ލޭގެ ރައްކާތެރިކަން ބެލުމަށް ހަދާ ގޯލްޑް ސްޓޭންޑާޑްގެ ޓެސްޓުތައް ހަދަން ތައްޔާރުވަމުންގެންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު"ގެ ރޭގެ ޕްރޮގްރާމުގައި ހަލީމް ވަނީ ހުޅުމާލޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކުރިއަށް ހުރި ކަންކަމުގެ މައުލޫމާތު ދެއްވައިފައެވެ.

އޭގެތެރޭގައި އޮރެންޖުހިޔާގައި ގާއިމްކޮށްފައި ހުރި ނޭޝަނަލް ތެލެސިމިޔާ ސެންޓަރުގައި މޯލްޑިވިއަން ބްލަޑް ސާވިސްގެ ތެރޭގައި ޖުލައި 26ގެ ކުރިން ފެށުމަށް ތައްޔާރުވެފައިވާ ނެޓް ޓެސްޓިންގެ ހިދުމަތް ދިނުމަތް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސަައްކަތް ހިމެނޭ ކަމަށް ހަލީމް ވިދާޅުވިއެވެ.

"މި އަހަރު ފަށައިފިން ޑީއެންއޭގެ ހިދުމަތް. ހަމަ އެއާ އެކީގައި ތައްޔާރުވެފައި މިވަނީ ޖުލައި 26ގެ ކުރިން ފެށުމަށް ނެޓް ޓެސްޓިން (ނެޓް ޓެސްޓިންއަކީ، ލޭގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދާ ގޯލްޑް ސްޓޭންޑާޑްގެ ޓެސްޓުތައް) އޭގެ ސަބަބުން އެޗްއައިވީ، ހެޕަޓައިޓިސްޓް، ހިފިލިސް މި ބަލިތަކަށް، ނަތީޖާ ލިބުމުގައި ވަރަށް ކުރު މުއްދަތެއް މި ހޭދަވަނީ. މީގެ ކުރީގައި ވަރަށް ގިނަ ދުވަސް ނަގާކަމެއް މިއީ،" މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ މި ޓެސްޓްތަކުގެ ސަބަބުން ބަލި މީހުންގެ ގަޔަށް އަޅާ ލެޔަކީ ރައްކާތެެރި ލެޔެއްކަން ކަށަވަރުވާނެ ކަމަށެވެ. އޭގެ އިތުރުންވެސް ހުލުމާލެ ހޮސްޕިޓަލުގެ ކެޕޭސިޓީ އިތުރުކުރުމަށް ވަސީލަތްތައް ބޭނުންކޮށްގެން 28 އެނދު އިތުރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް ހަލީމް ވިދާޅުވިއެވެ.

"އެ ވޯޑުގެ މަސައްކަތްވެސް ކުރިޔަށްއެބަދޭ. އެމަސައްކަތްވެސް ކުރިޔަށް އޮތް ދެ ތިން މަސްދުވަހުގެތެރޭގައި ނިންމާފައި ހިދުމަތްދޭންފެށީމަ ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ. އެކަމަކުވެސް ގޮންޖެހުންތައް އެބަހުރި. ޔަގީންކަމާއެކީ ދަންނަވަންކެރޭނެ. މި ދެންނެވި ހިދުމަތްތައް ހުޅުމާލެ ހޮސްޕިޓަލުގައި ފެށުނީމަ، ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ." ހަލީމް ވިދާޅުވިއެވެ.

އަދި އެ ހިދުމަތްތައް ހުލުމާލެ ހޮސްޕިޓަލުން ލިބެން ފެށުމުން މާލެ ސިޓީ ހޮސްޕިޓަލުގެ ގްރޫޕުގައި ހިމެނޭ ގޮފިތަކަށް އަންނަ ލޯޑު ކުޑަވާނެ ކަން ހަލީމް ވިދާޅުވިއެވެ. މާލެ ސިޓީ ހޮސްޕިޓަލުގެ ގްރޫޕުން މަސައްކަތްތައް ކުރިޔަށްގެންދަނީ ވަށާޖެހޭ ގޮތަކަމަށާއި އަދި އެކަންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ބަޖެޓުގެ އެޙިތެރިކަމަށާއި އެ މަނިކުފާނު ދެއްވާ ލަފަޔަށް ހަލީމް ޝުކުރު އަދާކުރެއްވިއެވެ.