މިނިވަން ދުވަހުގެ ރަސްމީ އިހްތިފާލުތަކުގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވި، ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު، ސައުދީ އަރަބިއްޔާގެ މިނިސްޓާ އޮފް ސްޓޭޓް، އަދި ސައޫދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް، އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި، މިނިވަން ދުވަހުގެ އިހްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުފުޅު ކުރެއްވިކަމަށްޓަކައި ސައޫދީ އަރަބިއްޔާގެ ވެރިންނަށް ރައީސް މުއިއްޒު ޝުކުރު އަދާކުރެއްވިއެވެ. އަދި ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް، ހާއްސަކޮށް ދިވެހި ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ވެދެއްވާފައިވާ އެހީތެރިކަމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޕްރިންސް ޑރ. މަންސޫރު ދެއްކެވި ވާހަކަފުޅުގައި، ސައުދީ އަރަބިއްޔާގެ އިސްވެރިން، ރާއްޖޭގެ ތަރައްގީ އާއި ފާގަތިކަމަށް އަބަދުވެސް ދެއްވާ ހާއްސަ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދެ ގައުމުގެ މެދުގައިވާ ދީނީ އެއްބައިވަންތަކަމާއި އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހުތިރާމާއި ހިއްސާކުރާ އާންމު އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ އަހުވަންތަ ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ވިޔަފާރި އާއި އިންވެސްޓްމަންޓާއި އިގުތިސޯދީ ތަރައްގީ އާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ޕްރިންސް ޑރ. މަންސޫރުގެ ބައިވެރިވެވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ ފަރާތްޕުޅުންނެވެ.