ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ސަބަބުން މުޅި މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓު ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑުގައި ރައީސް "ވަން" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ބޭރުމަގު ފުޅާކުރުމުގެ މަސައްކަތަކީ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ހޯދައިދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު ކުރިއަށްދާ ބައިގެ މަސައްކަތްތައް ނިމި، ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އިއްޒުއްދީން ފާލަމާ ހަމައަށް މަގު ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި މަސައްކަތް ނިމުމުން އިއްޒުއްދީން ފާލަމުން ފެށިގެން އައިޖީއެމްއެޗާ ހަމަޔަށް ދަތުރުކުރާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބޭނެ. އަދި މަގުގެ އަރިމަތީގައި ޕާކުކުރުމުގެ ބަދަލުގައި، އަލަށް ހިއްކި ސަރަހައްދުގައި 500 އެއްހާ އުޅަނދު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އަލަށް ތަރައްގީކުރާ ސަރަހައްދުގައި ކީ-ވޯލް ތަކެއް ޖަހާފައިވުމުން، ލޯންޗް ފަހަރަށް ކައިރިކުރަން ކުރިއަށްވުރެ ބޮޑު ޖާގަ ލިބި، މުދާ އެރުވުމާއި ބޭލުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ދަތުރުވެރިން މަޑުކޮށްލައިގެން ތިބޭނެ ބެންޗުތަކާއި، ހިޔާ ލިބޭނެ އިންތިޒާމުތައްވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މަގުތައް ފުޅާކުރުމުގެ މަސައްކަތާއެކު، މާލޭގެ މަގުތަކަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ގަސް އިންދުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުން ފެށިގެން ވެސްޓް ޕާކާ ހަމައަށް އޮތް ހަލާކުވެފައިވާ މަގުތައް ހެދުމުގެ މަސައްކަތް ނިމުމުން، މާލޭގެ ބާޒާރުމައްޗާއި ވިޔަފާރި ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ހަމައެކަނި މަގުތައް ފުޅާކުރުން ނޫން ކަމަށާއި، މާލެއަށް އެތެރެކުރާ އުޅަނދުފަހަރު ކޮންޓްރޯލްކޮށް، ދިގު މުއްދަތުގެ ޕްލޭނެއްގެ ދަށުން ތޮއްޖެހުން ކުޑަކުރުންކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް