(10 ޖުލައިގެ އަދަދާ ގުޅޭ)

"ތިޔަހެންވިއްޔާ މި ދެ ބޭފުޅުންނަށް ވަކީން ބޮޑަށް ޝުކުރު އަދާ ކުރާން ޖެހޭނެއެވެ." މިހެން ވިދާޅުވެފައި، ޖަނަރަލް އަނެއްކާވެސް އެ ދެ ބޭފުޅުންނާ ސަލާމް ކުރައްވައިފައި، އޭނާގެ ފޭލިގެއާ ދިމާޔަށް ހިންގަވައިގެންފިއެވެ.

ވިދިގެން އައި ދުވަހުގެ ހެނދުނު، ރަންބީރާއި ރާމްނާތާ ދެ ބޭފުޅުން ތިއްބެވީ سلطان محمود ގެ ފޭލިގެކޮޅުގެ ކުރިމަތީގައެވެ. سلطان محمود ފަތިސް ނަމާދަށް ފަހު ލަޝްކަރުގެ އިސް ވެރީންގެ ޖަލްސާއެއް ބާއްވަވާނެ ވާހަކަ އާއި، އެ ޖަލްސާއިން ނިމިވަޑައިގަތުމުން އެ ބޭފުޅުންނާ ބައްދަލު ކުރައްވާނެ ވާހަކަ عبدالواحد އޮތީ އެ ބޭފުޅުންގެ އަރިހުގައި ރޭގައި ވިދާޅުވެފައެވެ.

ރަންބީރާއި ރާމްނާތު ވަރަށް ގިނަ އިރު ބޭރުގައި އިންތިޒާރުގައި ތިއްބެވިއެވެ. އެންމެ ފަހުން އަމީރުންގެ ޖަލްސާ ނިމިއްޖެއެވެ. އެ ބޭފުޅުން ބޭރަށް ނުކުމެވަޑައިގެން ފޭލިގެކޮޅަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. އޭގެ ތެރެއިން އެއް ބޭފުޅެއް ފޭލިގެކޮޅުން ނުކުމެވަޑައިގަތުމާ އެކު، ސީދާ ވަޑައިގަތީ ރަންބީރާއި ރާމްނާތުގެ އަރިހަށެވެ. އޭނާ ވިދާޅުވިއެވެ. "ރަސްގެފާނު ތިޔަ ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ޓަކައި އަރިހަށް ގެންދަވާނެއެވެ. عبدالواحد އަދިވެސް ވަޑައިގެންވީ ފޭލިގެކޮޅުގައެވެ."

މި ބޭފުޅަކީ އޭގެ އެއް ދުވަސް ކުރީން ރަންބީރާ ދިމާޔަށް ރަޙުމަތްތެރިކަމުގެ އަތްޕުޅު ދިއް ކޮށްލެއްވި ތުރުކީ ޖަނަރަލެވެ. ރަންބީރު އޭނާއާ ވާހަކަ ދައްކަވާން ހުންނަވަނިކޮށް عبدالواحد ބޭރަށް ނުކުމެވަޑައިގެން އެ ބޭފުޅުންގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "ހިންގަވާށެވެ!"

ރަންބީރާއި ރާމްނާތު عبدالواحد ގެ ފަހަތްޕުޅުން ރަސްގެފާނުގެ ފޭލިގެކޮޅަށް ވެދެވަޑައިގެންފިއެވެ. ރަސްގެފާނު ހުންނެވީ ފޭލިގެކޮޅުގެ ތެރޭގައި ކޮޅަށެވެ. އެމަނިކުފާނުގެ ކަނާތްޕުޅު ފަރާތުން ދޫލަމަތީގައި އިށީނދެ އިން ކާތިބެއް ކޮންމެވެސް އެއްޗެއް ލިޔަމުން ގެންދެއެވެ. ރަންބީރާއި ރާމްނާތު ހިންދީންގެ އާދަކާދަޔާ އެއްގޮތަށް ދެ އަތްޕުޅު ޖޯޑު ކުރައްވައި އަދަބު އަދާ ކުރެއްވުމަށް ފަހު އިސް ދަށަށް ޖައްސަވައިގެން ހުއްޓިވަޑައިގެންފިއެވެ.

عبدالواحد ފާރިސީ ބަހުން ވިދާޅުވިއެވެ. "ދަރަޖަ މަތިވެރި ވެގެންވާ ސާހިބާއެވެ! މި ހުންނެވީ ރަންބީރެވެ. މި ހުންނެވީ ރާމްނާތެވެ. އަޅުގަނޑު މަނިކުފާނުގެ އަރިހުގައި ދެންނެވީ މި ދެ ބޭފުޅުންގެ ވާހަކައެވެ."

سلطان محمود ރަންބީރާ ދިމާޔަށް އިޝާރާތް ކުރައްވަމުން ވިދާޅުވިއެވެ. "މިއީ އަޅުގަނޑުމެންގެ ގައިދުގައި ހުންނެވި ޒުވާނާ ދޮގެއްތޯއެވެ؟"

"އާދޭހެވެ! އިއްޒަތްތެރި ސާހިބާއެވެ!" عبدالواحد ޖަވާބު ދެއްވިއެވެ. "މީނާ ޖަލުގައި ހުންނެވި ދުވަސްވަރު ވަނީ ފާރިސީ ބަސް ދަސްފުޅު ކުރައްވައިފައެވެ."

سلطان محمود ސީދާ ރަންބީރާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "އަޅުގަނޑު މަނިކުފާނުގެ ވާހަކަ އަހައިފީމެވެ. މަނިކުފާނުގެ ކޮއްކޮ ހޯދުން އަޅުގަނޑުގެ ވާޖިބުތަކުގެ ތެރޭގައި ހިމަނައިފީމެވެ."

ރަންބީރު ޝުކުރުވެރިކަމުގެ ނުއޮބެހެއްޓެވޭ ފަދަ ޖަޒުބާތަކާ އެކު ރަސްގެފާނާ ދިމާޔަށް ބައްލަވައިލެއްވުމަށް ފަހު އަނެއްކަވެސް އިސް ދަށަށް ޖައްސަވައިލައްވައިފައި ވިދާޅުވިއެވެ. "އިއްޒަތްތެރި ސާހިބާއެވެ! އަޅުގަނޑު އުއްމީދު ކޮށްގެން ހުރީ ވެސް ތިޔަ ގޮތަށެވެ."

سلطان محمود عبدالواحد އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. " عبدالواحد އެވެ! މަނިކުފާނުގެ މަސައްކަތްޕުޅު ނިންމަވައިފައި ކަނޑައެޅިފައި ވާ ގޮތަށް އަޅުގަނޑުމެންނާ ބައްދަލު ކުރެއްވޭނެކަން ޔަގީންފުޅު ވާ ނަމަ، ހަމަ މިއަދު ފުރައިވަޑައިގަންނަވާށެވެ. ލަޝްކަރުގެ ދެން ތިބި މީހުން ވެސް ވަރަށް އަވަހަށް އަތުވެދާނެއެވެ. އަޅުގަނޑު މިތަނުން ދަތުރު ކުރާނީ ސީދާ ގުނޫޖަށެވެ."

عبدالواحد ޖަވާބު ދެއްވިއެވެ. "އިއްޒަތްތެރި ސާހިބާއެވެ! މަނިކުފާނު ދަތުރު ކުރައްވަ މަގުމަތީގައި އަޅުގަނޑު އިންތިޒާރުގައި ހުއްޓައި މަނިކުފާނަށް ފެނިވަޑައިގަންނަވާނެއެވެ."

ރަސްގެފާނު ރާމްނާތާ ދިމާޔަށް އެނބުރިވަޑައިގެންފައި ވިދާޅުވިއެވެ. "އަޅުގަނޑަށް މަނިކުފާނަށް ކޮށްދެވޭނީ ކޮން ކަމެއްތޯއެވެ؟"

ރާމްނާތު އެއްޗެއް ވިދާޅުނުވެ ހުންނެވުމުން، عبدالواحد ތަރުޖަމާނެއްގެ ވާޖިބު އަދާ ކުރައްވަމުން ވިދާޅުވިއެވެ. "އިއްޒަތްތެރި ސާހިބާއެވެ! މިތަނަށް ވަޑައިގަތުމުގެ ކުރީން މީނާ އުޅުއްވީ ގަވާލިޔާރުގެ ސިފައިންގެ ތެރޭގައެވެ. ސޫމްނާތުގެ އަޅުވެރިޔަކު މީނާގެ ބައްޕަ ގަތުލު ކުރުމުގެ ސަބަބުން މީނާ ވަނީ އެ އަޅުވެރިޔާ ގަތުލު ކުރައްވައިފައެވެ. އެހެންކަމުން، އިންޑިއާގެ ކޮންމެ ފަރުދަކު ވަނީ މީނާގެ ދުޝްމަނަކަށް ވެފައެވެ."

"ސޫމްނާތު" ގެ ނަން އިވިވަޑައިގަތުމުން سلطان محمود ވަކީން ބޮޑަށް ސަމާލުކަން ދެއްވައިގެން ރާމްނާތާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. سلطان محمود އިރުކޮޅަކު މަޑު ކޮށްލައްވައިފައި ވިދާޅުވިއެވެ. "މަނިކުފާނު ސޫމްނާތުގެ ފައްޅި ދެކެވަޑައިގަތީމުތޯއެވެ؟"

ރާމްނާތު ޖަވާބު ދެއްވިއެވެ. "ނޫނެކެވެ! މާތް ސާހިބާއެވެ! އަޅުގަނޑުގެ ރަށަކީ ސޫމްނާތުގެ ފައްޅީގެ ޖާގީރުގެ ބައެކެވެ. ސޫމްނާތުގެ އަޅުވެރީން، ގޮއި އަދާ ނުކުރެވުމުން އެކަމުގެ ކުށުގައި އަޅުގަނޑުގެ ބައްޕަ ގަތުލު ކޮށްލީއެވެ."

"އަޅުގަނޑު އަޑު އަހައިފައި ވާ ގޮތުގައި، އެހެނިހެން ރަސްރަސްކަލުން ވެސް ވަނީ ސޫމްނާތުގެ ފައްޅިއަށް ވަރަށް ގިނަ ބިންތައް ހަދިޔާ ކުރައްވައިފައެވެ."

"އާދޭހެވެ! މާތް ސާހިބާއެވެ! ސޫމްނާތަކީ ހަމައެކަނި ފައްޅިއެއް ނޫނެވެ. ބޮޑު ރަސްކަމެކެވެ. އިންޑިޔާގެ އެންމެ ބޮޑު ރަސްކަމެވެ. ސޫމްނާތުގެ ޕަރައުހަތު އިންޑިޔާގެ ކޮންމެ ރަސްކަލެއްގެ އަތްޕުޅުން ޖިޒީ ނަންގަވައެވެ. ރަސްކަލުންނާއި ޝަހެންޝާހުން އޭނާގެ ފައިވާންޕުޅުގައި ބޮސް ދެއްވައެވެ."

"އޭގެ ސަބަބަކީ ކޮބައިތޯއެވެ؟" ރަސްގެފާނު ސުވާލު ކުރެއްވިއެވެ.

"އެއް ސަބަބަކީ ސޫމްނާތުގެ އަޅުވެރީންގެ މުއްސަނދިކަމާއި ބާރެވެ. އަޅުގަނޑުމެންނަށް ދަސް ކޮށްދެވިފައި ވަނީ ބާރާއި ފައިސާއަށް އަޅުކަން ކުރުމަށެވެ."

