މުނިފޫހިފިލުވުން

ކެޓްރީނާ މަންމައާއެކު ވިކީގެ ގެޔަށް، ކައިވެނީގެ ވާހަކަ މި ދެތަރީން އަދިވެސް ޔަގީނެއް ނުކޮށްދޭ

މިދުވަސްކޮޅު އިންޑަސްޓްރީގައި އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކަށް ބޮލީވުޑް ތަރިން ކަމަށްވާ ކެޓްރިނާ ކެއިފް އަދި ވިކީ ކޯޝަލްގެ ކައިވެނީގެ ވާހަކަތަކެވެ.

މިދެތަރިން މިމަހުގެ 9 ވަނަ ދުވަހު ކައިވެނިކުރަން އުޅޭ ވާހަކަތައް މީޑިއާގައި ތިލަވަމުން އައިސްފައިވީ ނަމަވެސް މިހާތަނަށް އެމީހުން ކައިވެނިކުރަން އުޅޭކަން ޔަގީންކޮށްދީފައެއް ނުވެއެވެ. ޕަޕަރާޒީން މި ދެތަރިންނަށް ގާތުން ފާރަލަމުން އަންނައިރު އިއްޔެ ވަނީ ކެޓްރިނާ އޭނާގެ މަންމަ ސުޒޭން އާއެކު ވިކީގެ ގެއަށް ޒިޔާރަތްކުރަނިކޮށް ފެނިފައެވެ.

މި ދެތަރިންގެ ކައިވެންޏާ ދިމާކޮށް ވިކީ ކޯޝަލް އަދި ކެޓްރިނާ ކެއިފްގެ އާއިލާގެ ގިނަ މެންބަރުންވެސް ވަނީ މުމްބާއީއަށް ގޮސްފައެވެ.

މި ދެތަރިން ކައިވެނިކުރަން ހަމަޖެހިފައިވަނީ ރާޖަސްތާނުގެ ސަވައި މޯދާޕޫރުގައި ހުންނަ ސިކްސް ސެންސަސް ރިސޯޓުގައި މިމަހުގެ 9 ވަނަ ދުވަހު ކަމަށް ހަބަރުތައް ބުނެއެވެ.

އިންޑިއާގެ މީޑިއާތަކުން އަންނަނީ ވިކީ އަދި ކެޓްރިނާގެ ކައިވެންޏާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކުރަމުންނެވެ. އެގޮތުން މިހާތަނަށް ކައިވެންޏަށް ދައުވަތު ދެވިފައިވާ މީހުންގެ ލިސްޓުތައް ބައެއް މީޑިއާތަކުން އާއްމުކޮށްފައިވާއިރު އޭގެ ތެރޭގައި ބޮލީވުޑްގެ ފުންނާބު އުސް ގިނަ ތަރިން ހިމެނޭ ކަމަށް އެ ފަރާތްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.