މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދުގެ މަސައްކަތްތައް ނިމި، އާންމު ދަތުރުފަތުރުތަކަށް ހުޅުވާލައިފިއެވެ.
މަގުގެ ތަރައްގީކުރި ބައި އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވަނީ މިއަދު 4:00 ގަ އެވެ.
އެ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ރޭ ބުނީ މިނިވަން ދުވަހާއި ދިމާކޮށް، ރައްޔިތުންނަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހަމައަށް 4 ލޭންއަށް ފުޅާކޮށް ތަރައްގީކޮށްފައިވާ ސަރަހައްދު މިއަދު ހަވީރު އާންމުނަނަށް ހުޅުވާލާނެ ކަމަށެވެ.
"ނަމަވެސް، ބޮޑުތަކުރުފާނު މަގުގައި އަދިވެސް ބައެއް ކުދި މަސައްކަތް ކުރިއަށްދާނެކަމުގައި ދަންނަވަމެވެ. އެގޮތުން، އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމުގައި ދަންނަވަމެވެ. މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ސިޑި ކައިރީގައި ބެހެއްޓިފައި ހުންނާނެއެވެ" އެމްޓީސީސީން ބުންޏެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އެ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެންގަމްޓުގެ ދަށުން ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީ މައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފައެވެ. އަދި ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށްވެސް ވަނީ ތަރައްގީކޮށްފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދެން ކުރިއަށްދާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުން ފެށިގެން ވެސްޓް ޕާކާ ހަމައަށް އޮތް ހަލާކުވެފައިވާ މަގުތައް ހެދުމުގެ މަސައްކަތެވެ. އެއަށްފަހު އެ މަގުގެ ބާކީ ބައި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ.
މުހައްމަދު އިޝާން
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު
ކޮމެންޓް