އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހިއްސާ އޮންނަ 'ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕް' (ޓީއެމްޓީޖީ) އިން، އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރުތު ސޯޝަލް' ގައި ކުރާ މުހިންމު ޕޯސްޓުތައް އާންމުވުމުގެ ކުރިން ބަލައިލުމުގެ ފުރުސަތު ފީއެއް ދައްކައިގެން ލިބޭނެ ހިދުމަތެއް ތައާރަފުކުރަން ނިންމައިފިއެވެ. 'ޓްރުތު އޭޕީއައި' ގެ ނަމުގައި އަންނަ މަހު ފަށަން ނިންމާފައިވާ މި ހިދުމަތް އަމާޒުކޮށްފައިވަނީ ވޯލް ސްޓްރީޓްގެ ވިޔަފާރިވެރިންނާއި މާލީ އިދާރާތަކަށެވެ.
މި ހިދުމަތުގެ ދަށުން، ޓްރުތު ސޯޝަލްގެ އެންމެ މަގުބޫލު އެކައުންޓުތަކުން ކުރާ ޕޯސްޓުތައް، އާންމުކޮށް ފެންނަން ފެށުމުގެ މިލިސިކުންތުތަކެއް ކުރިން ފައިސާ ދައްކާ ފަރާތްތަކަށް ފެންނާނެއެވެ. ޓީއެމްޓީޖީގެ ވަގުތީ ޗީފް އެގްޒެކެޓިވް ކެވިން މެކްގާން ވިދާޅުވި ގޮތުގައި، ޓްރުތު ސޯޝަލްގެ ޕޯސްޓުތަކާ ގުޅިގެން މާލީ ބާޒާރަށް ބަދަލުތައް އަންނަމުންދާ ކަމަށާއި، މިއީ ކުންފުންޏަށް ދާއިމީ އާމްދަނީއެއް ލިބޭނެ މަގުފަހިކޮށްދޭނެ ހިދުމަތެއް ކަމަށެވެ. ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހިދުމަތަށް މަހަކު 100،000 ޑޮލަރު ނެގުމާ މެދު ކުންފުނިން ދަނީ މަޝްވަރާކުރަމުންނެވެ. މާލީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، ރައީސް ޓްރަމްޕްގެ ޕޯސްޓުތަކުން ބާޒާރަށް އަންނަ ބަދަލުތަކުގެ ސަބަބުން، ވާދަވެރިކަމުގައި ދެމިއޮތުމަށްޓަކައި މި ފީ ދައްކަން މަޖުބޫރުވާނެއެވެ.
ނަމަވެސް، މި ނިންމުމާ ގުޅިގެން ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ. ވޮޝިންޓަން ޔުނިވަސިޓީ ސްކޫލް އޮފް ލޯގެ ތަޖުރިބާކާރެއް ކަމަށްވާ ކެތްލީން ކްލާކް ވިދާޅުވި ގޮތުގައި، މިއީ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ކަންކަމުގެ މައުލޫމާތު ކުރިން ހޯދުމުގެ ފުރުސަތު ވިއްކުން ކަމަށާއި، މިއީ ސަރުކާރުގެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން އަމިއްލަ މަންފާ ހޯދުމުގެ އަމަލެކެވެ. ޓްރުތު ސޯޝަލްގައި އެންމެ ގިނަ މީހުން ފޮލޯކުރަނީ ރައީސް ޓްރަމްޕް ކަމަށްވާއިރު، އޭނާގެ ޕޯސްޓުތަކުން މާލީ ބާޒާރަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.
މި ހިދުމަތް އަންނަ މަހު ފެށުމަށް ތައްޔާރުވަމުންދާއިރު، ބައެއް ކަސްޓަމަރުން މިހާރުވެސް މި ހިދުމަތަށް ސޮއިކޮށްފައިވާ ކަމަށް ޓީއެމްޓީޖީން ބުނެފައިވެއެވެ. ނަމަވެސް، ރައީސް ޓްރަމްޕްގެ އަމިއްލަ އެކައުންޓުގެ ޕޯސްޓުތައް މި ހިދުމަތުގެ ތެރޭގައި ހިމެނޭނެކަން ނުވަތަ ނޫންކަން އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް