މިއަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށް ވުރެ، މިހާތަނަށް ދައުލަތަށް ލިބުނު އެހީގެ އަދަދު 17 ޕަސަންޓް އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ވަނީ 439 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މިއަހަރުގެ ބަޖެޓުގައި މި ބައިން ލިބޭނެ ކަމަށް ކަނޑައެޅި 374 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއްކަމަށް ފިނޭންސުން ބުންޏެވެ.
މިދިޔަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 400 މިލިއަން ރުފިޔާ ކަމަށާއި، އެ އަހަރު ލިބޭނެކަމަށް އަންދާޒާކުރި ހިލޭ އެހީގެ އާމްދަނީއަކީ 2.6 ބިލިއަން ރުފިޔާކަމަށް ފިނޭންސުން ބުންޏެވެ. މިދިޔަ އަހަރު ލިބުނު ހިލޭ އެހީގައި ހިމެނެނީ ކޭޝް ގްރާންޓްގެ ގޮތުގައި ލިބުނު 34 މިލިއަން ރުފިޔާ އާއި ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި ލިބުނު 339 މިލިއަން ރުފިޔާކަމަށް ފިނޭންސުން ބުންޏެވެ.
މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ގޮތުން، މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ހަމައެކަނި އެކި ޕްރޮޖެކްޓްތަކަށް ލިބޭ އެހީއެވެ. އެގޮތުން ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި 324 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓު ކުރި އިރު، ހިލޭ ފައިސާ ނުވަތަ ކޭޝް ގްރާންޓްގެ ގޮތުގައި އެއްވެސް އަދަދެއް ބަޖެޓުގައި ހިމަނާފައި ނުވާކަން ފިނޭންސުން ފާހަގަކުރިއެވެ.
ފިނޭންސުން ބުނީ ކުރިއަށް އޮތް އަހަރުތަކުގައި ހިލޭ އެހީ ލިބޭ މިންވަރު ދަށަށްދާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މެދުރާސްތާގެ ބަޖެޓު އަންދާޒާތައް ދައްކާގޮތުން، ކުރިއަށް އޮތް ދެ އަހަރު ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބޭނީ އަހަރަކު ގާތްގަނޑަކަށް 300 މިލިއަން ރުފިޔާކަމަށް ފިނޭންސުން ބުންޏެވެ.
މީގެ ކުރިން 2021 އިން 2023 އަށް ރާއްޖެއަށް އަހަރަކު އެއް ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ހިލޭ އެހީ ލިބިފައިވާކަން ތަފާސްހިސާބުން ދައްކައެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
ކޮމެންޓް