ޕްރިންޓް ކާޑުގެ ބަދަލުގައި ތެލެސީމިއާ ޑިޖިޓަލް ކާޑު ތައާރަފުކޮށްފިއެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ތެލެސީމިއާ ޑިޖިޓަލް ކާޑު ތައާރަފު ކުރީ ލޭގެ ބަލިތަކަށް ހާއްސަ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމު ކުރުމަށްޓަކައި މަރުހަލާތަކަކަށް ބަހައިލައިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

އެ ބަދަލާ އެކު، މީގެ ކުރިން ދޫކުރަމުން އައި ޕްރިންޓު ކާޑުގެ ބަދަލުގައި ތެލެސީމިއާ ކެރިއަރެއްކަން ނުވަތަ ނޫން ކަން އަންގައިދޭ ކާޑުގެ ހަތް ބާވަތެއްގެ ސިފަ ހިމެނޭ ޑިޖިޓަލް ކާޑު ލިބޭނެ ކަމަށް އެމްބީއެސްއިން ބުންޏެވެ.

ކާޑުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ކިއުއާރު ކޯޑެއް ވެސް ހިމެނިފައިވާނެ ކަމަށާއި އެ ކޯޑު މެދުވެރިކޮށް ތެލެސީމިއާ ކެރިއަރުންނަށް އާއިލާ ރޭވުމުގައި ބޭނުންވާނެ މުހިންމު އިރުޝާދުތަކާއި މައުލޫމާތުތައް ވެސް ފަސޭހަމާއެކު ލިބޭނެ ކަމަށް އެމްބީއެސްއިން ބުންޏެވެ.

މި ވަގުތު ޑިޖިޓަލް ކާޑު ލިބޭނީ ވަޓްސްއެޕާއި އީމެއިލް މެދުވެރިކޮށެވެ.

އެމްބީއެސްއިން ބުނީ އެ ތަނުން ދެމުންދާ ހުރިހާ ހިދުމަތެއް ވެސް ޑިޖިޓަލް ގޮތަށް ބޭނުން ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.