އެމެރިކާޔާއި އީރާނުގެ ހަގުރާމަޔަށް ނިމުމެއް ގެނެސް ދާއިމީ ސުލްހަނާމާއެއް ގާއިމުކުރުމަށްޓަކައި ދެފަރާތުގެ މެދުގައި ފަހުމުނާމާއެއްގައި ސޮއިކުރެވުނީ ހުސްވި ޖޫންމަހުގެ ސަތާރަވަނަ ދުވަހުއެވެ. މިދިޔަ ހުކުރުދުވަހަކީ ސާދަ ނުގުތާގެ މައްޗަށް އެކުލެވިގެންވި ފަހުމުނާމާގައި ސޮއިކުރިތާ ބަރާބަރު އެއްމަސް ފުރުނު ދުވަހެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރައީސް ޑރ. މަސްއޫދު ޕަޒިޝްކިޔާނު ސޮއިކުރި މި ފަހުމުނާމާޔަށް އެއްމަސް ފުރުނުއިރު މި ދެނެގަތުން އޮތީ ކިހާހިސާބެއްގައި ބާވައެވެ. އޭގައި ބަޔާންކުރެވިފައިވާ ނުގުތާތަކަށް އަމަލުކުރެވޭ ބާވައެވެ. ކުރިއަށްމިދާ ޖުލައި މަހުގެ 8 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ މި އެއްބަސްވުން ނިމިފައިވާ ކަމަށް ނުވަތަ ބާތިލްވެފައިވާ ކަމަށް ބުނެފައެވެ. އޭނާ ވަނީ އީރާނާ ދެކޮޅަށް އަލުން ހަމަލަތައް ފެށުމަށް ސިފައިންނަށް އަންގައިފައެވެ. އެ އެންގުމާއެކު ކޮންމެ ރެޔަކުވެސް އެމެރިކާއިން ދަނީ އީރާނުގެ ތަންތަނަށް ހަމަލަދެމުންނެވެ. އެންމެ ރެެއެއްވެސް ދޫކުރުމެއް ނެތިއެވެ.

ނަތީޖާއެއްގެ ގޮތުން ފާއިތުވި ނުވަވަރަކަށް ދުވަހު އީރާނުގެ ކަންކޮޅުތަކުން މަދުވެގެން ފަންސާސް މީހުން ޝަހީދުވެ އިތުރު އެތައްބަޔަކު ޒަޚަމްވެއްޖެއެވެ. ފަހުމުނާމާ ބާތިލުވެއްޖެއެކޭ ނުވަތަ ބާތިލުކޮށްފީމެކޭ އީރާނުން މިހަފުތާގެ ހޮނިހިރުދުވަހަކާ ހަމަޔަށް ނުބުނެއެވެ. ބުނަމުންއައީ އެމެރިކާއިން އެއްބަސްވުމާ ޚިލާފުވަމުން އަންނަ ވާހަކައެވެ. އެކަމަކު ހޮނިހިރު ދުވަހު އީރާނުން މިއެއްބަސްވުން ސަސްޕެންޑުކޮށް އީރާނުން ކުރަމުންއައި ކަންކަން މެދުކަޑާލައިފިކަން ރަސްމީކޮށް ވަނީ އިއުލާނުކޮށްފައެވެ. ޚާރިޖީވަޒީރުގެ ނާއިބު މެދުވެރިކޮށެވެ. އެހެންވީމާ ފަހުމުނާމާ އެއޮތީ މުޅިން ބާތިލުވެފައެވެ. އޭގެވާހަކަ މިހާރު ދެއްކުމުގެ ބޭނުމެއް ނެތެވެ. މިހާރު ދެއްކެންއޮތީ ހަގުރާމައިގެ ވާހަކައެވެ. އެވާހަކަ ދައްކާއިރު ދެއްކެންއޮތީ އެމެރިކާގެ ހަމަލަތަކާއި އެ ހަމަލަތައް އަމާޒުކުރާ ނުވަތަ ކުރި ތަންތަނުގެ ވާހަކައެވެ. ރައްދުގައި އީރާނުންދޭ ހަމަލަތަކާއި އެ ހަމަލަތައް އަމާޒުވި ތަންތަނުގެ ވާހަކައެވެ. ފާއިތުވި ހަފުތާއެއްހައި ދުވަހުގެ ހަގުރާމަ ޚުލާސާކޮށްލަމާބަހީއެވެ.

