މިހާރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ވާދަކުރާ ފެތުންތެރިން، ޖުމުލަ ހަތަރު ގައުމީ ރެކޯޑެއް އާކޮށްފިއެވެ.
މިފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ދެ ކުޅިވަރަކުން ވާދަކުރަމުންދާ އިރު، އެއީ ސްވިމިންނާއި އެތުލެޓިކްސްއިންނެވެ. ސްވިމިން އެތުލީޓުން ވަނީ މިހާތަނަށް ޖުމުލަ ހަތަރު ރެކޯޑެެއް މުގުރާލައިފައެވެ. އެގޮތުން މިރާލް އައިން ލަތީފް، އަންހެނުންގެ ލޯންގްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑު މުގުރާލި އިރު، މުހައްމަދު އާން ހުސައިން ވަނީ ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް ރެކޯޑު މުގުރާލައިފައެވެ.
އޭގެ އިތުރުން ލޫތު މުހައްމަދު ހުސައިން ވަނީ ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު މުގުރާލައިފައެވެ. އަދި މިފަހަރު ރާއްޖޭން ވަނީ މިކްސް ރިލޭ ހަތަރެއް ގުނަ 100 އިންވެސް ރެކޯޑޫ ހަދައިފައެވެ.
މިރާލް، ސަޖަން އަތުގައި އޮތް ރެކޯޑު މިފަހަރު އާކުރީ ދެމިނެޓް، 25.08 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. އެ ރެކޯޑު، 2016 ވަނަ އަހަރު ބޭއްވުނު ސްޕީޑޯ ތައިލަންޑް އޭޖްގްރޫޕް ޗެމްޕިއަންޝިޕްސްގައި އާމިނަތު ޝަޖަން ހަދާފައި އޮތީ ދެމިނެޓް، 25.32 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ރެކޯޑު އެންމެފަހުންވެސް އޮތީ އާން އަތުގައެވެ. އެއީ 2024 ވަނަ އަހަރު ފިލިޕީންސްގެ ނިއު ކްލާކް ސިޓީގައި ކުރިޔަށްދިޔަ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް، 29.51 ސިކުންތުން ރޭސް ފުރިހަމަކޮށް ގެންނެވެ. އާން މިފަހަރު ރެކޯޑު އާކޮށްފައިވަނީ 29.18 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
ލޫތު، 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު ކުރިންވެސް އޮތީ ލޫތު އަތުގައެވެ. އެއީ 2025 ވަނަ އަހަރު ރޮމޭނިޔާ ގައި ބޭއްވުނު 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއާ ޗެމްޕިއަންޝިޕްގައި އެއް މިނެޓް، 10.95 ސިކުންތުން ރޭސް ނިންމައިގެން ހަދާފައި އޮތް ރެކޯޑެކެވެ. ލޫތު ކޮމަންވެލްތު ގޭމްސްގައި އެ ރެކޯޑު މުގުރާލީ އެއް މިނެޓް، 10.63 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ރާއްޖޭން ރެކޯޑު މުގުރާލި ރިލޭ ޓީމުގައި ހިމެނެނީ މިރާލް، އާޏްގެ އިތުރުން މުހައްމަދު ރިހާން ޝިހާމް އަދި އަމްނާ ތަޒްކިޔާ މިރުޝާދެވެ.
މިފަހަރު ރިލޭ ޓީމުގެ ޓައިމިންނަކީ ހަތަރު މިނެޓް، 00.64 ސިކުންތެވެ. މިދިޔަ އަހަރު ކުރިއަށްދިޔަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ހަމަ އެ ޓީމުން ކުރިން ރެކޯޑު ހަދާފައި އޮތީ ހަތަރު މިނެޓް، 4.21 ސިކުންތުންނެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން
ކޮމެންޓް