އެޕަލް ކުންފުނިން އަންނައަހަރުގެ ފަހުކޮޅު، ޕްރައިވެސީއަށް އިސްކަންދޭ ސްމާޓް އައިނެއް ބާޒާރަށް ނެރެން މަސައްކަތްކުރަމުން އަންނަކަމަށް ބްލޫމްބާގުން ރިޕޯޓުކޮށްފިއެވެ.

ބްލޫމްބާގްއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، "އެން50" ގެ ނަމުން ނަންދީފައިވާ މި އައިނު އާންމުކުރާނެ ކަމަށް ބެލެވެނީ 2027 ވަނަ އަހަރު ބާއްވާ ޑަބްލިއުޑަބްލިއުޑީސީ ގައެވެ. މި އައިނުގައި ސްކްރީނެއް ނުހިމެނޭނެ ކަމަށާއި، އޭގެ ބަދަލުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެޕަލް އިންޓެލިޖެންސާއި ސިރީ މެދުވެރިކޮށް ކެމެރާއިން ފެންނަ މަންޒަރުތައް ދެނެގަތުމުގެ ޓެކްނޮލޮޖީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕްރައިވެސީއަށް ހާއްސަ ސަމާލުކަމެއް ދީގެން ފަރުމާކުރާ މި އައިނުގައި، ރެކޯޑުކުރާއިރު އެކަން އަންގައިދޭ ނިޝާނެއް ފެންނަން ހުންނާނެ ކަމަށާއި، ޑޭޓާ ޕްރޮސެސްކުރާނީ ސީދާ ޑިވައިސްގެ ތެރޭގައި ކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ.

މިއީ ވާދަވެރި މެޓާ ކުންފުނީގެ ސްމާޓް އައިނުގައި ހިމެނޭ މޫނު ދެނެގަތުމުގެ ޓެކްނޮލޮޖީއާ ގުޅިގެން 70 އަށް ވުރެ ގިނަ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި، އެޕަލްއިން ޕްރައިވެސީއަށް އިސްކަންދީގެން ނެރޭ އުފެއްދުމެއް ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މި އައިނުގެ ބެޓެރީއާއި އެހެނިހެން ބައިތައް ހުންނާނީ އައިނުގެ ފްރޭމްގެ ތެރޭގައި ކަމަށާއި، މިއީ އާންމުކޮށް އަޅާ އައިނަކާ އެއްގޮތަށް ފަރުމާކުރާނެ އެއްޗެއް ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، މި އައިނަށް ހާއްސަކޮށްގެން ބެޓެރީ ގިނައިރު ހިފަހައްޓާ އަދި އޭއައި ޕްރޮސެސްކުރުމަށް ފަސޭހަ ޗިޕެއް އެޕަލްއިން އުފައްދަމުން އަންނަ ކަމަށްވެސް ބްލޫމްބާގުން ބުނެފައިވެއެވެ. މި އައިނު މެދުވެރިކޮށް ފޮޓޯ ނެގުމާއި، ފޯނު ކޯލުތަކަށް ޖަވާބުދިނުމާއި، މަންޒަރުތަކާ ގުޅޭ މައުލޫމާތު ސިރީ މެދުވެރިކޮށް ހޯދޭނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ނަމަވެސް، މި އުފެއްދުމާ ގުޅޭގޮތުންނާއި އަންނަ އަހަރުގެ ޑަބްލިއުޑަބްލިއުޑީސީއާ ގުޅޭގޮތުން އެޕަލްއިން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.