(13 ޖުލައިގެ އަދަދާ ގުޅޭ)
7. السّــيّــدة زنــيــــــرة رضــــى اللّــــه عــنـــهـــا އަކީވެސް عــمـــــر ގެފާނުގެ ޢާއިލާގެ ޚާދިމާއެކެވެ. އެކަމަނާވެސް عــمـــــر ގެފާނުގެ އަނިޔާވެރި ޝިކާރަޔަކަށް ވެވަޑައިގަންނަވައެވެ. އެއްދުވަހަކު أبــــو جــهـــل އެކަމަނާއަށްކުރި އަފޫރުއްބަ އަނިޔާގެ ސަބަބުން އެކަމަނާގެ ދެލޯފުޅުގެ ގޮބޮޅިފުޅު ލޮނދިތަކާއެކުވަނީ ކޯތާފަތްޕުޅު މައްޗަށް ފައިބައިފައެވެ.
8. އަރަހުށި މާތް اللّــــه ގެ ދީލަތިފުޅުވަންތަކަމުން السّــيّــدة زنــيــــــرة ގެ ދެލޯފުޅަށް ފަސޭހަފުޅުކޮށްދެއްވިއެވެ. ވިދިގެންއައި ދުވަހުގެ ހެނދުނުވީއިރު އެކަމަނާގެ ދެލޯފުޅުވެސްހުރީ ފަސޭހަފުޅުވެފައެވެ. އެކަމަނާގެ ކަޅިރަވަފުޅުތޫނު ދެލޯފުޅުހުރީ އިހުނަށްވުރެވެސް ރީތިވެފައި އަސަރުގަދަވެފައެވެ. އެކަމަނާ ގެންދެވީ الحــمــد لـلّــه الّــذى ردّ عــلـــىّ بـصــــرى އެވެ ވިދާޅުވަމުން ޙަރަމްފުޅުގެތެރޭގައި قـــــريـش ވަންހައިގެ ބޮޑުންގެ މަޖިލިސްތަކުގެ ކައިރިޔަށް ހިންގަވަހިންގަވައެވެ. السّــيّــدة لُــبَــيْــنَـــة އާއި السّــيّــدة زنــيــــــرة ވެސް ވާރުން ބައްލަވައިގެންފައި މިނިވަންކޮށްދެއްވީ أبـــوبــكـــر الصّــدّيـــق رضـــــى اللّــــه عــنـــــه އެވެ.
8. السّــيّــدة نــهـديّـــة رضــــى اللّــــه عــنـــهـــا އާއި السّــيّــدة أمّ عُــبَــيْس رضــــى اللّــــه عــنـــهـــا އަކީވެސް ކަނީޒުންނެވެ. އެދެބޭކަނބަލުންނަށްވެސް ހިސާބެއްނެތްވަރަށް އަނިޔާ ލިބިވަޑައިގެންނެވިއެވެ. އެކަމަކު އެއިން ބޭކަނބަލެއްގެވެސް ސާބިތުފުޅު ކަމަކަށް ގުޑުމެއް ނޭރިއެވެ. އެދެބޭކަނލަނުންވެސް ވާރުން ބައްލަވައިގެންފައި މިނިވަންކުރެއްވީ أبـــوبــكـــر الصّــدّيـــق رضـــــى اللّــــه عــنـــــه އެވެ.
އިސްލާމްވެވަޑައިގެންނެވުމުގެ ސަބަބުން قـــــريـش ންގެ ލާނިހާއީ އަހުވައާއި އަނިޔާއާ ކުރިމަތިލައްވާން ޖެހިވަޑައިގެންނެވީ ހުސްއެކަނި މައްކާގައި ވާވެރިޔަކުނެތް ބޭބޭކައުކަނބަލުންނަކަށެއް ނޫނެވެ. މައްކާގެ އަޝްރާފުންގެ ތެރެއިން އިސްލާމްވެވަޑައިގެންނެވި ބޭކަލުންނަށްވެސް قـــــريـش ވަންހައިގެ މުޝްރިކުން ގޯނާކުރިއެވެ. ވޭންދެނިވި އަދަބު ދެއްކިއެވެ. މިއުންމަތުގެ ފިރުޢައުނު أبــــو جــهـــل އަށް މީހަކު އިސްލާމްވި ޚަބަރު ލިބޭއިރަށް އެމީހަކާ ދިމާކޮށްލައެވެ. މައްކާގެ ޤަދަރުހުރި ބޮޑެއް ކަމުގައިވާނަމަ އެމީހެއްގެ އަގުވައްޓައިލާށާއި މާލީ ގެއްލުންދޭނެ ގޮތްތައް ރާވައެވެ. ދަށުފަންތީގެ މީހެއް ކަމުގައިވާނަމަ އެމީހަކަށް އަނިޔާކުރެއެވެ. އެހެންމީހުންލައްވައި އެމީހަކަށް އަނިޔާކުރުވައެވެ.
