ބޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "ދޫމް" ގެ ހަތަރުވަނަ ފިލްމުގައި ރަންބީރު ކަޕޫރު ހަރަކާތްތެރިވާނެ ކަމަށް އަހަރުތަކެއް ވާންދެން ދެކެވެމުންދިޔަ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ. ރަންބީރު މިވާހަކަ ޔަގީންކޮށްދިނީ އެމެރިކާގެ ސެން ޑިއޭގޯ ކޮމިކް-ކޮންގައި އޭނާގެ ކުރިއަށް އޮތް ފިލްމު "ރާމާޔަނާ" ޕްރޮމޯޓުކުރުމުގެ ތެރެއިން ދިން އިންޓަވިއުއެއްގައެވެ. މި އިވެންޓުގައި އޭނާއާއެކު ފިލްމުގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ އާއި ޕްރޮޑިއުސަރު ނަމިތު މަލޯތުރާގެ އިތުރުން އެކްޓަރު ޔަޝް ބައިވެރިވިއެވެ.
ޔޫޓިއުބް ޗެނަލް "ރިވިއު ނޭޝަން" އަށް ދިން މި އިންޓަވިއުގައި، ޕްރެޒެންޓަރު ވަނީ ޔަޝްގެ ކުރިއަށް އޮތް ފިލްމު "ޓޮކްސިކް" ގެ ވާހަކަ ފާހަގަކުރުމަށްފަހު، ރަންބީރު ދެން ފެންނާނީ "ދޫމް 4" އިން ކަމަށް ބުނެފައެވެ. ނަމަވެސް ރަންބީރު ވަނީ ވަގުތުން އެކަން ދޮގުކޮށްފައެވެ. ރަންބީރު ބުނި ގޮތުގައި އޭނާ މިވަގުތު މަސައްކަތްކުރަމުން އަންނަނީ "ރާމާޔަނާ" އަދި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ" ގައެވެ. އަދި "ލަވް އެންޑް ވޯ" އަންނަ އަހަރުގެ ޖެނުއަރީ މަހު ނެރޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މި އިންޓަވިއުގައި ކުރިއަށް އޮތް ޕްރޮޖެކްޓުތަކުގެ ވާހަކަ ދެއްކިއިރު، 2023 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "އެނިމަލް" ގެ ސީކުއެލް ކަމަށްވާ "އެނިމަލް ޕާކް" ގެ އެއްވެސް ވާހަކައެއް ރަންބީރު ފާހަގަކޮށްފައެއް ނުވެއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަންބީރުގެ އާ ލުކް ފެނިފައި، އެއީ "ދޫމް 4" ނުވަތަ "އެނިމަލް ޕާކް" އަށް ތައްޔާރުވުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް ބައެއް ފަރާތްތަކުން މީގެ ކުރިން ލަފާކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރު ބައެއް މީޑިއާތަކުން ވަނީ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ "ދޫމް 4" އަށް ރަންބީރު ގެންނަން މަސައްކަތްކުރާ ކަމަށްވެސް ރިޕޯޓުކޮށްފައެވެ.
ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން އުފައްދާ "ދޫމް" ފްރެންޗައިޒްގެ އާ ފިލްމެއްގެ ވާހަކަ މީޑިއާތަކުގައި ދެކެވެމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، އެ ސްޓޫޑިއޯއިން މިހާތަނަށް "ދޫމް 4" އާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އިއުލާނެއް ކޮށްފައެއް ނުވެއެވެ. ރަންބީރުގެ ފަރާތުން މިހާތަނަށް ކަށަވަރުވެފައިވަނީ ހަމައެކަނި "ރާމާޔަނާ" އަދި "ލަވް އެންޑް ވޯ" ގެ މަސައްކަތެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް