ސަލްޓަން ޕާކުގައި އީ-ސްޕޯޓްސް އޭރިއާއެއް ގާއިމުކުރުމަށް ބޭނުންވާ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ބީލަން ކުރިއަށްދާނީ "ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން" އުސޫލުން، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށްކަމަށް މިނިސްޓްރީން ބުންޏެވެ.
ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު، ބިޑް ސެކިޔުރިޓީގެ ގޮތުގައި 36,500 ރުފިޔާ ހުށަހަޅަންޖެހޭނެކަމަށް ފިނޭންސުން ބުންޏެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 13:00 ކަމަށް މިނިސްޓްރީން ބުންޏެވެ. ބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.
އެ މަސައްކަތް ކުރިއަށްގެންދިއުމުގައި "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" އާއި "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އަށް ރިއާޔަތްކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ.
ސަލްޓަން ޕާކަކީ މާލޭގެ ގިނަ އާއިލާތަކަކުން ބޭނުންކުރާ މައިޒާނަކަށްވާއިރު، އެ ތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސަރުކާރުން ފެށީ މިއަހަރުގެ އޮގަސްޓު މަހުއެވެ. އެ މަސައްކަތުގެ ދަށުން ޕާކުގެ ވިއު ސްޓްރަކްޗާ، ޓްރީހައުސް، އަދި ކުޑަކުދިން ކުޅޭ ސަރަހައްދުތައް މިހާރު ވަނީ އާބާތުރަ ފިލުވައި އާންމުންނަށް ހުޅުވާލާފައެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
ކޮމެންޓް