سلطان محمود ހިނިފުޅު ވަޑުވައިލެއްވިއެވެ. "އަޅުގަނޑު އަޑު އަހައިފައިވާ ގޮތުގައި، ސޫމްނާތުގެ އަޅުވެރީން އަޅުގަނޑުގެ ފުތޫޙާތުގެ އަސްލަކީ ސޫމްނާތުގެ ބުދު އެހެނިހެން ފައްޅިފައްޅީގެ ބުދުތަކާއި އަޅުވެރީން ދެކެ ނުގަބޫލުވުމޭ ބުނެއުޅެއެވެ."

"އާދޭހެވެ! އިއްޒަތްތެރި ސާހިބާއެވެ! މަނިކުފާނު ނުބައި ނިޔަތްޕުޅެއްގައި ސޫމްނާތަށް ވަޑައިގަންނަވާނަމަ، ފަތަޙައިގެ ބަދަލުގައި މަނިކުފާނުގެ ކޮންމެ ފިޔަވަޅުފުޅެއް އެޅުއްވޭނީ ހަލާކާ ދިމާޔަށް ކަމުގައި ވެސް އެބައިމީހުން ބުނެއެވެ."

"އަޅުގަނޑު ތިޔަ ވާހަކަ އަޑު އަހައިފީމެވެ. ތިޔައީ އަޅުގަނޑަށް ދެވޭ ދަޢުވަތެކެވެ. ނަމަވެސް ސޫމްނާތުގެ އަޅުވެރީން އަމިއްލަ ނަފުސާ މެދު އެހައި ވަރުގަދަ އިތުބާރެއް އެ އޮންނަނީ އަޅުގަނޑާ ތަންކޮޅެއް ދުރުގައި ތިބެވޭތީކީ ނޫންބާވައެވެ!"

ރާމްނާތު ޖަވާބު ދެއްވިއެވެ. "މާތް ވެގެންވާ ސާހިބާއެވެ! މަނިކުފާނު ކޯފާ އިސް ނުކުރައްވާނެނަމަ އަޅުގަނޑު ދަންނަވައިފާނަމެވެ. އެބައިމީހުން އަމިއްލަ ނަފުސާ މެދު އެހައި ބޮޑު އިތުބާރެއް އޮންނަނީ ހަމައެކަނި ތިޔަ ވިދާޅުވި ސަބަބަށް ޓަކައެއް ނޫނެވެ. އެބައިމީހުން ހަމައެކަނި އެބައިމީހުންގެ އަމިއްލަ ބާރުގައި ސޫމްނާތަކީ ފަތަޙަ ނުކުރެވޭނެ ބާރެއް ކަމުގައި ބެލިކަމުގައި ވިޔަސް، އެއީ އެބައިމީހުންގެ މޮޔަކަން ކަމުގައި ބައްލަވާކަށެއް ނުވާނެއެވެ. އަނެއްކާ، ސޫމްނާތުގެ ބުދު ޙިމާޔަތް ކުރުމަށް ޓަކައި ގަންގާ އާއި ޖަމްނާގެ މައިދާނުން ފެށިގެން ދެކުނު އިންޑިޔާގެ އެންމެ ދުރު ކަންކޮޅާ ހަމަޔަށް ހުރިހައި ރަސްރަސްކަލުންނާއި އަމީރުން ޖަމާ ވެވަޑައިގަންނަވާނެއެވެ. ސޫމްނާތުގެ ދޭވަތާގެ ސަބަބުން ފަތަޙަ ލިބޭނެކަމުގެ ޔަގީންކަމުގައި އެތަކެއް ލައްކަ އިންސާނުން ފައްޅީގެ ހަތަރު ފާރުގެ ތެރޭގައި ފުރާނަ އުދުއްސައިލާން ތައްޔާރު ކުރުވާނެއެވެ."

