ފަލަސްތީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށާއި ގުދުސްގެ މުގައްދަސް ބިންތައް ހިމާޔަތްކުރުމަށް ރާއްޖެއިން މިއަދު ގޮވާލައިފިއެވެ.

ރާއްޖެއިން އެ ކަމަށް ގޮވާލެއްވީ، މިސްރުގެ ގާހިރާގައި ކުރިއަށްދާ 2026 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލެމްގައެވެ.

އދ.ގެ ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިނޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓީނިއަން ޕީޕަލް (ސީ.އީ،އައި،އާރް.ޕީ.ޕީ) އާއި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގުޅިގެން މިއަދު ބޭއްވި މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ތަގްރީރުކުރެއްވީ އޯއައިސީއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަހުމަދު ސަރީރެވެ.

މި ކޮންފަރެންސްގެ މައިގަނޑު މައުލޫއު ބިނާކޮށްފައިވަނީ ފަލަސްތީނުގެ ބިންތައް ފޭރުމުގެ މައްސަލައާއި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރުމަށް ގުދުސްގެ މުހިންމުކަމުގެ މައްޗަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާ ހިލާފަށް ބިންތައް ހިފުމަށް ކުރާ އެންމެހައި މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުވާ) އިން ކުރަމުންދާ މުހިންމު މަސައްކަތްތައް ފާހަގަކޮށް، އެ އެޖެންސީގެ ހިދުމަތްތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ މާލީ އެހީތެރިކަން މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ މުހިންމުކަން ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.

ގުދުސްގެ މުގައްދަސް ބިންތަކުގެ ގާނޫނީ ހައިސިއްޔަތާއި ތާރީހީ އަދި ދީނީ މުހިންމުކަން ހިމާޔަތްކުރެވޭނީ އިޒްރޭލުގެ އިސްތިއުމާރު ނިމުމަކަށް ގެނެސްގެންކަމަށް ރާއްޖޭގެ މަންދޫބު ވަނީ ވިދާޅުވެފައެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމުގެ ހައްގު ބަލައިގަތުމަށް ވަނީ ގޮވާލާފައެވެ.

އދ. ގެ އާންމު މަޖިލީހުން 1975 ވަނަ އަހަރު އުފެއްދި ކޮމިޓީން ފަލަސްތީނުގެ ހައްގުތައް ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އޯއައިސީގެ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަބަދުވެސް އަންނަނީ ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި ސާބިތުކަމާއެކު ވަކާލާތުކުރަމުންނެވެ.