އިރާނާއި އެމެރިކާއާ ދެމެދު މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ތެހެރާނުން ކުރިއަށްވުރެ ބޮޑަށް ސީރިއަސްވަމުން އަންނަކަމަށާއި އެ ގައުމަށް ވަރުގަދަ ހަމަލާ ތަކެއް ދިނުމާ މެދު ގޮތެއް ނުނިންމަވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި މައްސަލަ ހައްލުކުރުމަށް އެންމެ ރަނގަޅު ގޮތަކީ ޑިޕްލޮމެޓިކް އުސޫލުން އެއްބަސްވުމަކަށް އައުމެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ އީރާނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރުމާމެދު ގޮތެއް ނިންމެވުމަށް ޓްރަމްޕް އޭނާގެ އިސް މުޝީރުންނާއި ކެބިނެޓުގެ މެންބަރުންނާއެކު މަޝްވަރާކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ނިއު ޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ސަރުކާރުގެ އެތެރޭގައި މިހާރު މަޝްވަރާކުރަމުންދަނީ ފުޅާ ދާއިރާއެއްގައި އީރާނަށް ހަމަލާދިނުމާމެދުގައެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާ އޮތީ ހަމަލާތައް ވަރުގަދަކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ނަމަވެސް، މަޝްވަރާތައް ކުރިއަށްދާތީ އަދި ވަކި ގޮތަކަށް އަމަލުކުރަން ނިންމަވާފައިނުވާ ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ޑިޕްލޮމެޓިކް ނުތަނަވަސްކަން ބޮޑުވެ، ދެ ފަރާތުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ފޮކްސް ނިއުސް އަދި އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ވައިގެ ހަމަލާތަކެއް ދެމުންގެންދާއިރު، އީރާނުންވެސް އަންނަނީ ސަރަހައްދުގައި ތިބޭ އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ހަމަލާދެމުންނެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ގާއިމުކޮށްފައި އޮތް ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުންވެސް މިހާރު ވަނީ އުވިފައެވެ.

މި ވަގުތު އެމެރިކާގެ ސަރުކާރުން އިސްކަންދެނީ މަޝްވަރާގެ މޭޒުދޮށުން މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށް ރަސްމީ ފަރާތްތަކުން ބުނެފައިވެއެވެ.