ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން އިތުރުވެ، މެދުއިރުމަތީގެ މަސްރަހު ކޮންޓްރޯލުން ނެއްޓި، ހީވެސްނުކުރާ ފަދަ ނުރައްކާތެރި ހާލަތަކަށް ވެއްޓިދާނެ ކަމުގެ އިންޒާރު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް މިއަދު ދެއްވައިފިއެވެ. އޭނާ މި އިންޒާރު ދެއްވީ އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

ގުޓަރޭޒް ވިދާޅުވި ގޮތުގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ދަނީ ގިނަވެ، އޭގެ އަސަރު ފުޅާވަމުންނެވެ. އަދި މި މައްސަލަތައް އިތުރަށް ބޮޑުވެ، ދިގުލައިގެންދާ ކަމަށާއި، ކުށްކުރާ ފަރާތްތަކަށް އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތެއް އާންމުވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“މަސްރަހު މިދަނީ ކޮންޓްރޯލުން ނެއްޓެމުން. މިއީ ހީވެސްނުކުރާ ފަދަ ނުރައްކާތެރި ހާލަތެއްގެ ތުންފަތްމަތި،” ގުޓަރޭޒް ވިދާޅުވިއެވެ.

މީގެ އިތުރުން، ދުނިޔޭގެ ވިޔަފާރީގެ މުހިންމު ދެ މަގު ކަމަށްވާ ހޮރުމުޒް ކަނޑުއޮޅިއާއި ބާބުލް މަންދަބުގައި ދަތުރުފަތުރުކުރުމުގެ މިނިވަންކަން އަލުން އިއާދަކުރުމަށް ސެކްރެޓަރީ ޖެނެރަލް ގޮވާލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ނުތަނަވަސްކަން ކުޑަކޮށް، އިތުރު ހަމަނުޖެހުންތަކަކަށް މަގުފަހިވިޔަ ނުދިނުމަށް އޮތް ހަމައެކަނި މަގަކީ ޑިޕްލޮމެސީގެ އުސޫލުތަކުގެ ތެރެއިން މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރުމެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ގައުމުތަކުގެ އިތުރުން މުޅި ދުނިޔޭގެ އިގުތިސޯދަށްވެސް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ހާއްސަކޮށް ތެލުގެ އަގު އުފުލި، ކަނޑުމަގުން ކުރާ ވިޔަފާރިތަކަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ. ގުޓަރޭޒްގެ މި އިންޒާރާ ގުޅިގެން، މައްސަލަ ހައްލުކުރުމަށް ސަލާމަތީ މަޖިލީހުން އަދި ވަކި ފިޔަވަޅެއް އަޅަން ނިންމާފައެއް ނުވެއެވެ.