މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުމުގެ ތެރޭގައި ހުޅުމާލޭ ކާމިލް ދީދީ ޕްރީ ސްކޫލަށް ލިބުނު ގެއްލުންތަކުގެ ޒިންމާ އެ ޕާޓީން ނަގައިފިއެވެ.

މި މަހުގެ 11 ވަނަ ދުވަހު ކުރިއަށް ދިޔަ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮއްޓެއް ގުނަމުން ދަނިކޮށް، ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ވަނީ ބޮޑު ހަމަނުޖެހުމެއް ހިނގައިފައެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި އެ ތަނުގައި ހުރި ގޮނޑިތައް އުކައި، ހަމަނުޖެހުން ހިންގާފައިވާ މަންޒަރު ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯތަކުން ވަނީ ފެނިގެން ގޮސްފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ކާމިލް ދީދީ ޕްރީ ސްކޫލުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "ވަން" އަށް މިއަދު ވިދާޅުވި ގޮތުގައި، މި ހަމަނުޖެހުމުގެ ތެރޭގައި ސްކޫލުގެ އެއް ދޮރުފަތުގެ ބިއްލޫރި ތަޅައިގެން ދިއުމުގެ އިތުރުން ސައުންޑު ސިސްޓަމްގެ މިކްސަރުގެ ބަޓަންތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.

"ޕީއެންސީން އެތަކެއްޗަށް ޒިންމާ ނެގުމާއެކު ބަދަލުދޭނެ ކަމުގެ ޔަގީންކަން ދީފައިވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ޕީއެންސީން ވަނީ ސްކޫލަށް ލިބުނު ގެއްލުންތަކުގެ ޒިންމާ އަމިއްލައަށް ނަގައި، އެ ތަކެއްޗަށް ބަދަލު ދިނުމުގެ މަސައްކަތް ކުރުމުގެ ޔަގީންކަން ދީފައެވެ.

މި މައްސަލައިގައި ފުލުހުން ވަނީ މިދިޔަ ހަފުތާގައި ތިން މީހަކު ހައްޔަރުކޮށްފައެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ވެސް ކޯޓުން ޖަހާފައިވާ އިރު، މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ،