އެމްޑީޕީން ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލީ ސިއްރުސިއްރުން ކަމަށާއި ވަތަށް ނޭއްގާނީކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ކުރީ ސަރުކާރުން ދޫކޮށްލީ ނޭއްގާނީ އަދި ވަރަށް ބޭއިންސާފުވެރި ގޮތަކަށް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި، ގާނޫނީ ހަމަތަކުގެ މަތިން މިހާރުގެ ސަރުކާރުން މަސައްކަތްތަކެއް ފަށާފައިވާކަން އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޗާގޯސްގެ މައްސަލައިގައި އިންސާފު ހޯދުމަކީ މުހިންމު ކަމެއް ކަމަށާއި ތާރީހީ ގޮތުން ބެލި ނަމަވެސް، ނުވަ ވަނަ ހަސަން ރަސްގެފާނުގެ ލިޔުންތަކުން ދޭހަވާ ގޮތުގައި އެ ސަރަހައްދުތަކަކީ ދިވެހިންގެ ތާރީހާ ގުޅިފައިވާ ތަންތަން ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އިންސާފު ހޯދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.

"މި ސަރަހައްދުތަކުގެ ވާހަކަ ދައްކާއިރު ޗާގޯސް އެހެން ބަޔަކާ ހަވާލުކުރެވޭ ވާހަކަ ދައްކާއިރު އިންސާފުގެ ވާހަކަ ދައްކަން ގަސްތުކުރަން، އެއީ ރާއްޖޭގެ ތަނެއް ތާރީހުގެ ނުވަ ވަނަ ހަސަން ރަސްގެފާނުގެ ލިޔުންކޮޅުންވެސް ހެކިދޭ" ރައީސް ވިދާޅުވިއެވެ.

ޗާގޯސް އާއި ރާއްޖޭގެ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައަކީ މީގެ ކުރިން ދިގު މުއްދަތެއް ވަންދެން ހިނގަމުން އައި މައްސަލައެކެވެ.

މި މައްސަލައިގައި އިޓްލޮސް (ITLOS) އިން ނިންމި ނިންމުމާ ގުޅިގެން، ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް ބުނެ ގިނަ ފަރާތްތަކަކުން ފާޑުކިޔުންތައް އަމާޒު ކުރިއެވެ.

މިހާރުގެ ސަރުކާރުން އަންނަނީ މި މައްސަލައިގެ ހަގީގަތް ހޯދައި، އެ ސަރަހައްދު އަލުން ހޯދުމަށްޓަކައި ބައިނަލްއަގުވާމީ ލޯޔަރުންގެ ޓީމަކާ ހަވާލުކޮށްގެން މަސައްކަތް ކުރަމުންނެވެ.