ބޮޑުތަކުރުފާނުމަގުގެ ހެންވޭރު ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރުއެޅުމުގެ މަސައްކަތް ނިންމައި އެ ސަރަހައްދު ދިވެހި ރުއް މިއަދު އިންދައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.
މަގު އާންމުންނަށާއި އެއްގަމު އުޅަނދުފަހަރަށް ހުޅުވާލުމުގެ ކުރިން، އަޅާފައިވާ ތާރުގަނޑު ސާފުކުރުމުގެ މަސައްކަތް އެ ކުންފުނީގެ އެމަޖެންސީ ސާވިސް ޓީމުން ވަނީ ކުރިއަށް ގެންގޮސްފައެެވެ.
އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، މަގު އާންމުންނަށް ހުޅުވާލުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެގޮތުން އެ މަގު ހުޅުވުމަށް ނިންމާފައިވަނީ މިމަހު 26ގައެވެ.
އެގޮތުން އެ ސަރަހައްދުން ކުރިން ނެގި ބައެއް ހިރުނދު ގަސްތައް ވެސް މިހާރު އިންދާފައިވާ އިރު، މިއަދު ވަނީ އެ ސަރަހައްދުގައި ދިވެހި ރުއް އިންދައިފައެވެ.
މާލެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިންމައި އާންމުންނަށް ހުޅުވާލާ އިރު، އެ މަގަކީ ހިތްފަސޭހަ، ޖާގަތަނަވަސް އަދި ޕާކިން ޒޯނުތަކާއެކު ހުޅުވާނެ މަގެއްގެ ގޮތުގައި ތަރައްގީ ކުރާނެ ސަރަހައްދެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މާލޭގެ ބޭރުމަގު ތަރައްގީ ކުރާއިރު އެ ސަރަހައްދުގައި ހުންނަ ގަސްތައް ނަގާ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއެވެ. އަދި މަގު ހަދާ ނިންމާއިރު އެ މަގުގައި އިންދާފައި ހުންނަ ގަސްތަކަކީ ރާއްޖޭގެ މާހައުލާ ނުގުޅޭ ގަސްތަކެއް ކަމަށް ބުނެ އާންމުންގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އޭގެ ތެރޭގައި ބޮޑުތަކުރުފާނުމަގުގެ ދެކުނު ފަރާތުގައި ތާރުއަޅައިގެން ހަދާފައިވާ ސަރަހައްދުގައި ކަދުރު ރުއް އިންދުމުންވެސް ގިނަ ބަޔަކުގެ ފާޑުކިޔުންތައް އަމާޒުވިއެވެ.
ފާތިމަތު ލިއުޝާ
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު
ކޮމެންޓް