ރާއްޖޭގައި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ތެރެއިން ގިނައީ އަންހެނުން ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން އާންމުކުރި ތަފާސްހިސާބުން ދައްކައިފިއެވެ.

އެމްބީއެސްއިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އެތަނުގެ ދަފުތަރުގައި ލޭ އަޅާ ކުދިންގެ ގޮތުގައި 981 މީހަކު ރަޖިސްޓަރީކޮށްފައިވާ އިރު، މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އޭގެ ތެރެއިން ދުނިޔޭގައި ތިބީ 668 މީހުންނެވެ.

ތަފާސްހިސާބުގައިވާ ގޮތުން ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ތެރެއިން 349 މީހުންނަކީ އަންހެނުންނެވެ. އަދި ފިރިހެނުންގެ އަދަދަކީ 319 އެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ލޭ އަޅާ ކުދިންގެ ތެރެއިން އެންމެ ގިނަ މީހުން ދިރިއުޅެނީ އަތޮޅުތެރޭގައެވެ. އެއީ 505 މީހުންނެވެ. މާލެ ސަރަޙައްދުގައި ދިރިއުޅެނީ 163 މީހުންނެވެ.

އަތޮޅުތަކަށް ބަލާއިރު، އާބާދީގެ ނިސްބަތުން އެ ބަލި އެންމެ ގިނައީ ނ. އަތޮޅާއި ހދ. އަތޮޅުގައެވެ. އެއިން ކޮންމެ އަތޮޅެއްގައި 55 މީހުން ރަޖިސްޓަރީކޮށްފައިވެއެވެ. ދެން އެންމެ ގިނައީ ރ. އަތޮޅުގައި 51 މީހުން، ލ. އަތޮޅުގައި 44 މީހުން، ހއ. އަތޮޅުގައި 42 މީހުން އަދި ސ. އަތޮޅުގައި 30 މީހުންނެވެ.

ވ. އަތޮޅުގައި ތެލެސީމިއާ ބަލި ތަހައްމަލުކުރާ އެއްވެސް މީހަކު ނެތެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރު 22 މީހުން، 2022 ވަނަ އަހަރު 16 މީހުން، 2023 ވަނަ އަހަރު 22 މީހުން، އަދި 2024 ވަނަ އަހަރު 18 މީހުން ވަނީ އެމްބީއެސްގައި ރަޖިސްޓަރީކޮށްފައެވެ. އަދި 2025 ވަނަ އަހަރުގެ މިހާތަނަށް 11 މީހަކު ރަޖިސްޓަރީކޮށްފައިވެއެވެ.

ތެލެސީމިއާ ބަލީގައި އެންމެ މަދުން މީހުން ރަޖިސްޓަރީކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. އެއީ ފަސް މީހުންނެވެ.