ސަލްޓަން ޕާކު މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާތީ، މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ވަކި ވަގުތެއްގައި އެތަން އާންމުންނަށް ބަންދުކުރުމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ، ސަލްޓަން ޕާކު މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން ފުރިހަމަކުރަން ޖެހޭ އިތުރު މަސައްކަތްތަކެއް ހުރުމުން، މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ފެށިގެން ޕާކު ބަންދުވާނެ ކަމަށެވެ. އެ ވަގުތުތަކުގައި ޕާކު ބަންދުކުރަނީ މަރާމާތުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައިކަމަށް މިނިސްޓްރީން ބުންޏެވެ.

ސަލްޓަން ޕާކަކީ ވަރަށް ބޮޑަށް ވީރާނާވެފައި ވަނިކޮށް، ބޮޑު މަރާމާތަކަށްފަހު މިއަހަރުގެ މާޗު މަހު ފިތުރު އީދާ ދިމާކޮށް އަލުން ހުޅުވި ތަނެކެވެ. ނަމަވެސް، އެތަން ހުޅުވިތާ ދެ މަސްވެސް ނުވަނީސް އަނެއްކާވެސް މަރާމާތަށް ވަކި ވަގުތުތަކެއްގައި ބަންދުކުރަން އަލުން ނިންމީއެވެ.

މީގެކުރިން މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ތިން މަސް ދުވަހަށް ޕާކު ބަންދުކުރިއިރު، ޖޫން 2024 އިން ފެށިގެން ވެސް ޕާކުގެ ބައެއް ސަރަހައްދުތަކަށް އާންމުންނަށް ނުވަދެވޭ ގޮތަށް އޮތީ ބަންދުކޮށްފައެވެ. ސަލްޓަން ޕާކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މިހާރު އޮތް ފެންވަރަށް ތަރައްގީކުރެއްވި ތަނެކެވެ. އޭރު އެތަނުގައި ސްނޯ ޕާކެއް ހިމެނުނު ނަމަވެސް، ފަހުން އެ ބައި ވަނީ ބަންދުކޮށްފައެވެ.

ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި ޕާކު އަލުން ތަރައްގީ ކުރަނީ ދިވެހިންގެ އައިޑެންޓިޓީ އާއި ރާއްޖޭގެ ތާރީހު ފެންނާނެ ގޮތަށެވެ. އަދި ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބޭނުންކުރެވޭނެހެން، އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް ފަރުމާކޮށް، ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ އިންތިޒާމު އެތަނުގައި ހަމަޖެހިގެންދާނެއެވެ.

މަރާމާތުގެ މަސައްކަތަށް ޕާކު ވަކި ވަގުތުތަކެއްގައި ބަންދުކުރަން ޖެހުމުން، އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ހައުސިން މިނިސްޓްރީން ވަނީ މައާފަށް އެދިފައެވެ.