ހަގުރާމަ ރާވައި ހިންގަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑުންނެވެ. އެފަރާތުން ބުނަނީ ހަމަލަދެނީ އީރާނުގެ މުވާސަލާތީ ޓަވަރުތަކާއި މިސައިލާއި ޑްރޯން ގުދަންތަކަށް ކަމުގައެވެ. އަސްކަރީ ކޮމާންޑް ޕޯސްޓްތަކާއި އުޅަނދުތަކަށް ކަމުގައެވެ. ތެދެއް ބާވައެވެ. ނޫނެކެވެ. ދޮގެކެވެ. އަސްކަރިއްޔާއާ ގުޅުންހުރި މަދުތަނަކަށް ހަމަލަދިނަސް މައިގަޑުގޮތެެއްގައި ހަމަލަ އަމާޒުކުރަނީ މަދަނީ ތަންތަނަށެވެ. ގިނައަދަދެއްގެ ފާލަންތަކާއި ބުރިޖުތައް ގޮއްވާލައިފިއެވެ. ކަރަންޓު އުފައްދާ ބައެއް އިންޖީނުގެތަކާއި ބޯފެން ސާފުކުރާ ބައެއް ޕްލާންޓްތަކާއި ސްކޫލް މަދަރުސާތައްވެސް ހިމެނޭހެން އެތައްތަނެއް ވީރާނާކޮށްލައިފިއެވެ. ފާއިތުވި ނުވަވަރަކަށް ދުވަހުގެ ތެރޭގައެވެ. މިދެންނެވި ތަންތަނަކީ ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްގެން އީރާނުގެ އިންގިލާބީ ގާޑުން އެތިބޭ ތިބުމާ ގުޅުންހުރި ތަންތަނެއް ނޫނެވެ. އަސްކަރީ އެއްވެސް ބޭނުމަކާ ގުޅުންހުރި ތަންތަނެއްވެސް ނޫނެވެ. މިއީ އީރާނުގެ ރައްޔިތުންގެ މަދަނީ ބޭނުންތަކާއި އަސާސީ ހައްގުތަކާ ގުޅިފައިވާ ތަންތަނެވެ.

މިތަންތަން ނައްތައިލުމަށް އެމެރިކާއިން ކަމަރު ބަނދެގެން އެއުޅެނީ ރައީސް ޓްރަމްޕު ތަކުރާރުކޮށް އިންޒާރު ދެމުން އަންނަ ބީދައިން އީރާނުގެ ހަޟާރަތު ހޮހޮޅައިގެ ޒަމާނަށް ގަންބައިލުމުގެ ބޭނުމުގައެވެ. މިއީ ލުބުނާނާއި ގާޒާގައިވެސް އިޒްރޭލް ސިފައިން ކަންތައްކުރާ އުސޫލެވެ. ދުނިޔޭގެ ގާނޫނުތަކާއި އުސޫލުތަކަށް ތަބާވުމެއް ނެތިއެވެ. މިދެންނެވި ކަންކަމަކީ ހަގުރާމައިގެ ޖަރީމާއެވެ. ހަގުރާމައިގެ ޖަރީމާތަކަކީ ޖެނީވާ މުއާހަދާތަކުގެ ދަށުން ހަގުރާމައިގެ ހާލަތުގައިވިޔަސް އަދި އެނޫން ހާލަތެއްގައި ވިޔަސް ކުރުން މަނާކޮށްފައިވާ ކަންކަމެވެ. މަދަރުސާތަކާއި ހަސްފަތާލުތަކާއި އާއްމުންގެ ގެދޮރާއި މަދަނީ ކްރިޓިކަލް އިންފްރާސްޓްރަކްޗަރޭ ކިޔުނު ގިންތިއަށްފެތޭ އެއްވެސް ތަނަކަށް ހަމަލަދިނުން ޖެނީވާ މުއާހަދާތައް މަނާކުރެއެވެ. އެކަމަކު އެމެރިކާއިން ކުރަމުންދަނީ އެކަންތަކެވެ. ހިންގަމުންދަނީ ހަގުރާމައިގެ ޖަރީމާތަކެވެ. މިކަމާ ދެކޮޅަށް ވާހަކަ ދައްކާ ބަޔަކު ނެތެވެ. އެމެރިކާދެކެ ގަންނާކުރައްވާ ބިރެއްގެ ބޮޑުކަމުން ތޯއްޗެކެވެ.

އީރާނުގެ މިސައިލާއި ރޮކެޓާއި ޑްރޯން ގުދަންތަކާއި ފެކްޓަރީތަކާއި މަރުކަޒުތައް ހުރީ ބިމުގެ އަޑީގައެވެ. އެތައް މީޓަރެއްގެ އަޑީގައެވެ. ތަނެއް ހަލާކުވެގެން އީރާނު ކަންބޮޑުވެ ހުއްޓުންއަރާ ޒާތުގެ އަސްކަރީ އެއްވެސް ތަނެއް ބިމުން މައްޗަކު ނެތެވެ. އެއިން ތަނަކަށް ހަމަލަ ނުދެވެއެވެ. ދެވޭނެ ގޮތެއްވެސް ނެތެވެ. އެކަން ދުނިޔެއަށް އެނގެއެވެ. އެމެެރިކާއަށްވެސް އެނގެއެވެ. މިކަމާ އަންނަ ރުޅިއެއްގެ ބޮޑުކަމުން ޓްރަމްޕާއި އޭނާގެ ވަޒީރުން ދެން މިކިޔާ އެއްޗަކީ އީރާނުގެ ޚަރުގު ޖަޒީރާ ހިފައި އެއްގަމުން އީރާނަށް އަރަންޖެހިދާނޭ ކަމުގައެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ ނުކުރެވޭނޭ ކަމެކެވެ. ކުރަން ދިމާވެސް ނުކުރާނޭ ކަމެކެވެ. އެމެރިކާ އޮތީ އެއްގަމުގެ ހަގުރާމައަކަށް ތައްޔާރުވެގެނަކުން ނޫނެވެ. އީރާނުއޮތީ އެފަދަ ހަގުރާމައަކަށް ފުރިހަމަޔަށް ތައްޔާރުވެގެންނެވެ. ފާއިތުވީ 47 އަހަރު އީރާނުން ކުރަމުންއައި ކަމަކީވެސް އެފަދަ ހަގުރާމައަކަށް ތައްޔާރު ވުމެވެ. އީރާނަކީ ވެނެޒުއެލާއެއް، ވިއެޓްނާމެއް، އިރާގެއް، ސޮމާލިޔާއެއް، އަދި ޔަމަނެއްވެސް ނޫނެވެ.

އީރާނަކީ ހުރިހާ ވަސީލަތްތަކެއް ލިބިގެންވާ ފުރިހަމަ ޒަމާނީ ދައުލަތެކެވެ. އެފަދަ ބަޔަކާ ދެކޮޅަށް އެމެރިކާގެ އެއްގަމު ސިފައިން ނެރުމަކީ ކޮޅުނެތްކޮޅަށް މޮޔަ ކަމެކެވެ. އެމެރިކާއިން ހިންގަމުން ގެންދާ ވައިގެ އުދުވާނަށް އީރާނުންވެސް އެދަނީ ރައްދު ދެމުންނެވެ. އީރާނުގެ ވަށަވަށައިގެންވާ އަރަބި ގައުމުތަކުގައިހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް އީރާނުން ގާތްގަޑަކަށް ސުންނާފަތި ކޮށްލައިފިއެވެ. ގަލްފު އެކަންޏެއް ނޫނެވެ. ޖޯޑަންގައިހުރި އެޒާތުގެ ތަންތަންވެސް ހަލާކުކޮށްލައިފިއެވެ. އެންމެފަހުން ބިރުން ގަލްފުގައިވާ އެމެރިކާގެ ސިފައިންނާ ހަތިޔާރުތައް އިޒްރޭލަށް ގެންގޮސް އެތަނުގައި ގާއިމުވެގެންފިއެވެ. މިއީ އެމެރިކާއިން ސިއްރުކުރާ ކަންކަމެވެ. ވާހަކަ ދައްކަން ބޭނުންނުވާ ކަންކަމެވެ. މީޑިއާ ސެންސަރޝިޕް އޮތީ އިންތިހާއަށް ބޮޑުކޮށްފައެވެ. ހަގުރާމަ މިދާގޮތުން މީގެ ނިމުމެއް ނުފެނެއެވެ. ނިމުމެއް އަޔަސް އަންނާނީ އެމެރިކާގެ ތެރެއިން ރައީސް ޓްރަމްޕަށް ސިޔާސީ ނާކާމިޔާބީއެއް ކުރިމަތިވާ ހިސާބަކުންނެވެ.