سلطان محمود غزنوی ވިދާޅުވިއެވެ. "އެ ދުވަސް ވާނީ ހިލައިގެ ބުދުތަކަށް އިންސާނުން އިތުބާރު ކުރާ އެންމެ ފަހު ދުވަސް ކަމުގައެވެ. ސޫމްނާތު ފައްޅީގެ ވީރާނާގެ ތެރެއިން، ޙަޤީޤީ މާނައިގައި ތިމާ ހެއްދެވި ރަސްކަލާނގެ ރަސްކަންފުޅު ދަންނަ އިންސާނިއްޔަތެއް ފައުޅު ވާނެއެވެ. ސޫމްނާތަކީ ކުފުރުގެ އަނދިރިކަމުގެ އެންމެ ފަހު ވަޒަނެވެ. އަނދިރީގެ ތެރެޔަށް ލޯ ހުޅުވައިލެވިފައި ތިބޭ މީހުން އެ ބުދުގެ ދިފާޢުގައި ޖާނު ދޭން ނުކުންނާނެކަން ޔަގީނެވެ. ނަމަވެސް އެބައިމީހުންނަކަށް އަޅުގަނޑުމެންގެ މަގު ބަންދެއް ނުކުރެވޭނެއެވެ. އަޅުގަނޑު އެ ދުވަހަކާ ހަމަޔަށް ދުނިޔޭގައި ލެހެއްޓެވުން އެދެމެވެ. މާތްﷲ ގެ އިރާދަފުޅާ އެކު އެ ދުވަސް ދެން މާކަ ދުރު ވާނެހެނެއް ހީއެއް ނުވެއެވެ." محمود ވާހަކަފުޅު ދައްކަވަމުން ގެންދެވީ ބޭރުފުށުން ރާމްނާތާ މުޚާޠަބު ކުރައްވައެވެ. ނަމަވެސް ހީވަނީ އަމިއްލަފުޅު ނަފުސާ ވާހަކަ ދައްކަވާހެންނެވެ. އެހެންކަމުން، ތަރުޖަމާ ކުރެއްވުމުގެ ބޭނުންފުޅެއް އޮތް ކަމަކަށް عبدالواحد އަށް ފެނިވަޑައެއްނުގެންނެވިއެވެ.

"ސޫމްނާތު ބުދުތަކުގެ އެންމެ ފަހުގެ ގެ – ސޫމްނާތު އަނދިރީގެ މަރުކަޒު."

ރަސްގެފާނު އިރުކޮޅެއް ވާންދެން މި ޢިބާރާތް ތަކުރާރު ކުރައްވަމުން ގެންދެވިއެވެ. އެޔަށްފަހު عبدالواحد އާ ދިމާޔަށް އެނބުރިވަޑައިގެންފައި ވިދާޅުވިއެވެ. " عبدالواحد އެވެ! މަނިކުފާނު ދެން ވަޑައިގަތަސް އެންމެ ރަނގަޅެވެ. މި ޒުވާނާ އަޅުގަނޑުމެންގެ މެހުމާނަކަށް ހުންނެވިހައި ދުވަހަކު ހުރިހައި ގޮތަކުން އޭނާއާ މެދު ޚިޔާލު ބަހައްޓަވާން ވާނެއެވެ."

ފޭލިގެކޮޅުން ބޭރަށް ނުކުމެވަޑައިގަތުމާ އެކު ރަންބީރު عبدالواحد އާ ސުވާލު ކުރެއްވިއެވެ. "މަނިކުފާނު ވަޑައިގަންނަވާން ތިޔަ އުޅުއްވަނީ ކޮން މަޢުރިކާއަކަށްތޯއެވެ؟"

"މަނިކުފާނަކަށް އެނގިވަޑައެއްނުގެންނެވިތޯއެވެ؟" عبدالواحد ޖަވާބު ދެއްވިއެވެ.

"މަނިކުފާނުގެ މަޠުލަބަކީ މަނިކުފާނު ...؟"

"އާދޭހެވެ!" عبدالواحد ރަންބީރުގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވައިފައި ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ދަނީ މަނިކުފާނުގެ ރަށަށެވެ."

(ނުނިމޭ)