އަހާން ޕާންޑޭ، ޝަރުވަރީ ވާގް، އައިޝްވަރީ ތާކަރޭ އަދި ބޮބީ ޑިއޯލް މުހިންމު ރޯލުތަކުން ފެނިގެންދާ އާ ރޮމޭންޓިކް އެކްޝަން ފިލްމު އަންނަ އަހަރުގެ މާޗު 26ގައި ނެރެން ހަމަޖެހިފައިވާ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.

ޔާޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން އުފައްދާ މި ފިލްމަކީ އަލީ އައްބާސް ޒަފަރު ޑައިރެކްޓުކުރާ ފިލްމެކެވެ. މިއީ ޕްރޮޑިއުސަރު އަދިތިޔަ ޗޯޕްރާއާއި ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ގުޅިގެން މަސައްކަތްކުރާ ފަސްވަނަ ފިލްމެވެ. މީގެ ކުރިން މި ދެ މީހުން ގުޅިގެން ވަނީ “ސުލްތާން” އަދި “ޓައިގާ ޒިންދާ ހޭ” ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމުގެ ޝޫޓިންތައް އިނގިރޭސިވިލާތާއި މުމްބާއީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ފިލްމުގެ ތަރިންނާއި ފިލްމު ނެރޭނެ ތާރީހު ރަސްމީކޮށް އިއުލާނުކޮށްފައިވީ ނަމަވެސް، ފިލްމުގެ ނަމާއި ވާހަކަ ބިނާވެފައިވާ ގޮތުގެ ތަފުސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިއީ ބޮޑު ބަޖެޓަކުން އުފައްދާ، އެކްޝަން އަދި ލޯބި ހިމެނޭ ފިލްމެއް ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އަދި މި ފިލްމުގައި އައިޝްވަރީ ތާކަރޭ ފެނިގެންދާނީ ނެގެޓިވް ރޯލަކުން ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިއީ އަހާން ޕާންޑޭގެ ދެވަނަ ފިލްމެވެ. އޭނާ ބޮލީވުޑަށް ތައާރަފުވެފައިވަނީ “ސައްޔާރާ” އިންނެވެ. އަދި މިއީ އަހާން އާއި ޝަރުވަރީ އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. ޝަރުވަރީ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ “އަލްފާ” އިންނެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ 2027 ވަނަ އަހަރުގެ ގުޑް ފްރައިޑޭ ބަންދާ ދިމާކޮށެވެ.