އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާކަމަށް އެމެރިކާގެ ނިއު ޔޯކް ޕޯސްޓުން ރިޕޯޓުކޮށްފިއެވެ.
ޓްރަމްޕާ ގާތް ފަރާތަކާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް ގަބޫލުކުރައްވަނީ އިންފަންޓީނޯއަކީ މުޅި ދުނިޔޭގެ އިހުތިރާމު ލިބިފައިވާ ބޭފުޅެއް ކަމަށެވެ. އަދި މީހުން އެއްބައިވަންތަކުރުމުގެ ހާއްސަ ހުނަރެއް އޭނާގެ ކިބައިގައި ހުރިކަމަށް ޓްރަމްޕް ގަބޫލުކުރައްވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ. މި ދެ ބޭފުޅުންގެ ގުޅުން ބަދަހިވެފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ދާދި ފަހުން ބޭއްވި 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރެއިންނެވެ.
އދ. ގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ދައުރު މިއަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ހަމަވާއިރު، އާ ސެކްރެޓަރީ ޖެނެރަލް މަގާމާ ހަވާލުވެވަޑައިގަންނަވާނީ 2027 ވަނަ އަހަރުގެ ޖެނުއަރީ 1 ގައެވެ. މި މަގާމަށް އިންފަންޓީނޯ އައްޔަންކުރަން ބޭނުންވާނަމަ، އދ. ގެ ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތާއީދު ހޯދަން ޖެހޭނެއެވެ. މީގެ ތެރޭގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ފަސް ގައުމުވެސް ހިމެނެއެވެ. އޭގެ ފަހުން އދ. ގެ އާންމު މަޖިލީހުން އެކަން ފާސްކުރަން ޖެހޭނެއެވެ.
މި މަގާމަށް ވާދަކުރައްވާނެ ކަމަށް ބެލެވިފައިވާ އެހެން ބޭފުޅުންގެ ތެރޭގައި ޗިލީގެ ކުރީގެ ރައީސް މިޝޭލް ބަޝެލޭ އަދި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޯސީ ހިމެނިވަޑައިގަންނަވައެވެ.
ޓްރަމްޕްގެ ސަރުކާރުން އދ. އަށް ދޭ ފަންޑު ކުޑަކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ފަދަ އިދާރާތަކުން ވަކިވެފައިވާއިރު، ސިޔާސީ ތަޖުރިބާއެއް ނެތް ކުޅިވަރު އިދާރާއެއްގެ ވެރިޔަކު އދ. ގެ އެންމެ އިސް މަގާމަށް ގެނެސްފި ނަމަ ބައިނަލްއަގުވާމީ މައިދާނުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ވައިޓް ހައުސްއިން އަދި ފީފާއިންވެސް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ކޮމެންޓް