1. عــثـمــان بـــن عــفّــــان رضـــــى اللّــــه عــنـــــه އަކީ އުމައްޔަތުވަންހައިގެ އަޝްރާފުންކުރެ ބޭކަލެކެވެ. ތުއްޕުޅު ބޭފުޅެއްވެސް ނޫނެވެ. މައްކާގެ މުއްސަނދިފުޅު ބޭކަލެކެވެ. އެކަލޭގެފާނަށް އަނިޔާކުރެއްވީ އެކަލޭގެފާނުގެ ބޮޑުބޭބޭ حـكـــم بـــن الـعــاص އެވެ. އޭނާއަކީ އިންތިހާދަރަޖައިގެ ހިތްޕުޅުހަރު ބޭކަލެކެވެ. ޚުލުޤުފުޅު ނުބައި ބޭކަލެކެވެ. އޭނާ عــثـمــان رضـــــى اللّــــه عــنـــــه ގެ އަތްޕުޅު ބަންނަވައިފައި ކަދުރު ރުކުގެ ފަނުގެ ސަޓަޔަކަށް ލައްވައި އޮޅައިލައްވައި އެލުއްވައިގެން ތިރީން ދުން ޖައްސަވައެވެ.
2. الـــزّبــيـــر بـــن الــعـــوّام رضـــــى اللّــــه عــنــــه އަކީވެސް قـــــريـشــى އަޝްރާފެކެވެ. އެކަލޭގެފާނަކީ ފަސްވަނަޔަށް އިސްލާމްވެވަޑައިގެންނެވި ޞަޙާބީއެވެ. އެކަލޭގެފާނަށްވެސް އަނިޔާ ކުރެއްވީ އެކަލޭގެފާނުގެ ބޮޑުބޭބެއެވެ. އޭނާ އެކަލޭގެފާނު ދަމައި ބަންނަވައިފައި ނޭފަތްޕުޅަށް ދުންޖައްސަވައެވެ. ފަރީއްކޮޅެއް ނާރުވައި ބާއްވައިގެން އައުދީން ދޫކޮށްލާށޭ ވިދާޅުވެއެވެ. الـــزّبــيـــر ޖަވާބު ދެއްވައެވެ. ދީން ދޫކޮށްނުލައްވާނެ ވާހަކަ ވިދާޅުވެއެވެ.
3. مـصــعــب بـــن عُـمَـــيــــــر رضـــــى اللّــــه عــنــــه ގެ މަންމަ خــنّـــاس އަކީ މައްކާގެ މުއްސަންޖެކެވެ. އެކަމަނާގެ ފިރިކަލުންނަކީވެސް މަހްޖަނެކެވެ. އެދެކަނބަލުން އެކަލޭގެފާނު ގެންގުޅުއްވައި ބޮޑުކުރެއްވީ ވަރަށް ހަންހާރަވެތިކަމާއި ނިޢުމަތުގައެވެ. އެކަލޭގެފާނު އެއްފަހަރު ތުރުކުރައްވާ ހެދުންކޮޅެއް ދެވަނަފަހަރަކު ތުރެއް ނުކުރައްވައެވެ. އެކަލޭގެފާނު މަގެއްގެމަތީން ވަޑައިގެންފި ކަމުގައިވާނަމަ އެތައް އިރެއްވާއިރުވެސް އެމަގެއް އޮންނަނީ ވަސްމީރު ހުވަނދުގެ ވަހުން އެއްވަސްވެފައެވެ.
ދުވަސްވަރަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދާރުލްއަރްޤަމުގައި ޞަޙާބީންނާއެކު މަޖިލިސްކުރައްވައި އުޅުއްވި ދުވަސްވަރެވެ. ދާރުލްއަރްޤަމުގައި އެބޭކަލުންނަށް ތަޢުލީމުދެއްވައި އުޅުއްވި ދުވަސްވަރެވެ. مـصــعــب بـــن عُـمَـــيــــــر رضـــــى اللّــــه عــنــــه ރަޙްމަތުގެ ނަބިއްޔާގެ އަރިހަށް ވަޑައިގެން އިސްލާމްވެވަޑައިގެންނެވިއެވެ. ނަމަވެސް އެކަލޭގެފާނު ހުންނެވީ ދީން ވަންހަނާކުރައްވައިގެންނެވެ. އިސްލާމްދީން ފާޅެއް ނުކުރައްވައެވެ. ޢާއިލާދެކެ ބިރުފުޅުންނެވެ. مـصــعــب އެއްދުވަހަކު ގެފުޅުގެ އަރިހުގައި ސިއްރުން ނަމާދުކުރައްވާން ހުންނަވަނިކޮށް عــثـمــان بـــن طـلحـــة އަށް އެތަން ފެނިވަޑައިގެންފިއެވެ. عــثـمــان، مـصــعــب رضـــــى اللّــــه عــنــــه ގެ ޢާއިލާއަށް އެޚަބަރު ދެއްވިއެވެ. އެއިރަކު عــثـمــان އިސްލާމްވެވަޑައެއް ނުގަންނަވައެވެ. مـصــعــب ގެ މަންމަ، مـصــعــب އަށް ދެއްވަމުންގެންދެވި ހުރިހައި އެހީފުޅުތަކެއް ކަނޑައިލައްވައި އެކަލޭގެފާނު ރަށްމެދުކޮށްލެއްވިއެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން ޖަލެއް ހައްދަވައިފައި އެކަލޭގެފާނު ބަންދުކުރައްވައިފިއެވެ. ޙަބަޝާއަށް ހިޖްރަޔަށް ވަޑައިގަންނަވާންދެން އުޅުއްވީ ނުހަނުދަތި ޙާލުކޮޅެއްގައެވެ.
