ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ހާން އޭނާގެ ލޯބިވެރިޔާ ގޯރީ ސްޕްރެޓްއާ އިއްޔެ ކައިވެނިކޮށްފިއެވެ. މި ކައިވެނި ކުރެވިފައިވަނީ މުމްބާއީގެ ބާންދްރާގައި ހުންނަ އާމިރުގެ އަމިއްލަ ގޭގައި ބޭއްވުނު ވަރަށް އާދައިގެ ކުޑަ ހަފުލާއެއްގައެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މުމްބާއީއަށް ބޯކޮށް ވާރޭވެހެމުން ދިޔަ ނަމަވެސް ކައިވެނީގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ކުރިންވެސް ރާވާފައިވާ ގޮތަށެވެ.
މި ހަފުލާގައި ބައިވެރިވެފައިވަނީ ދެ ފަރާތުގެ އާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 150 މެހެމާނުންނެވެ. އޭގެ ތެރޭގައި އާމިރުގެ ކުރީގެ ދެ ކައިވެންޏަށް ލިބިފައިވާ ތިން ކުދިން ކަމަށްވާ ޖުނައިދު، އީރާ އަދި އާޒާދުގެ އިތުރުން ގޯރީގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ފިރިހެން ދަރިފުޅުވެސް ބައިވެރިވިއެވެ. މީގެ އިތުރުން ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީ، ސިޔާސީ ލީޑަރު ރާޖް ތާކްރޭ، ފިލްމު ޑައިރެކްޓަރުން ކަމަށްވާ އާޝުތޯޝް ގޮވާރިކަރް އަދި ރާޖްކުމާރު ހިރާނީގެ އިތުރުން ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އިރްފާން ޕަތާން ފަދަ މަޝްހޫރު ފަރާތްތައް މި ހަފުލާގައި ބައިވެރިވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއީ އުމުރުން 61 އަހަރުގެ އާމިރުގެ ތިންވަނަ ކައިވެންޏެވެ. އޭނާ މީގެ ކުރިން ރީނާ ދައްތާ އަދި ކިރަން ރާއޯއާ ކައިވެނިކޮށްފައިވާއިރު، މިއީ އުމުރުން 47 އަހަރުގެ ގޯރީގެ ދެވަނަ ކައިވެންޏެވެ. މި ދެމީހުން އެކަކު އަނެކަކު ދަންނަތާ 25 އަހަރު ވެފައިވީ ނަމަވެސް، ލޯބީގެ ގޮތުން ގުޅިފައިވަނީ މީގެ ދެ އަހަރެއްހައި ދުވަސް ކުރިންނެވެ. އިންޑިއާގެ ސްޕެޝަލް މެރިޖް އެކްޓުގެ ދަށުން ކައިވެނި ރަޖިސްޓްރީކުރުމަށްފަހު، ދެމަފިރިން ވަނީ އާއިލާއާއެކު އުފާފާޅުކޮށްފައެވެ.
ކައިވެންޏާ ގުޅޭގޮތުން އާމިރު ބުނެފައިވަނީ، މިއީ ވަރަށް އާދައިގެ ގޮތަކަށް ގޭގައި ބޭއްވުނު ކުޑަ ހަފުލާއެއް ކަމަށާއި، ކުރިއަށް އޮތް ދިރިއުޅުމުގައި އުފާވެރިކަން މިންވަރުކުރެއްވުން އެދި ހެޔޮދުއާ ކޮށްދިނުމަށް އާންމުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ބޮޑު ޕާޓީއެއް ބޭއްވުމުގެ ބަދަލުގައި ދެމަފިރިން ބޭނުންވީ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. ކައިވެނީގެ ރަސްމިއްޔާތަށްފަހު އާމިރުގެ ޕީއާރް ޓީމުން ވަނީ ކައިވެނީގެ ބައެއް ފޮޓޯތައް އާންމުކޮށްފައެވެ.
އާމިރް ޚާން
އާމިރް ޚާން
އާމިރް ޚާން
އާމިރް ޚާން
ކޮމެންޓް