ބޮލީވުޑްގެ މަޝްހޫރު ފިލްމު '3 އިޑިއަޓްސް' އަލުން ސިނަމާތަކަށް ގެންނާން އުޅޭ ކަމަށް ދެކެވެމުންދާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އެ ފިލްމު އުފެއްދި ފަރާތުން ކަށަވަރުކޮށްދީފިއެވެ.
އާމިރް ހާން، އާރް މާދަވަން އަދި ޝަރުމަން ޖޯޝީ ލީޑު ރޯލުން ފެނިގެންދިޔަ، 2009 ވަނަ އަހަރު ނެރުނު މި ފިލްމު އަންނަ ސެޕްޓެންބަރު މަހުގެ 4 ވަނަ ދުވަހު އަލުން ސިނަމާތަކުގައި އަޅުވާނެ ކަމަށް މީޑިއާގައި ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް، ފިލްމުގެ ޕްރޮޑަކްޝަން ހައުސް ކަމަށްވާ ވިދޫ ވިނޯދު ޗޯޕްރާ ފިލްމްސް އިން ޖުލައި 22 ވަނަ ދުވަހު އިންސްޓަގްރާމްގައި ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށެވެ.
“ސެޕްޓެންބަރު 4 ގައި '3 އިޑިއަޓްސް' އަލުން ރިލީޒްކުރާ ކަމަށް ބުނެ ފަތުރަމުންދާ ރިޕޯޓުތަކަކީ ދޮގެއް ކަމަށާއި އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ވިދޫ ވިނޯދު ޗޯޕްރާ ފިލްމްސް އިން ސާފުކޮށްދެން،” އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ފިލްމު އަލުން އަޅުވާ ކަމުގެ އަޑުތައް ގަދަވެފައިވަނީ، ފިލްމުގައި އާމިރް ހާން ކުޅުނު 'ރަންޗޯ' ގެ ކެރެކްޓަރަކީ ތައުލީމީ ދާއިރާގެ އިސްލާހީ މަސައްކަތްތެރިޔާ ސޯނަމް ވަންގްޗުކްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ކެރެކްޓަރެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް އާމިރް ހާން ދާދި ފަހުން ދޮގުކޮށްފައި ވަނިކޮށެވެ.
ލަންޑަން ފިލްމު ފެސްޓިވަލްގައި ވާހަކަދައްކަމުން އާމިރް ބުނި ގޮތުގައި ފިލްމުގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އަދި ލިޔުންތެރިޔާ އަބިޖާތު ޖޯޝީއަށް ވެސް ސްކްރިޕްޓް ލިޔުނު އިރު ސޯނަމް ވަންގްޗުކް ނޭނގެއެވެ. އެހެންކަމުން އެއީ އޮޅުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން، އިންޑިއާގެ ތައުލީމީ ނިޒާމަށް ފާޑުކިޔައި އުފައްދާފައިވާ މި ފިލްމު އަލުން ނެރެން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ހިޔާލު ފާޅުކޮށްފައެވެ. އެގޮތުން ބައެއް މީހުން ވަނީ މިއީ މިހާރު ހިނގަމުންދާ މުޒާހަރާތަކުގެ ފައިދާ ނެގުމަށް ކުރާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް، ޕްރޮޑަކްޝަން ޓީމުން ވަނީ މިފަދަ އެއްވެސް ވިސްނުމެއް ނެތްކަން ފާހަގަކޮށްފައެވެ.
ފިލްމާ ގުޅޭ އެއްވެސް ކަމެއް ނިންމައިފިނަމަ އެކަން އިއުލާނުކުރާނީ އެ ކުންފުނީގެ ރަސްމީ އަދި ވެރިފައިޑް ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ. އަދި ކަށަވަރުނުވާ މައުލޫމާތު ނުފެތުރުމަށް މީޑިއާތަކަށާއި ސަޕޯޓަރުންނަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
އާމިރް ޚާން
އާމިރް ޚާން
އާމިރް ޚާން
އާމިރް ޚާން
ކޮމެންޓް