ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ކުރިއަށް އޮތް ފިލްމު "ސްޕިރިޓް" ގައި ހާއްސަ ފެނިލުމަކުން ބަތަލާ ކެޓްރީނާ ކައިފް ފެނިދާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ޕްރަބާސް އަދި ޓްރިޕްތީ ޑިމްރީ ލީޑު ރޯލުން ފެންނަ މި ފިލްމާ ކެޓްރީނާ ގުޅެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވަނީ، ކުރިން އެ ފިލްމުގެ ލީޑުން ފެންނާނެ ކަމަށް ހަމަޖެހިފައި އޮތް ދީޕިކާ ޕަދުކޯން އެ ޕްރޮޖެކްޓުން ވަކިވި ފަހުންނެވެ.
ޑެކަން ހެރަލްޑް ފަދަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކެޓްރީނާއަށް ހުށަހަޅާފައިވަނީ ފިލްމުގެ ވާހަކައިގެ ވަރަށް މުހިންމު ހިސާބަކުން ފެންނަ ކުރު ނަމަވެސް ވަރުގަދަ ރޯލެކެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އަދި އެއްވެސް އެކްޓަރަކުވެސް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންކަމުން، ކެޓްރީނާ މި ފިލްމުން ފެންނާނެކަން އަދި ކަށަވަރެއް ނުވެއެވެ.
މި ރިޕޯޓުތައް ތެދުވެއްޖެނަމަ، މިއީ ގާތްގަނޑަކަށް 21 އަހަރަށްފަހު ކެޓްރީނާ ތެލިނގޫ ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ. އޭނާ އެންމެ ފަހުން ތެލިނގޫ ފިލްމެއް ކުޅެފައިވަނީ ކެރިއަރުގެ ކުރީކޮޅުގައެވެ. އެއީ ވެންކަޓޭޝްއާއެކު ކުޅުނު "މައްލިސްވަރީ" އަދި ނަންދަމޫރީ ބާލަކްރިޝްނާއާއެކު ކުޅުނު "އައްލާރީ ޕިޑުގޫ" ގައެވެ. ފަހަކަށް އައިސް ފިލްމުތައް ހިޔާރުކުރުމުގައި ކެޓްރީނާ ވަރަށް ބޮޑަށް ވިސްނާކަން އިންޑިއާގެ ނޫސްތަކުން ފާހަގަކުރެއެވެ.
"ސްޕިރިޓް" އަކީ ޕްރަބާސް ފުލުހެއްގެ ރޯލުން ފެންނާނެ އެކްޝަން ތްރިލާއެކެވެ. ދީޕިކާ ފިލްމުން ވަކިވި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު، ފިލްމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރިއަށެވެ. މި ފިލްމުގެ ކާސްޓާ ގުޅޭގޮތުން އާންމުވެފައިވާ ވާހަކަތަކަކީ ހަމައެކަނި ރިޕޯޓުތަކަކަށް ވާއިރު، ކެޓްރީނާގެ ކާސްޓިންއާ ގުޅޭގޮތުން ރަސްމީ ނިންމުމެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.
ކެޓްރީނާ ކައިފް
ކެޓްރީނާ ކައިފް
ކެޓްރީނާ ކައިފް
ކެޓްރީނާ ކައިފް
ކޮމެންޓް