އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމާއެކު ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައި، ގޫގުލްގެ 4،500 އަށްވުރެ ގިނަ މުވައްޒަފުން ސޮއިކޮށް އެ ކުންފުނީގެ ސީއީއޯ ސުންދަރު ޕިޗާއީއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އަލްފަބެޓް ވޯކާސް ޔޫނިއަން (އޭޑަބްލިއުޔޫ) އިން އިސްނަގައިގެން ތައްޔާރުކުރި މި ޕެޓިޝަން ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކެލިފޯނިއާގެ މައުންޓަން ވިއުގައި ހުންނަ ގޫގުލްގެ މައި އޮފީހުގައެވެ. މި ޕެޓިޝަން ހުށަހެޅުމަށް ގާތްގަނޑަކަށް 100 އެއްހާ މުވައްޒަފުން ވަނީ އޮފީސް ބޭރަށް އެއްވެ އަޑުއުފުލައިފައެވެ.

މުވައްޒަފުންގެ މައިގަނޑު ޑިމާންޑްތަކުގެ ތެރޭގައި، މަޖުބޫރުން މުވައްޒަފުން ވަކިކުރުމުގެ ކުރިން އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު (ވޮލަންޓަރީ ބަޔައުޓް) ދިނުމާއި، ވަޒީފާއިން ވަކިކުރާ ހާލަތެއްގައި ޔަގީންކަމާއެކު ބަދަލު ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. ވަޒީފާއިން ވަކިކުރާ މީހުންނަށް ދޭ ފައިސާ، މުސާރަ ހިނގާ ޗުއްޓީއެއްގެ ގޮތުގައި ނެގޭނެ ގޮތް ހެދުމަށާއި، ވަކި އަމާޒުތަކެއް ހާސިލުކުރުމަށް މަޖުބޫރުކުރާ ޕާފޯމަންސް ރޭޓިން ސިސްޓަމް އުވާލުމަށް ވެސް ވަނީ ގޮވާލައިފައެވެ.

އޭޑަބްލިއުޔޫގެ ރައީސް އަދި ގޫގުލްގެ ސޮފްޓްވެއަރ އިންޖިނިއަރު، ޕާރުލް ކޯލް ބުނިގޮތުގައި، ގޫގުލް އަކީ މިހާރު ވެސް ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ކުންފުންޏެކެވެ. މުވައްޒަފުން ވަކިކުރުމަކީ އުނދަގޫ ނިންމުންތަކެއް ނޫން ކަމަށާއި، އެއީ ކުންފުނި ހިންގަން ތިބޭ މީހުންނަށްވުރެ ބޮޑަށް ފައިދާއަށް އިސްކަންދިނުން ކަމަށް އޭނާ ފާހަގަކުރެއެވެ.

ޓެކްނޮލޮޖީ ކުންފުނިތަކުން އޭއައިއަށް ބޮޑެތި ހޭދަތަކެއް ކުރަމުން އަންނައިރު، 2022 ވަނަ އަހަރުން ފެށިގެން ގޫގުލް، މެޓާ، އެމެޒޯން އަދި މައިކްރޮސޮފްޓް ފަދަ ކުންފުނިތަކުން ވަނީ އެތައް ހާސް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފައެވެ. ގޫގުލްއިން އެކަނިވެސް 2023 ވަނަ އަހަރު 12،000 މުވައްޒަފުން ވަކިކޮށްފައިވާއިރު، އޭގެ ފަހުން ވެސް އެކި ފަހަރުމަތިން މުވައްޒަފުން ވަނީ މަދުކޮށްފައެވެ.

މުވައްޒަފުން ޕެޓިޝަން ހިފައިގެން ސީއީއޯގެ އޮފީހަށް ދިޔައިރު އޭނާ އޮފީހުގައި ވަޑައިގެން ނެތުމުން، ޕެޓިޝަން ހަވާލުކޮށްފައިވަނީ އޮފީހުގެ މުވައްޒަފަކާ ކަމަށް ހަބަރުތައް ބުނެއެވެ.