މުނިފޫހިފިލުވުން

ވަގުތު ބޭކާރު ކުރެވިއްޖެކަމުގެ އިހުސާސުކުރެވި އެކްޓުކުރުމާއި ދުރަށް ދާން ނިންމިން: އާމިރު ހާން

ގިނަ އަހަރުތަކެއްވަންދެން ފަނޑުވުމެއްނެތި ބޮލީވުޑް އިންޑަސްޓްރީގައި ފިޔަޖަހަމުން އައިސްފައިވާ ތަރި އާމިރު ހާން އެކްޓުކުރުމާއި ދުރަށް ދާން ނިންމިކަމުގައި އޭނާ ބުނެފިއެވެ.

އޭބީޕީ އިންޑިއާއިން މުމްބާއީގައި އިއްޔެ ކުރިއަށް ދިޔަ އިވެންޓެއްގައި ބައިވެރިވެ ވާހަކަ ދައްކަމުން އާމިރު ހާން ބުނެފައިވަނީ ކޮވިޑުގެ ހާލަތުގައި އޭނާއަށްވެސް ގިނަ ކަންތައްތަކެއް ބީވެގެން ދިޔަކަމަށާއި ނަމަވެސް އެއާއެކު ގިނަ ކަންތައްތަކެއް ހާސިލު ކުރެވުނު ކަމުގެ އިހުސާސުވެސް ކުރެވުނުކަމަށެވެ.

އާމިރު ހާން، 2005ވަނަ އަހަރު ކިރަން ރާއޯ އާއެކު ކުރި ކައިވެނި ނިމުމަކަށް އައިކަން މިދިޔަ އަހަރުގެ ތެރޭގައި އޭނާ ވަނީ އިއުލާނުކޮށްފައެވެ.

އޭބީޕީ އިން ކުރިއަށް ގެންދިޔަ މި ސެޝަންގައި ވާހަކަދައްކަމުން އާމިރު ހާން ވަނީ ކުރީގެ އަންހެނުން ރީނާ އާއި ކިރަން ރާއޯ އަދި ދަރިންގެ ވާހަކަތައް ދައްކައިފައެވެ. މި ސެޝަންގައި ވާހަކަ ދައްކަމުން އާމިރު ހާން ވަނީ ޕެންޑެމިކުގެ ތެރޭގައި އޭނާއަށް އަނބިދަރިންނަށް ވަގުތު ނުދެވޭކަމުގެ އިހުސާސު ވަރަށް ބޮޑަށް ކުރެވި އެކްޓުކުރުމާ ދުރަށް ދާން ނިންމިކަން ބުނެފައެވެ. އުމުރުގެ ބޮޑު ބައެއް ހުވަފެންތަކުގައި ކުލަޖެއްސުމަށް ހުވަފެންތައް ފަހަތުން ދުވެވިއްޖެކަމަށާއި ނަމަވެސް އެކަމަށް ކުރި ދަތުރުގެ ތެރޭގައި މައިންބަފައިންނާއި އެއްބަނޑު މީހުން، އަދި އަނބިދަރިންނަށް ވަގުތު ދެވިފައިނުވާކަމުގެ އިހުސާސު އޭނާއަށް ވަރަށް ބޮޑަށް ކުރެވިއްޖެކަމަށް ބުނެފައެވެ. އެގޮތުން ދޮށީ ދަރިފުޅު އީރާއަށް 23 އަހަރު ވެފައިވާއިރު އީރާ ކުޑައިރު އާމިރަށް އެ ދަރިފުޅަށް ވެސް ވަގުތު ދެވިފައި ނުވާކަމަށާއި، އަދި ބޮޑުވަމުން އައިއިރު އީރާގެ އުއްމީދުތަކާއި ހުވަފެންތައް އަދި ނުތަނަވަސްކަން އާމިރަށް ބުނެދޭން ނޭނގުނު ނަމަވެސް ޑައިރެކްޓަރުންގެ އުއްމީދުތައް ބުނެދޭން އެނގުނުކަމަށް ބުނެފައިވެއެވެ.

އިތުރަށް ވާހަކަދައްކަމުން އާމިރު ބުނެފައިވަނީ ވަގުތަކީ ވަރަށްވެސް މުހިއްމު އެއްޗެއް ކަމަށާއި އެކަމުގެ އިހުސާސުކުރެވުނީ މާފަހުން ކަމަށެވެ. އަދި އެމީހެއްގެ ހަޔާތުގައި ބާކީ އޮތީ ކިހާ ވަގުތެއްކަން ބުނެދޭން ނޭނގޭނެކަމަށާއި އެކަން ވިސްނުނު އިރު އޭނާގެ ހަޔާތުން ވަރަށް ބޮޑު ބައެއް ބޭކާރުވެފައިވާކަން އެނގި ހިތުގައި ނަފުރަތު އުފެދުނުކަމަށް އާމިރު ހާން ވަނީ ބުނެފައެވެ. އެގޮތުން އަނބިދަރިންނާއި އާއިލާއަށް ވަގުތު ހުސްކުރުމަށް ފިލްމު އިންޑަސްޓްރީއާއި ދުރުވާން ނިންމިކަމަށާއި ނަމަވެސް ކެރިއަރުގައި ކުރިއަރައި ދިއުމަށް ދަރިން ހިތްވަރު ދިން ކަން އާމިރު ހާން ވަނީ ފާހަގަކޮށްފައެވެ. ލޮކްޑައުންގެ ދުވަސްވަރު ދަރިންނާއެކު ހޭދަކުރެވުނު ތިން މަސްދުވަސް އެކުދިންނަށް ފުދޭ ކަމަށާއި މަސައްކަތަށް އެނބުރި ދިއުމަށް ކުދިން އޭނާ ގާތު ބުނިކަމަށް އާމިރު ހާން ބުނެއެވެ. ކުދިންގެ އިތުރުން ކިރަން ވަނީ އާމިރު ހާން ފިލްމު އިންޑަސްޓްރީއާއި ދުރަށް ނުދިއުމަށް ތަކުރާރުކޮށް އެދި އޭނާއަށް ހިތްވަރު ދީފައިކަމަށްވެސް އާމިރުހާން ވަނީ ފާހަގަކޮށްފައެވެ.

އާމިރު ހާންގެ ކުރިއަށް އޮތް ފިލްމު ''ލާލް ސިންގް ޗައްދާ'' އާއި ގުޅޭގޮތުންވެސް އޭނާ ވަނީ ވާހަކަ ދައްކައިފައެވެ. އާމިރު ބުނިގޮތުގައި އެފިލްމާ ދޭތެރޭ ބައެއް ފަހަރު ފޮނި އުއްމީދުތައް ކުރެވޭ ކަމަށާއި ނަމަވެސް ފިލްމު ކާމިޔާބު ނުވެދާނެކަމުގެ ބިރުވެސް ހިތުގައި އުފެދޭ ކަމަށެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން ރިލީސްކުރުން އެތައް ފަހަރަކު ފަސްވަމުން އައިސްފައިވާ އާމިރު ހާން އަދި ކަރީނާ ކަޕޫރު ހާންގެ ފިލްމު ''ލާލް ސިންގް ޗައްދާ'' ރިލީސްކުރަން ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީހަކީ މިއަހަރުގެ އޯގަސްޓުމަހުގެ 11 އެވެ.