ސަލްޓަންޕާކު ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުވެ، އެކަށީގެންވާ ދުވަހެއްގެ ތެރޭގައި ނިންމާފައި ނުވާތީ، އެތަން އަލުން މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ނެގުމަށް މިއަދު ބޭއްވި ކައުންސިލުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

މި ހުށަހެޅުން ކައުންސިލަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ހުސެއިން ފުރުޝާން އެވެ. އޭނާ ވިދާޅުވީ ސަލްޓަންޕާކު މަރާމާތު ކުރުމަށް ސަރުކާރުން ހަވާލުވި ނަމަވެސް، އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވުމުގެ ސަބަބުން އާންމުންނަށް އެތަނުގެ ބޭނުން ނުހިފި، ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ.

އެ ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގެ ގިނަ ރައްޔިތުން ހިތްހަމަޖައްސާލުމަށް ބޭނުންކުރާ މިފަދަ މުހިންމު ބިމެއް، ދޮޅު އަހަރު ދުވަސް ވީއިރުވެސް ބަންދުކޮށްފައި ބެހެއްޓުމަކީ ރައްޔިތުންނަށް ދެވޭ ބޮޑު ތަކުލީފެއް ކަމަށެވެ. އާޒިމް ވިދާޅުވީ، ސަރުކާރުން އެތަން ތަރައްގީކުރާ ކޮންސެޕްޓް ހޯދުމަށް އެތައް ފަހަރަކު ސިޓީ ފޮނުވައިގެންވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރަން ކުރި މަސައްކަތްވެސް ކާމިޔާބުވެފައި ނުވާކަމަށް މޭޔަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަހަރުދުވަސްވީއިރުގައި އެކަށީގެންވާ މަސައްކަތް ނުކުރެވިގެން ދާތަނާއި އަދި އެކަމާމެދު ރައްޔިތުންގެ ޝަކުވާ އަބަދު އަންނަ ތަން. ކޮންސެޕްޓް ހޯދަން ސިޓީ ފޮނުވައިފިން. މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކޮންސެޕްޓާއި، ޕްލޭނާއި، ނިންމާނެ ތާރީހެއް ނުދީފި ނަމަ، އެ ހިސާބުން އަޅުގަނޑުމެން އެ މަސައްކަތް އަތުލައި، އަމިއްލައަށް ކުރިއަށްގެންދާނަން،" މޭޔަރު ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ސަރުކާރުން ރަސްފަންނު ތަރައްގީކުރުމުގެ ބަދަލުގައި މުޅި ރަސްފަންނުގެ ގޮނޑުދޮށް ޗަކަކޮށްލާފައިވާ ކަމަށެވެ. އެކަމާ ގުޅިގެންވެސް ކޮންސްޓްރަކްޝަން މިނިސްޓްރީއާ ބައްދަލުކުރަން މަސައްކަތް ކުރިނަމަވެސް އެކަންވެސް ކާމިޔާބުވެފައިނުވާކަމަށް މޭޔަރު ވިދާޅުވިއެވެ.

ސަލްޓަންޕާކާއި މާލެ ރަސްފަންނު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ 2025 ފެބްރުއަރީ 14 ގައެވެ.