4. سعـيـد بـــن زيـــد رضـــــى اللّــــه عــنـــــه އަކީވެސް قـــــريـش ންގެ އަޝްރާފުންކުރެ ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. عــمـــــر ގެފާނުގެ ދެބެއިންގެދެދަރި ބޭކަލެކެވެ. عــمـــــر ގެފާނުގެ ކޮއްކޯފުޅު السّــيّــدة فــاطــمــــة بـنـت خـطّـــاب ގެ ފިރިކަލުންނެވެ. سعـيـد އާއި فــاطــمــــة އާ ދެކަނބަލުން އިސްލާމްވެވަޑައިގެންނެވިކަން عــمـــــر ގެފާނަށް އެނގިވަޑައިގެންނެވުމުން އެދެކަނބަލުންނަށް އަދަބުދެއްވީ ޚުދު عــمـــــر ގެފާނެވެ. ވަރަށްގިނަ ދުވަސްދުވަހު އެދެކަނބަލުން ބަންނަވައި އަދަބު ދެއްވައެވެ.
5. سـعــد بــــن أبــــى وقّـــاص رضـــــى اللّــــه عــنـــــه އަކީވެސް قـــــريـش ވަންހައިގެ ޤަދަރުހުރި ބޭކަލެކެވެ. ރަޙްމަތުގެ ނަބިއްޔާ އެކަލޭގެފާނަށް ވިދާޅުވަނީ މާބެއެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވިއިރު ޢުމުރުފުޅަކީ ނަވާރަ ވަރަކަށް އަހަރުފުޅެވެ. އެކަލޭގެފާނުގެ މައިކަމަނާއަށް އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވިކަން އެނގިވަޑައިގެންނެވުމުން ވަރަށްބޮޑަށް ކޯފާވިއެވެ. އެކަމަނާ ވިދާޅުވިއެވެ. "ދަރިފުޅުގެ ކަލާނގެވެސް މައިންބަފައިންނަށް ހެޔޮކޮށްހިތާން އަންގަވައެއް ނޫންހެއްޔެވެ. ތިޔަ އައުދީން ދޫކޮށްލުމުގެ ކުރިޔަކު އަހަރެން އެއްވެސް އެއްޗެއް ކައިބޮއެއް ނުހަދާނަމެވެ." އެހެން ވިދާޅުވެފައި އެކަމަނާ އެއްޗެއް ފަރީއްނުކުޅުއްވައި އެއްޗެއް ނުހިއްޕަވައި އިންނަވާތާ ތިންދުވަސްވީއިރު އެކަމަނާގެ ޙާލުކޮޅު ވަރަށް ދެރަވެއްޖެއެވެ. سـعــد رضـــــى اللّــــه عــنـــــه އަށް އެކަންތައް ބޮޑުފުޅުވެވަޑައިގެން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަރިހަށް ވަޑައިގެންނެވިއިރު ވަނީ ތިރީގައި މާނަ މިލިޔާ އާޔަތް ބާވައިލައްވައިފައެވެ.
"އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތްކުރައްވައި އަމުރުކުރެއްވީމެވެ. އަދި ތިބާއަށް އެއާމެދު ޢިލްމެއް ލިބިފައިނުވާ އެއްޗެއް، ތިމަންރަސްކަލާނގެއާ ޝަރީކު ކުރުމަށް އެދެމީހުން ގަދައަޅައިފިނަމަ، ފަހެ، އެދެމީހުންނަށް ތިބާ ކިޔަމަންނުވާހުށިކަމެވެ. ތިޔަބައިމީހުން އެނބުރި ދިޔުންއޮތީ، ތިމަންރަސްކަލާނގެ ޙަޟުރަތަށެވެ." (الــعـنـكــبــــوت: 8)
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް