަށް އޮތް ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް ވަރަށް މުހިއްމު އިސްކަމެއް ދީފައިވާބެ، އެ ރަށެއްގެ އާބާދީއާ އެއްވަރުވާ ގޮތަށް، ވަސީލަތްތައް އިތުރު ކުރުމަށް. މިއަހަރު އަދި ކުރިއަށް އޮތް އަހަރު ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ވަސީލަތްތައް ގާއިމުކުރެވިގެންދާނެ. އެކަމަށް މިހާރު އެއްބަސްވުންތަކުގައި ސޮއިކޮށް، ކުރިއަށް އެދަނީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެންމެ ބައި ބޯ ސަރަހައްދަކީ މާލެ ސަރަހައްދު ކަމަށާއި އެ ސަރަހައްދަށް އަމާޒުކޮށްވެސް އިތުރު ވަސީލަތްތަކެއް ގާއިމުކުރުމަށް ވިސްނާފައިވާ ކަމަށާއި، ސަރުކާރުން ވަސީލްތައް ގާއިމުކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އޭގެ އިތުރުން ކުޅިވަރުގެ އެކިއެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް ކުރެވޭ މަސައްކަތްވެސް އިތުރުކުރައްވާނެ ކަމަށް ރައީސް މުއިއްޒު މިއަދު ފާހަގަކުރެއްވިއެވެ.